Roadha Mihaaru
ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދު އިތުރުކޮށްފި

މުލީއާގެ ކައިރިން ދަމުން އަތުގައި ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް އިތުރު 15 ދުވަސް

31 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލީއާގެ ކައިރިން ހިނގާފައި ދަމުން، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ މީހުންގެ ކައިރީގައި އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ގެކޮޅު މުލީއާގެ ކައިރިން ހިނގާފައި ދަމުން، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ މީހުންގެ ކައިރީގައި އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ދީފި އެވެ.

މުލީއާގެ ކައިރިން މި މަހުގެ ނުވަ ވަނަ ދުވަހު ހިނގާފައި ދިޔަ ދެ މީހުން ތެރެއިން އެކަކު، ބޮމެއް އޮތް ކަމަށް ބުނީ ސެކިއުރިޓީ ބަލަހައްޓަން މަގުމަތީގައި ހަރަކާތްތެރިވި ސިފައިންގެ މީހަކު ބަލަން ފެށުމުން އެ މީހާއާ ދިމާއަށް ކަމަށް އެނގިފައި ވެ އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ބައެއް ކަމަށް އެނގިފައިވެ އެވެ. އެ ދެ މީހުން މުލީއާގެ ކައިރިން ދިޔައީ ރިހެބުން ގެ އަށް މަގުމަތީގައި ކަމަށް ވެ އެވެ.

އެ ދެ މީހުން ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން އެކަކު އެ ރޭ ދޫކޮށްލީ އެވެ.

ތަހުގީގަށް މިހާރު ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ދިނުމަށް ފަހު، ބަންދުގެ މުއްދަތު އިތުރު ކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން އެ ދުވަހު 15 ދުވަަސް އިތުރު ކޮށްދީފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ އަށެއްގަ އެވެ.

އެ މީހާގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާ ވަނީ "ސިފައިންނާ ދިމާލަށް އެއްޗެއް ބުނެވުނު" ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ބުނެފަ އެވެ. ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހުރީ މަސްތުވާތަކެތިން ސަލާމަތް ވުމަށް ކާ ބޭހެއް ބޭނުންކޮށްގެން ކަމަށް ކޯޓުގައި ބުނެފަ އެވެ. އަދި އެއީ "މަސްތުވާ" ޒާތުގެ ބޭހެއް ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ޚަބަރު ދިނުމުގެ ތުހުމަތެވެ.