ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން މުޖުތަމައަށް ދޫކޮށްލާފައި ތިބުމަކީ ނުރައްކަލެއް ކަމަށް ގަބޫލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ އެންމެ ކުޑަވެގެން ޕީޕީއެމްގެ މެމްބަރުން ވެސް އެގޮތަށް ހީކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ފުލުހުންނާއި ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ބޭފުޅުން ހައްޔަރު ނުކޮށްފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ އެވެ.
30 ޖުލައި 2017
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން މުޖުތަމައަށް ދޫކޮށްލާފައި ތިބުމަކީ ނުރައްކަލެއް ކަމަށް ގަބޫލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ އެންމެ ކުޑަވެގެން ޕީޕީއެމްގެ މެމްބަރުން ވެސް އެގޮތަށް ހީކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު ފުލުހުންނާއި ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ބޭފުޅުން ހައްޔަރު ނުކޮށްފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ އެވެ.
މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ނަމަ މެމްބަރުން ވިޔަސް އަވަހަށް ހައްޔަރުކުރަންވީ އެވެ. އެކަމާ މެދު އެއްވެސް ބަޔަކު ދެބަހެއް ނުވާނެ އެވެ. އެކަމަކު މައްސަލައަކަށް ވެގެން މިއުޅެނީ ތާކުންތާކު ނުޖެހޭ ކަމެއްގައި، ވަހީދާއި އަމީތު އަދި ސައުދު ހައްޔަރުކޮށް، ގަވައިދުގައި ބުނާ އެންމެ ދިގު މުއްދަތަށް (15 ދުވަސް) ބަންދު ކުރުމުންނެވެ. ކިހާ ނުރައްކާތެރި ހެއްޔެވެ؟ މާރާމާރީ އާއި ގޭންގް ކުށްތަކުގެ ތުހުމަތުގައި އުޅޭ މީހުންގެ މައްސަލަ ވެސް ބައެއް ހާލަތުގައި މިހާ ހިސާބަށް ގެންދާ ހެނެއް ހިއެއް ނުވެ އެވެ. ބަނގުރާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ދާދި ފަހުން ހައްޔަރުކުރި، މި ސަރުކާރުގެ ބޭފުޅަކު ވެސް ތަހުގީގަށް ހައްޔަރުކުރުމުގެ ބަދަލުގައި ފަސް ދުވަސް ގޭ ބަންދުކުރީ އެވެ. އެންމެ ފަހުން ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރީ އެވެ.
ނަމަވެސް ހައްޔަރުކުރި ތިން މެމްބަރުންގެ ތެރެއިން އަމީތު ކަފާލާތުގެ ދަށުން ދޫކޮށްދޭން އޭނާގެ ގާނޫނީ ވަކީލު އެދިވަޑައިގަތުމުން އެންމެ ކުޑަމިނުން އެ ފުރުސަތު ވެސް ނުދެއްވި އެވެ.
ވަހީދާއި އަމީތާއި ސައުދުގެ ކުށަކީ މަޖިލިހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލިހުގެ އިދާރާގެ ތެރެއަށް މިދިޔަ ހޯމަ ދުވަހު ވަދެވަޑައިގަތުމެވެ. އަދި މަޖިލިހަށް ވަޑައިގެންނެވި މަގުމަތީގައި، މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލުން ކަމަށް ފުލުހުން އެދިގެން ނެރުނު ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް މިއީ ގާނޫނީ އެތައް ސުވާލުތަކެއް އުފެދޭ މައްސަލައެކެވެ. މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް އެ ބޭފުޅުން ހުށަހެޅުއްވި މައްސަލަ ވަނީ ބަލައިގެންފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމުގެ ފަހުގެ ނިންމުން ނިންމުގެ ބާރު ގާނޫނުއަސާސީން ދީފައި ވަނީ ސުޕްރީމް ކޯޓަށެވެ. އެހެންކަމުން އެ ބޭފުޅުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގަތުމުން ހަރުކަށި ފިޔަވަޅު އަޅައި ޖަލަށް ލުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ.
"އަޅުގަނޑަށް މިއީ ވަރަށް ތާކުންތާކު ނުޖެހޭ އަދި އެއްވެސް އުސޫލެއް ނެތް ނިންމުމެއް. މިއީ ހައްޔަރުކޮށް، 15 ދުވަހަށް ދޫނިދޫ ޖަލަށް ނުލިޔަސް ނިންމާލެވޭނެ ކަމެއް. މިވަރުގެ ކަމެއްގައި މެމްބަރުންތަކަކަށް މިހާ ވަރު އަރުވާލީމަ އެނގެނީ ފުލުހުން މުއައްސަސާ ސިޔާސީ ވެފައިވާ މިންވަރު،" ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުންވަނީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލާށެވެ. އެހެންވެ އެ ކަމަށް ފުލުހުންގެ ތެރެއިން އެހީތެރިވަނީ ކަމަށް އަލީ ވިދާޅުވި އެވެ.
