Roadha Mihaaru
އަންނަ އަހަރު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެ

އަންނަ އަހަރު ސްކޫލް ބޮޑު ޗުއްޓީ އަނެއްކާވެސް ޑިސެމްބަރުގައި

07 ޖެނުއަރީ 2024

ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް ޖެނުއަރީއަށް ބަދަލުކުރާނީ 2026 ވަނަ އަހަރު ކަމަށާއި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް ޖެނުއަރީއަށް ބަދަލުކުރާނީ 2026 ވަނަ އަހަރު ކަމަށާއި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ އަންނަ އަހަރު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ ކަމަށާއި 2026 ވަނަ އަހަރު ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ނިންމީ ކުއްލިއަކަށް އެ ބަދަލު ނުގެންނަން ކަމަށެވެ. އޭގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހުތަކަކާ އެކު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަމަށް ހައްލު ހޯދަން ނިންމީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ފެށޭނީ ޖެނުއަރީ މަހު. ޖުލައިގައި ތިން ހަފްތާގެ ޗުއްޓީއެއް. ޑިސެމްބަރު 4 ހަފްތާގެ ޗުއްޓީއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"މިކަން ކުރެވިފައި ވަނީ ކަމާ ގުޅޭ ފަރާތްތަކާ ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރައްވައިގެން."

ކުރިއަށް އޮތް ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓްރީން މި ބަދަލުތަކުގެ ތަފްސީލް ދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

މި ބަދަލު ގެނައީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. ދިރާސީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.