Roadha Mihaaru
ވެހިކަލް ގަރާޖަށް ދެން ހުއްދަ ދޭނީ ސިޓީ ކައުންސިލުން

މާލޭގައި ވެހިކަލް ގަރާޖުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރާނީ ސިޓީ ކައުންސިލުން

01 އޯގަސްޓް 2021

މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުން މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސަރަހައްދުގައި ވެހިކަލް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުން މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދު އެންމެ ކުރިއްސުރެ މާލޭގައި ރަޖިސްޓަރީ ކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ. އެކަމަކު މިއަދުން ފެށިގެން ދެން އެ މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތަކަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އުޅަނދު ބާއްވާނެ ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ކަންކަން އެ ކައުންސިލުން ކުރާ ގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ގަރާޖު ހުއްދަ ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމުގެ ތުހުމަތުތައް ގިނަ އެވެ. އެއް ގަރާޖަކަށް، ޖާގައާ އެކަށީގެންނުވާހާ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމާއި ގަރާޖުތަކަށް ރަޖިސްޓަރީކުރާ ވެހިކަލްތައް މަގުމަތީގައި ޕާކްކުރާ ކަމުގެ ޝަކުވާ އަބަދު ވެސް ބޮޑެވެ.

ގަރާޖު ހުއްދަ ދޫކުރުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމައި ޓްރާންސްޕޯޓް އޮތޯރިޓީން އެކަން އިއުލާންކުރީ މިދިޔަ މަހު އެވެ.

އެ އޮތޯރިޓީން ކައުންސިލްއާ އެކު މަޝްވަރާ ކުރުމެއް ވެސް ނެތި، ޖަރާޖު ހުއްދަ ދޫކުރުމުގެ ކަންކަން ކުއްލިއަކަށް އެ އިދާރާގެ ދަށަށް ބަދަލުކުރުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

އޭނާގެ ކަންބޮޑުވުމަކީ މި މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓާއި މުވައްޒަފުންނާއި އިތުރު ވަސީލަތްތައް ހަމަޖެހިފައި ނެތުމެވެ. މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސިޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީގައި ވެސް ފަހުން އެދިފައިވެ އެވެ.