Roadha Mihaaru
"ހޮނިހިރު ދުވަހު ކިޔަވައިދޭން ރަސްމީކޮށެއް ނުނިންމާ"

ހޮނިހިރު ދުވަހު ކިޔަވައިދޭކަށް ރަސްމީކޮށެއް ނުނިންމާ: އެޑިއުކޭޝަން މިނިސްޓްރީ

14 ޖެނުއަރީ 2024

ދިރާސީ އާ އަހަރު ފެށުން ލަސްކުރުމާ ގުޅިގެން ސިލަބަސް ކަވަރު ކުރުމަށްޓަކައި ހަފުތާ ބަންދު ކަމަށްވާ ހޮނިހިރު ދުވަހު ކިޔަވައިދޭން ރަސްމީކޮށް ނިންމާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދިރާސީ އާ އަހަރު ފެށުން ލަސްކުރުމާ ގުޅިގެން ސިލަބަސް ކަވަރު ކުރުމަށްޓަކައި ހަފުތާ ބަންދު ކަމަށްވާ ހޮނިހިރު ދުވަހު ކިޔަވައިދޭން ރަސްމީކޮށް ނިންމާފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ވެސް ކިޔަވައިދޭ ގޮތަށް ރަސްމީކޮށް ބަދަލު ކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުންނެވެ.

އޭނާ ވިދާޅުވީ، އެ މިނިސްޓްރީން ނިންމީ ކޮންމެ ޓާމެއްގެ ދެ ފަހަރު އޮންނަ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ބައްދަލުވުން ހޮނިހިރު ދުވަހު ބާއްވާށެވެ. ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ހަރަކާތްތައް މިހާރު ގިނަ ސްކޫލްތަކުގައި ބާއްވަނީ ބުރާސްފަތި ދުވަހު އެވެ. އެއީ ސްކޫލްގައި ކިޔަވައިދޭ ދުވަހަކަށް ވިޔަސް ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކަށްޓަކައި އެ ދުވަހުގެ ކިޔެވުމެއް ނުބާއްވަ އެވެ.

"ދެން އަޅުގަނޑުމެން މި ނިންމީ ކޮންމެ ޓާމަކު އެ ބާއްވާ ޕީޓީއޭގެ ބައްދަލުވުން ހޮނިހިރު ދުވަހު ބާއްވަން. ޕީޓީއޭގެ ބައްދަލުވުން ވެސް ސްކޫލްތަކުގައި މިހާރު ބާއްވަނީ ކިޔަވައިދޭ ދުވަސްތަކުގައި. ހޮނިހިރު ދުވަހަކަށް އެކަން ބަދަލުކުރަން މި ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހޮނިހިރު ދުވަހަކީ ސްކޫލްތަކުގައި ކިޔަވައިދޭ ރަސްމީ ދުވަހަކަށް ހަދަން ނިންމާފައިވާ ކަމަށް ބުނެ ވާހަކަ ދެއްކެވެނީ އޮޅުން އަރާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް ބައެއް ސްކޫލްތަކުން އަމިއްލަ އަށް ބައެއް ހާލަތުތަކުގައި ހޮނިހިރު ދުވަހު އެކި ކުލާސްތައް ބާއްވާ ކަމަށާއި އެ ކަމަށް ހުރަހެއް ނެތް ކަމަށެވެ.

ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން ފަސްކުރުމާ ގުޅިގެން ސިލަބަސް ކަވަރުކުރާ ނަމަ ހޮނިހިރު ދުވަހު ކިޔަވައިދޭން ޖެހޭނެ ކަމަށެވެ. އެކަމަކު، އެކަން އެހެން ނުކޮށް ވެސް ސިލަބަސް ކަވަރު ކުރެވޭނެ ކަމަށް މިނިސްޓްރީން ދެކެ އެވެ.