Roadha Mihaaru
އީގަލްސް އަށް އޭއެފްސީ ކަޕްގެ ދޮރު ބަންދުވެއްޖެ

އަބަހާނީ އަތުން ބަލިވެ އީގަލްސް އަށް އޭއެފްސީ ކަޕްގެ ދޮރު ބަންދު

16 އޯގަސްޓް 2023

މެޗުގެ ފަހު ވަގުތު ޑާކާ އަބަހާނީ އަތުން 2-1 ން ބަލިވެ ކްލަބް އީގަލްސް އަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ދޮރު ބަންދުވެއްޖެ އެވެ.

މެޗުގެ ފަހު ވަގުތު ޑާކާ އަބަހާނީ އަތުން 2-1 ން ބަލިވެ ކްލަބް އީގަލްސް އަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ދޮރު ބަންދުވެއްޖެ އެވެ.

ބަންގްލަދޭޝްގައި މިއަދު ކުޅުނު މެޗުން އަބަހާނީ މޮޅުވުމުން، ދެ އެ ޓީމު ދަތުރު ކުރާނީ، އޭއެފްސީ ކޮލިފައިންގެ ޕްލޭއޮފް ބުރަށެވެ. އެ ބުރުގައި އެ ޓީމު ވާދަ ކުރާނީ އިންޑިއާގެ މޯހަން ބަގާން އާއެވެ.

ދަނޑުގެ ވިނަގަނޑުން ބޮޑު ބައެއް ހަލާކުވެފައި އޮތުމުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ކުޅެން އުނދަގޫވި އެވެ. އެކަމަކު އަބަހާނީ އަށް ހޯމް އެޑްވާންޓޭޖް ނަގައި ފުރަތަމަ ލީޑް ނެގި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި 2020 ގައި އަބަހާނީ ބަލި ކުރަން މާޒިޔާ އަށް އެހީވެ ދިން ކޯނޭލިއަސް ސްޓްވާޓް މިއަދު ވަނީ، އީގަލްސް ބަލި ކުރަން އަބަހާނީ އަށް އެހީތެރި ވެދީފަ އެވެ.

އުޖުކުވޯ ޑޭވިޑް އިފިގީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ފޮނުވާލައި ކޯނޭ އަބަހާނީ އަށް ލީޑް ނަގައި ދިނީ މެޗުގެ 21 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފުގައި އީގަލްސް އަށް ގޯލާ އަމާޒުކޮށް އެންމެ ބޯޅައެއް ވެސް ފިނުވާ ނުލެވުނެވެ. އެކަމަކު މެޗުގެ ކުރީކޮޅު އަހުމަދު ރިޒްވާން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.

އަބަހާނީ އާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން އަބަހާޏީ ކުޅުންތެރިޔެއް އަތުން ބޯޅަ ހޯދަން އީގަލްސްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ: އަބަހާނީ

އަބަހާނީ އާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން އަބަހާޏީ ކުޅުންތެރިޔެއް އަތުން ބޯޅަ ހޯދަން އީގަލްސްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ: އަބަހާނީ

އީގަލްސް އަށް ނޭވާއެއް ލެވުނީ ދެވަނަ ހާފުގައި ރިޒޭ ނަތީޖާ ހަމަހަމަކޮށް ދިނުމުންނެވެ. އަބަހާނީގެ އޭރިއާގެ ބޭރުން އީގަލްސް އަށް ލިބުނު ބޯޅަ އީގަލްސްގެ މިލޮވަން ޕެޓްރޯވިޗް އޭރިއާ ތެރެއަށް ނަގައި ދިނުމުން، އަބާހާނީ ކުޅުންތެރިން މާކުނުކޮށް ހުރި ރިޒޭ ވަނީ ބޯޅަ ގޯލަށް ފޮނުވައިލައިފަ އެވެ. ލަނޑަށް ފަހު އީގަލްސްގެ ކުޅުން ރަނގަޅު ކުރި އެވެ.

އަބަހާނީ މެޗުން މޮޅުކޮށް ދިން ލަނޑު 88 ވަނަ މިނެޓްގައި ޖެހީ ޑަނިލޯ ކުއިޕާޕާ އެވެ. މުޒައްފަރޯވް ނަގައި ދިން ކޯނަރު ކުއިޕާޕާ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލި އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ އެންމެ ފަހު ވަގުތުގައި އަބަހާނީގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އީގަލްސްގެ އަބްދުލް މާލިކް ޓޮޕްޝްލަޓޯވް ބޯޅަ އަށް މަސައްކަތް ކުރަނިކޮށް، އަބަހާނީގެ ޑިފެންޑަރު އޭނާ އަށް ބޯޅަ ގެއްލުވާލުމުގެ ގޮތުން ފައުލު ކުރި އެވެ. އަބްދުލް މާލިކް ވެސް ޕެނަލްޓީ އަށް އެޕީލް ކުރި އެވެ. އެކަމަކު ރެފްރީ ނިންމުން އައީ ޕެނަލްޓީ އެއް ނޫން ކަމަށެވެ.