Roadha Mihaaru
އެންމެ ބޮޑު ގެއްލުމެއްވީ ތައުލީމީ ދާއިރާއަށް: ފައިސަލް

ކޮވިޑްގައި އެންމެ ބޮޑަށް ގެއްލުންވީ ތައުލީމީ ދާއިރާ އަށް: ނައިބު ރައީސް

10 އޯގަސްޓް 2021

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާ އަށް ކަމަށާއި އެ ދަތި ހާލަތުގައި ވެސް ޓީޗަރުންނާއި އެ ދާއިރާގެ ހިންގުންތެރިން ކުރި ބުރަ މަސައްކަތް ބަލައިގަންނަ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާ އަށް ކަމަށާއި އެ ދަތި ހާލަތުގައި ވެސް ޓީޗަރުންނާއި އެ ދާއިރާގެ ހިންގުންތެރިން ކުރި ބުރަ މަސައްކަތް ބަލައިގަންނަ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުން ފާހަގަކުރުމަށް ކަލާފާނު ސްކޫލުގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑާ އެކު ކުރިމަތިވި ދަތި ދުވަސްވަރު، ޓީޗަރުންނާއި ސްކޫލްތަކުގެ ހިންގުންތެރިން ކުރީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ހާއްސަ މަސައްކަތެއް ކަމަށެވެ.

ގައުމަށް ފައިދާ ހުރި، ހީވާގި މީހުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާ ވެސް ވަރަށް ބޮޑު ކަމަށާއި ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ބައެއްގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ކަލާފާނު ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު ބޭނުންކުރުން ވެސް އިފުތިތާހު ކޮށްދެއްވައިފަ އެވެ. މި ލިފުޓުގެ ބަހައްޓާފައި ވަނީ އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

ކަލާފާނު ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު، ނައިބް ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކަލާފާނު ސްކޫލުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބެހެއްޓި ލިފްޓު، ނައިބް ރައީސް ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"... އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި ތައުލީމީ ދާއިރާގެ މީހުންގެ މުސާރައާ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ،" ނައިބު ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތާ އެކަށީގެންވާ ވަރަށް މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް، ދިރާސީ އާ އަހަރު ފާހަގަކުރަން މިއަދު ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް ދޮޅު އަހަރަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ކިޔަވައިދޭން ފެށީ 92،000 ވުރެ ގިނަ ދަރިވަރުންނާ އެކު އެވެ.

ސަރުކާރުން ވަނީ އާ އާއްމު ހާލަތާ އެކު ކުރިއަށް ދިއުމަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. އެ ކެމްޕެއިންގެ ތެރެއިން، ސްކޫލްތަކުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމާއި އަދި 12-17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ދޭން ފަށަން ވަނީ ނިންމައިފަ އެވެ. މި ހަފުތާ ތެރޭގައި ދަރިވަރުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ އެވެ.