Roadha Mihaaru
ނިޕާ ވައިރަސް ފެތުރޭތީ ދަނީ މޮނިޓަ ކުރަމުން: އެޗްޕީއޭ

އިންޑިއާގައި ނިޕާ ވައިރަސް ފެތުރޭތީ ދަނީ މޮނިޓަ ކުރަމުން: އެޗްޕީއޭ

24 ސެޕްޓެމްބަރ 2023

ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ދީ، ފުރާނަ އަށް ނުރައްކާ ކުރުވާ ނުރައްކާތެރި ނިޕާ ވައިރަސް (އެންއައިވީ) އިންޑިއާގައި ފެތުރޭތީ ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ދީ، ފުރާނަ އަށް ނުރައްކާ ކުރުވާ ނުރައްކާތެރި ނިޕާ ވައިރަސް (އެންއައިވީ) އިންޑިއާގައި ފެތުރޭތީ ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ބޭސްފަރުވާ އާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ އިންޑިއާގެ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ވަނީ ލޮކްޑައުން ވެސް ކޮށްފަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކެރެލާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ ސްޓޭޓުގައި ދިވެހިން ދިރިއުޅޭ ސަރަހައްދުތަކުން ފެނިފައި ވަނީ މަދު ކޭސްތަކެއް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އެ ބަލި ޖެހުން ދުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޕާ ވައިރަހަކީ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް އަދި ވައިރަސް ފޯރާފައި ތިބޭ އިންސާނުންގެ ފަރާތުން އެހެން ޖަނަވާރުތަކަށް ވެސް އަރާ، ގައިންގަޔަށް އަރާ ވައިރަހެކެވެ.

ނިޕާ ވައިރަސް އާންމުކޮށް ފެތުރެނީ، ވާ ކައިފައި ހުންނަ މޭވާ ނުވަތަ ތަރުކާރީންނާއި ވާލުގެ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ ކެއުމުގެ ސަބަބުންނެވެ. އެ ބަލި ޖެހިފައިވާ މީހާއާ ކައިރީގައި އުޅޭ މީހުންނަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ބަލީގެ އަލާމާތްތައް:

- ހުން އައުން.

- ގައިގައި ރިއްސުން.

- ކަރުގައި ރިއްސުން.

މި ވައިރަސްގެ އަސަރު މާ ބޮޑަށް ކޮށްފި ނަމަ ހޭނެތުމާއި ފިޓް ޖެހުން ފަދަ ކަންކަމާ ވެސް ކުރިމަތިވެ އެވެ.

މި ފަހަރު މި ބަލީގެ އައުޓްބްރޭކްގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ކެރަލާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއީ 2018 ގެ ފަހުން އިންޑިއާގައި އެ ވައިރަސް ފެތުރޭކަން ފާހަގަވި ހަތަރުވަނަ ފަހަރެވެ. އެ އަހަރު ކެރެލާގައި ނިޕާ ވައިރަސް ފެތުރި 17 މީހަކު މަރުވި އެވެ. އޭގެ ފަހުން 2021 ގައި ވެސް އެ ސްޓޭޓުން އެ ވައިރަސް ފެނިގެން އެތައް ސަތޭކަ ބަޔަކު ޓެސްޓު ކުރި އެވެ. އެ ފަހަރު 12 އަހަރުގެ ކުޑަކުއްޖަކު މަރުވެފައި ވެ އެވެ.