ވަހީދު މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު
ތިން މެމްބަރުން ހައްޔަރުކުރުމުގެ އެއް ސަބަބަކީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެފައިވާއިރު، އެ ބުނާ ހެއްކަކީ، މަޖިލިހުގެ މެމްބަރުން ނޫން ބަޔަކު މަޖިލިހުގެ އިދާރާގެ ތެރެއަށް ވަން މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހުގެ އިދާރާ އިން ފުލުހުންނަށް ފޮނުވި ސިޓީ އާއި އޭގެ ކޮޕީ އެވެ. އެ ހެއްކަށް ތިން ބޭފުޅުން ނުފޫޒު ފޯރުވާނެ ގޮތެއް ހަމަ ނުވިސްނެ އެވެ.
"ފުލުހުންގެ އިދާރާގައި އޮތް ސިޓީއަކާއި ކޮޕީއަކަށް ބަޔަކަށް ނުފޫޒު ފޯރުވޭ ނަމަ އެ ބުނަނީ ފުލުހުންނަކީ ރިޝްވަތު ހިފާފާނެ ކަމަށް ބެލެވޭ ބައެކޭ. އިންވެސްޓިގޭޓް ކުރާ އޮފިސަރު ވެސް އެކަން އެގޮތަށް ގަބޫލުކުރެއޭ. އިތުބާރެއް ނެތޭ. މިއީ ފުލުހުންގެ އަގު ވައްޓާލުމަކަށް ނުވޭތޯ؟،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަމީތު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްގެން ދޫނިދު އަށް ގެންދަނީ.
އަމީތުގެ ވަކީލު އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހު ސިޓީ އާއި ކޮޕީގެ އިތުރުން، ހެކީގެ ގޮތުގައި މީހުން ވެސް ތިބި ކަމަށް ދައުލަތުން ކޯޓުގައި ވަނީ ބުނެފަ އެވެ. އެއީ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދުގެ ތެރެއަށް އަދި އެ އިދާރާ އަށް މެމްބަރުން ވަދެވަޑައިގެންނެވި މަންޒަރު ފެނުނު ކަމަށް ބުނާ މީހުންނެވެ. ނަމަވެސް އަލީ ޒާހިރު ވިދާޅުވީ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގަތް ކަމަށް ތިން ބޭފުޅުން ވެސް ދެކޮޅު ނުހައްދަވާއިރު، ކޮންމެހެން އެކަމަށް ބަޔަކު ހެކިންގެ ގޮތުގައި ބޭނުމެއް ނުވެ އެވެ. ތިން މެމްބަރުން މަޖިލިހުގެ އިދާރާގައި އެ ދުވަހު ތިއްބަވަނިކޮށް ނަގާފައިވާ ވީޑިއޯ އާއި ފޮޓޯ އެބަ ހުއްޓެވެ. އޭގެ ތެރެއިން އަމީތު މަޖިލިހުގެ އިދާރާ އިން ނެރެގެން ފުލުހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ވެސް ފެނެ އެވެ.
"އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ މި ބޭފުޅުން މަޖިލިހަށް ވަން ކަން ޔަގީން ކުރުމަށް ހެކިން ބޭނުންވާ ސަބަބެއް. މި ތިން ބޭފުޅުން ދޮގެއް ނުކުރައްވާ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ކަމަކަށް،" އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ޒާހިރު ވިދާޅުވި އެވެ.
"މި މައްސަލަ ކުރިއަށް ގެންދަނީ އާންމު އުސޫލުތަކުގެ ބޭރުން. އެއީ ހަގީގަތް. އެއިން މި އެނގެނީ ސިޔާސީ ނުފޫޒު އޮތް މިންވަރު."
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ފުލުހުންގެ ހަރަކާތްތަކުން އެ މީހުން ސިޔާސީ ވެފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް އެނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. ވަހީދާއި އަމީތާއި ސައުދާ މެދު އަމަލުކުރާ ގޮތް އެއީ އެއް މިސާލެވެ. މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން އަމުރު ހޯދުމަށް ފަހު، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނާ އެ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ހައްޔަރުކުރީ އޭގެ ތިން ދުވަސް ނުވަތަ ހަތަރު ދުވަސް ފަހުންނެވެ. ހެއްކަށް ނުފޫޒު ފޯރުވައި އަދި މުޖުތަމައުގެ ސަލާމަތަށް މިހާ ނުރައްކާތެރި ބަޔަކު 3-4 ދުވަސް ވަންދެން ދޫކޮށްފައި ތިބުމަކީ މައްސަލައެއް ނޫން ހެއްޔެވެ؟
މީގެ އިތުރުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ފަހުން މިއަދާ ހަމައަށް އެ ބޭފުޅުން ކޮންމެ ދުވަހަކު ތަހުގީގަށް ހާޒިރުކުރެ އެވެ.
