Roadha Mihaaru
ހާލަތު ގޯސްވުމުން ކެރެލާ ދެ ދުވަހަށް ލޮކްޑައުންކުރަނީ

ކޮވިޑުގެ ހާލަތު ބޮއްސުންލައި، ކެރެލާ ދެ ދުވަހަށް ލޮކްޑައުންކުރަނީ

29 ޖުލައި 2021

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ކޮވިޑު-19 ގެ ހާލަތު ބޮއްސުންލައިގެން ދިއުމުން މުޅި ސްޓޭޓު އެއްކޮށް ދެ ދުވަހަށް ލޮކްޑައުންކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާގެ ކެރެލާ ސްޓޭޓުގައި ކޮވިޑު-19 ގެ ހާލަތު ބޮއްސުންލައިގެން ދިއުމުން މުޅި ސްޓޭޓު އެއްކޮށް ދެ ދުވަހަށް ލޮކްޑައުންކުރަން ނިންމައިފި އެވެ.

އެ ސްޓޭޓުން ބުނީ އިއްޔެއިން ފެށިގެން އެއް ހަފުތާ އަށް ކެރެލާގެ ކޮޒިކޮޑެ ސަރަހައްދުގެ 31 މުނިސިޕަލެއް "ޓްރިޕްލް ލޮކްޑައުން" ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން، އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު ކެރެލާ އެއްކޮށް ލޮކްޑައުންކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެ އެވެ.

އެ ސަރަހައްދުތަކުގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ހުރީ 15 ޕަސެންޓުގަ އެވެ.

ދިވެހިން އާންމުކޮށް ބޭސްފަރުވާ އަށް ދާ ކޮޗިން އާއި ޓްރިވެންޑަރަމަކީ ވެސް ކެރެލާގައި ހިމެނޭ ތަންތަނެވެ.

ރިޕޯޓުތައް ބުނާގޮތުން، އިންޑިއާއިން ރިޕޯޓުކުރާ ކޭސްތަކުގެ 50 ޕަސެންޓް ހިއްސާކުރަނީ ކެރެލާ އެވެ. އިއްޔެ އެކަނި ވެސް އެ ސްޓޭޓުން 22،056 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ސްޓޭޓުން ބަލި ޖެހުނު މީހުންގެ އަދަދު 3.3 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވެ އެވެ. އެ ބަލިން 3.1 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައި ވެ އެވެ.

ކެރެލާގައި މިހާރު އަޅާފައިވާ "ޓްރިޕްލް ލޮކްޑައުން" އަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ފުލުހުން، ތިން ލެވެލްއެއްގައި ކުރާ މަސައްކަތަށް ކިޔާ ނަމެވެ. އެގޮތުން، ފުރަތަމަ ބަންދުގައި މީހުންގެ ހަރަކާތްތައް ކޮންޓްރޯލްކުރުމަށް މުޅި ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ. އާއްމު ދަތުރުދަތުރު ހުއްޓާލައި، ޕްރައިވެޓް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކުގައި އެކަންޏެވެ.

ދެ ވަނަ ލޮކުގައި، ފުލުހުން ހަރަކާތްތެރި ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޕްރައިމަރީ އަދި ސެކަންޑްރީ ކޮންޓެކްޓުން ކަރަންޓީނުގައި ތިބޭ ތަންތަނުގެ ކައިރީގަ އެވެ. ތިން ވަނަ ބަންދުގައި ފުލުހުން ތިބޭނީ، އިންޑިއާގެ މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެ މީހުންގެ ޕްރައިމަރީ އަދި ސެކަންޑްރީ ކޮންޓެކްޓުން ތިބޭ ގޭގެ ކައިރީގަ އެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލުގައި އޮތުމަށްފަހު އަނެއްކާ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މި ވަނީ ބަލީގެ ހާލަތު ގޯސްވާން ފަށައިފަ އެވެ.