Roadha Mihaaru
އެމްޕޮކްސްގެ ނުރައްކަލާ މެދު ގޮތެއް ނިންމަނީ

އެމްޕޮކްސްގެ ނުރައްކަލާ މެދު ޑަބްލިޔުއެޗްއޯއިން ގޮތެއް ނިންމަނީ

05 އޯގަސްޓް 2024

އެފްރިކާގައި އެމްޕޮކްސް (މަންކީ ޕޮކްސް) އިތުރުވަމުން ދާތީ މިއީ މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއް އޮތް ކަމެއްތޯ ކަނޑައެޅުމާ މެދު ގޮތެއް ނިންމަން އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް އެ އިދާރާގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެފްރިކާގައި އެމްޕޮކްސް (މަންކީ ޕޮކްސް) އިތުރުވަމުން ދާތީ މިއީ މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއް އޮތް ކަމެއްތޯ ކަނޑައެޅުމާ މެދު ގޮތެއް ނިންމަން އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް އެ އިދާރާގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މި ބަލީގެ ކޭސްތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނުނު ފަހުން އެ ގައުމާ ކައިރި އެފްރިކާގެ އެހެން ގައުމުތަކުން ވެސް ދަނީ މީގެ ކޭސްތައް ފެންނަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ޓެޑްރޮސް ވިދާޅުވީ ޑަބްލިޔުއެޗްއޯ އާއި އެފްރިކަން ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި ކަމާ ގުޅުން ހުރި ސަރަހައްދުގެ އެހެން ފަރާތްތަކާ އެކު ބައްޔާ ދެކޮޅު މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އެކަމަކު ޖުމްލަ ގޮތެއްގައި ފުރިހަމައަށް މިކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އިތުރު ފައިސާ އާއި އެއްބާރުލުން ބޭނުންވޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެޑްރޮސް ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު މި ވިސްނަނީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް އިމަޖެންސީ ކޮމިޓީ އެއްކޮށް، މިއީ މިހާރު މުޅި ދުނިޔެއަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ ކަމެއްތޯ ބެލުމަށް ތަޖުރިބާކާރުންގެ ލަފާ ހޯދަން."

އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތް ފާރުވެ ލަކުނު ލާފައި

އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތް ފާރުވެ ލަކުނު ލާފައި

ޓެޑްރޮސް މީގެ ކުރިން ވެސް ވަނީ މި ބައްޔާ މެދު ގައުމުތަކުން ސަމާލުވެ ބަލި ދެނެގަތުމާއި އެއިން ރައްކާތެރިވުމަށް ފިޔަވަޅުތައް ނާޅައިފި ނަމަ ނުރައްކާ ހާލަތަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ތަފާތު ސްޓްރެއިން އެއް

ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލްވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.

އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.

މި ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސައި ދޮސް ލާފައި ހުންނަ މުލިހިތަކެއް ފާޑު ބިހިތަކެއް ގައިގައި ނަގަ އެވެ.

މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައިވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.

މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ.

އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ. ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށާއި 445 މީހަކު މި ބަލީގައި މަރުވެފައިވާ ކަމަށް ޓެޑްރޮސް ވަނީ މިދިޔަ މަހު 11 ގައި ވިދާޅުވެފަ އެވެ. -- އޭއެފްޕީ