އިބޫ މިދިޔަ ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ވަންނަވަން ފުލުހުންގެ އިދާރާ ކައިރީގައި މަޑުކޮށްލައްވައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ސިޔާސީ ބޭފުޅުން ފުލުފުލުން ފުލުސް އޮފީހަށް ހާޒިރުކުރަމުން ދަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅި ހަރައި ޒަޚަމްކޮށްލި ޒުވާނާ ރޭ މަރުވިއިރު ވެސް، އެ މާރާމާރީގައި ބަޔަކު ހައްޔަރެއް ނުކުރެވެ އެވެ. އެ މާރާމާރީގެ ކުރިން، ފުލުހުންނަށް އިންޓެލް ރިޕޯޓެއް ވެސް ތައްޔާރުކުރެވިފައެއް ނުވެ އެވެ. ސިޔާސީ މީހެއް ނަމަ، މަތިމައްޗަށް އިންޓެލް ރިޕޯޓެވެ. އެ ރިޕޯޓަށް ބިނާކޮށް ކޯޓު އަމުރު ލިބި، ހައްޔަރުކޮށް، ޖަލަށް ވެސް ލެވެ އެވެ. ބަންދުގެ މުއްދަތަށް ވެސް ޖަހަނީ 15 ދުވަހެވެ.
"ފުލުހުންގެ އިދާރާގައި މިވަގުތު އޮތީ މިކަން އެކަނި ކަމަށް ވެދާނެ ނޫންތޯ؟ މަޖިލިހަށް ވަން މެމްބަރުންގެ މައްސަލަތައް ނިންމާފައި އެހެން ކަމެއް ނުބަލާ ގޮތަށް އޮތީ ކަމަށް ވެދާނެ ނޫންތޯ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ވަރަށް ބޮޑަށް ސިޔާސީ ވެ، ސިޔާސީ މީހުންގެ "ފަހަތުން ދުވުން" ނޫން ކަމެއް ނުކުރުމަކީ ސީރިއަސް އަދި ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އަދި ފުލުހުން އެކަން ކުރަނީ ވަޒީފާގެ ބިރަށް އަދި ފިޔަވަޅު އަޅާފާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ އިދާރާ އަށް ވަޑައިނުގެންނެވޭ ގޮތަށް ކުނޫޒު ދޮށުގައި ފުލުހުން މެމްބަރުން ހިފަހައްޓައިގެން .---މިހާރު ފޮޓޯ
"ފުލުހުން ކަންކަން ރަނގަޅު ކުރަން ޖެހޭ ސަބަބެއް ވެސް ނެތީމާ މިހެން މި ދިމާވަނީ. އެއީ ގޯސްކޮށް ކަންކަން ކުރީމާ ޕްރޮމޯޝަން ލިބޭ. ގޯސްކޮށް ފުލުހުން ކަންތައް ކުރީމާ ފިޔަވަޅު އަޅާ ތަނެއް ނެތް. އެ ފުލުހުންނަށް އެނގޭ ދައުވާ ނުކުރާނެ ކަން. ވެރިކަން ބަދަލުވީމާ ހިތްތިރި ކޮށްފައި މާފު ލިބޭނެކަން،" އަލީ ހުސެން ވިދާޅުވި އެވެ.
"އިންސާފު ގެއްލުނީމާ ވާނެ ހުރިހާ ކަމެއް ފުލުހުންގެ ތެރެއިން ވެސް އެ ފެންނަނީ."
ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މަޖިލިހުގެ އިދާރާގެ ގޭޓްތަކުގައި ސިފައިން ތަޅު އެޅުމާ ހިސާބުން ސިފައިން ވެސް ކަންކަން ކޮށްފައި ވަނީ އުސޫލުން ބޭރުން ކަމަށެވެ. އަދި މަޖިލިހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަނުމާއި އެ މީހުންނަށް އެ އަމުރުކުރި މީހުން އެ ކުރީ ވަރަށް ބޮޑު ކުށެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގެ މައި ގޭޓްގައި މިދިޔަ ހޯމަ ދުވަހު ތަޅު އަޅުވާފައި: މި ބާރު ސިފައިންނަށް ނޯންނާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވޭ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ފުލުހުން ބުނެފައި އެ އޮތީ މަޖިިލިހުގެ އިދާރާގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ސިފައިން އެދިގެންނޭ. އެކަމަކު މަޖިލިހުގެ މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއިން ބޭރު ކުރުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން. ސަރުކާރަކަށް މަޖިލިސް ބަންދެއް ނުކުރެވޭނެ. އެމްއެންޑީއެފަކަށް މަޖިލިސް ބަންދެއް ނުކުރެވޭނެ. އެކަން ކޮށްފައި އެ ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ފުލުހުން ކޮންމެ ކަމެއް ވެސް ކުރަން ޖެހެނީ ގާނޫނާއި ގަވައިދުގެ އިމުގެ ތެރެއިން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު، ފުލުހުން މަޖިލިހުގެ އިދާރާގެ ތެރެއަށް ވަނީ ކޮން ގާނޫނެއްގެ ދަށުން ބާރު ލިބިގެންކަން ދައްކަން ޖެހޭނެ ކަމަށެވެ. އެމްއެންޑީއެފަށް މަޖިލިސް ބަންދުކޮށް، މެމްބަރުންނަށް ހުރަސް އެޅުމުގެ ބާރު ނެތް އިރު، ފުލުހުން އެ އަމުރަށް ތަބާވުމަކީ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް މެމްބަރުން ނޫން ބަޔަކު ވަންނަން އުޅޭ ކަމަށް މައުލޫމާތު ލިބިގެން މަޖިލިހުގެ އިދާރާ ބަންދެއް ނުކުރެވޭނެ ސިފައިންނަކަށް. އަދި މަޖިލިހަށް ވަންނަން ދިޔަ މެމްބަރުން ހުއްޓުވުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ފުލުހުން ކުރި ބޮޑު ޖިނާއީ ކުށެއް. އެކަން ކުރަން އަމުރުކުރި މީހުންނާއި ތަންފީޒު ކުރި މީހުންނަށް ދައުވާކޮށް ފިޔަވަޅު އަޅަން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގައި ފުލުހުން ވަކި އަތަކަށް ބުރަވެ، އަމަލްކޮށް އަދި ތަންފީޒު ކުރުމަކީ އާންމު ކަމަކަށް މިއަދު ވަނީ ވެފަ އެވެ. އެކަމަކު މަޖިލިހުގެ އިދާރާ އަށް މެމްބަރުންނަށް ވަދެވެން ޖެހޭނެ ކަމަށް ގަބޫލުކުރި ފުލުހުންތަކެއް ވެސް އެ ދުވަހު ފެނުނު ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހަށް ވަންނަވަން އިދިކޮޅު މެމްބަރުން ދޮރާ ދިމާއަށް ވަޑައިގަންނަވާ އިރު ފުލުހުން ހިފަހައްޓަން މަސައްކަތްކުރަނީ
"އަޅުގަނޑުމެން އަޑުއެހިން ބައެއް ފުލުހުން ބުނި އަޑު މެމްބަރުންނަށް މަޖިލިހަށް ދެވޭނެއޭ. ދޫކޮށްލާށޭ. ހުރަހެއް ނޭޅޭނެއޭ. އެހެންވީމާ ފުލުހުންގެ ތެރޭގައި ވެސް އެބަ ތިބި ހަމަ ގަބޫލުކުރާ ބައެއް. މައްސަލައަކީ ސިޔާސީކޮށް ކަންކަން ކުރުމަށް ވަކި ހިސާބަކުން އޯޑަރު އަންނަ ކަމަށް ކުރެވޭ ތުހުމަތު. އެ ތުހުމަތު އެގޮތަށް ކުރެވޭ ގޮތަށް ބައެއް ފުލުހުންގެ އަމަލު ހުރީ. މަޖިލިހަށް މެމްބަރުން ވަންނަން ދިޔަ ދުވަހު ވެސް ފެނުނީ އެ މަންޒަރު،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ އިންސާފުން ބޭރުން ކަންކަން ކުރުން ފުލުހުން ވަކި ހިސާބަކުން ހުއްޓާލާނެ ކަމަށް ޔަގީންކުރެއްވޭ ކަމަށެވެ.
"މަދު ދެ ތިން ބޭފުޅެއްގެ ނުފޫޒުގައި މިކަން [އިންސާފުން ބޭރުން] ފުލުހުން މިހާރު މިކުރަނީ. އެކަން ނިމޭނެ ވަކި ހިސާބަކުން. ހުރިހާ ފުލުހުންނެއް ވެސް އަބަދަކު އެގޮތަށް އަމަލެއް ނުކުރާނެ. އަޅުގަނޑަށް އެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"
ސުޕްރީމް ކޯޓުގެ ހުކުމަށް ސިފައިން ބާރުއަޅަން ގޮވާލައިފި
މެމްބަރުން ހައްޔަރު ކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
އަމީތާއި ސައުދު ދޫކޮށްލައިފި
ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"