Roadha Mihaaru
މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ

ދެ ލަނޑުގެ ލީޑް ގެއްލި މެޗު އަތުން ދޫވެ މާޒިޔާގެ ބާރު ކެނޑިއްޖެ

07 ނޮވެމްބަރ 2023

ގަލޮޅު ދަނޑުގައި އިންޑިއާގެ އޮޑީޝާ އެފްސީއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑު ގެއްލި 3-2 އިން މާޒިޔާ ބަލިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިންޑިއާގެ އޮޑީޝާ އެފްސީއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑު ގެއްލި 3-2 އިން މާޒިޔާ ބަލިވެއްޖެ އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު މެޗުގެ ފުރަތަމަ ހާފު މާޒިޔާ ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެވަނަ މިނިޓުގައި އައިސަމް އިބްރާޙިމް ފޮނުވާލި ބޯޅައެއް ހޯދައިގެން ގޯލު ޖެހީ އޭރިއާ ތެރޭ ހުސްކޮށް ހުރި ނާއިޒް ހަސަން (ދާދު) އެވެ.

މާޒިޔާ ލީޑު ނެގި ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މޯޓަޑާ ފޯލް، މާޒިޔާގެ ވޮޖިސްލާވް ބަލަބަނޮވިޗަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ 26 ވަނަ މިނިޓުގައި ގޯލަށް ފޮނުވާލީ ވެސް ބަލަބަނޮވިޗެވެ.

ދެވަނަ ހާފުގައި ގެނައި ބަދަލުތަކާ އެކު އޮޑީޝާ ވަނީ ކުރީ ހާފަށް ވުރެ ބޮޑަށް ކުޅުން ރަނގަޅުކޮށް މާޒިޔާގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ. އެގޮތުން 65 ވަނަ މިނިޓުގައި ކޯނަރަކުން ހުރަސް ކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން އޮޑީޝާ އަށް ފަރަގު ކުޑަ ކޮށްދިނީ ފޯލް އެވެ.

އޮޑީޝާ އިން 72 ވަނަ މިނިޓުގައި ޑިއޭގޯ މައުރީސިއޯ ކާމިޔާބު ކުރި ލަނޑާ އެކު ނަތީޖާ އެއްވަރު ކުރިއިރު، މޮޅުވި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ރޯއީ ކްރިޝްނާ އެވެ.

މާޒިޔާ އާއި އޮޑީޝާ އާއެކު މި ގުރޫޕުގައި ހިމެނޭ ބަޝުންދަރާ ކިންގްސް އާއި މޯހަން ބަގާން މިރޭ ބައްދަލުކުރާނެ އެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި އެންމެ މޮޅަކާ އެކު ތިން ޕޮއިންޓް ހޯދައިގެން މާޒިޔާ އޮތީ ގުރޫޕްގެ އެންމެ ފުލުގަ އެވެ. އޮޑީޝާ ވަނީ މިއަދު ހޯދި މޮޅާ އެކު ހަ ޕޮއިންޓް ހަމަކޮށްގެން ވަގުތީ ގޮތުން ގުރޫޕްގެ ދެވަނައަށް ޖެހިލައިފަ އެވެ. އެއް މެޗު މަދުން ކުޅެގެން މޯހަން ބަގާން ހަތް ޕޮއިންޓާ އެކު އެއްވަނައިގައި އޮތްއިރު ބަޝުންދަރާ ކިންގްސް ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ވާދަކުރާއިރު ރާއްޖޭގެ ލީގު އޮތީ ހުއްޓިފަ އެވެ. އެންމެ ފަހުން މާޒިޔާ ލީގު މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް މަހު 23 ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން، ސެޕްޓެމްބަރު 19 ގައި މާލޭގައި ކުޅުނު އޭއެފްސީ ކަޕް ފުރަތަމަ މެޗުގައި ބަޝުންދަރާ ކިންގްސް ބަލިކުރި އެވެ. އެއަށް ފަހު، މިދިޔަ މަހު އިންޑިއާގައި މޯހަން ބަގާނާއި އޮޑީޝާ އަތުން ވެސް ވަނީ ބަލިވެފަ އެވެ.

މާޒިޔާ އަށް ދެން އެންމެ އަވަހަށް ކުޅެން ތާވަލް ކުރެވިފައި އޮތީ މި މަހުގެ 27 ވަނަ ދުވަހު ބަންގްލަދޭޝްގައި ބަޝުންދަރާ ކިންގްސް އާ ދެކޮޅަށް ކުޅޭ މެޗެވެ.