Roadha Mihaaru
އިންޑިއާގެ ފުރަތަމަ ކޭސް އަދި މަރު ކެރެލާއިން

މަންކީޕޮކްސް: އިންޑިއާގެ ފުރަތަމަ ކޭސް އަދި މަރު ކެރެލާއިން

01 އޯގަސްޓް 2022

އިންޑިއާގެ ކެރެލާގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި 22 އަހަރުގެ ފިރިހެން މީހާ މަންކީޕޮކްސް އަށް ޕޮޒިޓިވެފައިވާތީވެ، އެ ބަލީގައި އެ ގައުމުން މަރުވި ފުރަތަމަ މީހާ އަށް އޭނާ ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ކެރެލާގައި މިދިޔަ ހޮނިހިރު ދުވަހު މަރުވި 22 އަހަރުގެ ފިރިހެން މީހާ މަންކީޕޮކްސް އަށް ޕޮޒިޓިވެފައިވާތީވެ، އެ ބަލީގައި އެ ގައުމުން މަރުވި ފުރަތަމަ މީހާ އަށް އޭނާ ވެއްޖެ އެވެ.

ކެރެލާގެ ކުރަންޖިޔޫރްގައި މަރުވި އެ މީހާ އަކީ މީގެ ދުވަސްކޮޅެއް ކުރިން ޔޫއޭއީ އިން އިންޑިއާ އަށް ދިޔަ މީހެކެވެ. މަންކީޕޮކްސް ޖެހުމުން ފެންނަ ފަދަ އަލާމާތްތައް ފެންނާތީ އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ކެރެލާ ސްޓޭޓްގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ އެ މީހާ ޔޫއޭއީ އިން ދިޔައިރު ވެސް ހުރީ އެ ބަލި ޖެހިފައި ކަމަށެވެ. އަދި އޭނާ މަރުވުމަށް ފަހު ހެދި ޓެސްޓުތަކުން ވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭނާ އަކީ އެފްރިކާ ނޫން އެހެން ގައުމެއްގައި އެ ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މަރުވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބަލި ޖެހުމުގެ ފުރުސަތު ބޮޑު 20 މީހަކު މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ މީހާގެ އާއިލާގެ މީހުންނާއި ރަށްޓެހިންނާއި އަދި އޭނާއާ އެކު ފުޓްބޯޅަ ކުޅުނު ކަމަށް ބުނާ ނުވަ މީހަކު ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ޔޫއޭއީ އިން އިންޑިއާ އަށް ދިޔަ ފްލައިޓްގެ ފަސިންޖަރުންނަށް ވެސް އެކަމުގެ އެލާޓް ދީފައިވާ ކަމަށާއި ނަމަވެސް އެ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން އެންމެ ފުރަތަމަ މަންކީޕޮކްސްގެ ކޭސްއެއް ފެނުނީ މިދިޔަ މަހު 14 ގައި ކެރެލާގެ ވެރިރަށް ޓްރިވެންޑްރަމުންނެވެ. އެ މީހާ އަށް ފަރުވާދީ، ރަނގަޅުވުމުން ވަނީ ދޫކޮށްލައިފަ އެވެ.

މަންކީޕޮކްސް އަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ހާލަތެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކަނޑައަޅައިފަ އެވެ. ބައެއް ގައުމުތަކުގައި އެ ބަލި ފެނުން އާންމުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަކުރަމުންނެވެ.

ރާއްޖޭގައި ވެސް މިފަހުން އެ ބައްޔަށް ޝައްކުވާ މީހަކު ޓެސްޓްކުރިއިރު ވަނީ އެ ބައްޔަށް ނެގެޓިވްވެފަ އެވެ.