Roadha Mihaaru
ފައުޒިއްޔާ ނުހައްގުން ޖަލަށްލުން:ބަދަލު ހޯދަން ކޯޓަަށް

ފައުޒިއްޔާ ނުހައްގުން އިންޑިއާގައި ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ކޯޓަށް ދަނީ

23 އެޕްރީލް 2021

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަން އިންޑިއާގައި ޖާސޫސް ކުރުމުގެ ތުހުމަތުކޮށް، ނުހައްގުން ޖަލަށްލި މަައްސަލައިގަައި ބަދަލު ހޯދަން ކޯޓަށް ދާން އޭނާ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަން އިންޑިއާގައި ޖާސޫސް ކުރުމުގެ ތުހުމަތުކޮށް، ނުހައްގުން ޖަލަށްލި މަައްސަލައިގަައި ބަދަލު ހޯދަން ކޯޓަށް ދާން އޭނާ ނިންމައިފި އެވެ.

ފައުޒިއްޔާ އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއަން ސްޕޭސް އެންޑް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ސައިންސްވެރިއެއް ކަމަށްވާ ނަމްބީ ނާރަޔަނަން 1994 ގައި އިންޑިއާގެ ކެރަލާ ސްޓޭޓްގައި ހައްޔަރުކޮށް، ޖަލަށްލީ އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރު މެދުވެރިކޮށް، ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުކޮށެވެ.

ޖަލުގައި ދެ އަހަރުވި ފަހުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލަ އަށް އުފައްދައިގެން އުޅުނު މައްސަލަ އެއް ކަމަށެވެ. އެހެންވެ، އެ މީހުން ފަހުން ދޫކޮށްލި އެވެ.

އެކަމަކު އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގި ތަހުގީގަކަށް ފަހު، މިދިޔަ ހަފުތާގައި އެ ކޯޓުން ވަނީ މި މައްސަލައިގައި ކެރެލާގެ ފުލުހުންގެ ބައިވެރިވުން އޮތް މިންވަރު ބެލުމަށް ސީބީއައި އަށް އަންގައިފަ އެވެ.

ސްރީ ލަންކާގައި ހުރެގެން މިދިޔަ ހަފުތާގައި އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ފައުޒިއްޔާ ދިން އިންޓަވިއުއެއްގައި ބުނީ، އެ ހާދިސާ އަށް އެތައް އަހަރެއް ވީއިރު ވެސް، އޭނާ އަށް އެއްވެސް ބަދަލެއް ލިބިފަައި ނުވާ ކަމަށެވެ. މައްސަލަ ދިގުލައިގެން ދާނެ ކަން އެނގޭ ކަމަށާއި އެހެންވެ، އިންސާފު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށާއި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ވަކީލުންނާ ވާހަކަ ދައްކަމުންދާ ކަމަށް ފައުޒިއްޔާ ބުނެފައިވެ އެވެ.

ފައުޒިއްޔާ ބަދަލު ހޯދަން ކޯޓަށް ދާން ނިންމިއިރު، އެ މީހުންނާ އެކު ދެން ހައްޔަރުކުރި ނަބްމީއަށް ބަދަލުގެ ގޮތުގައި ފަސް މިލިއަނަށް ވުރެ ގިނަ އިންޑިއާ ރުޕީސް އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. އެ ފައިސާ ދިނީ އިންޑިއާގެ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމަކާ ގުޅިގެންނެވެ.