Roadha Mihaaru
ހިޔާލު ތަފާތުވުންތަކަށް ފަހު އާޒިމް، ރައީސާއެކު

ހިޔާލު ތަފާތުވުންތަކާއި ސަރުކާރާ ދިމާކުރުމަށް ފަހު އާޒިމް، ރައީސާއެކު

26 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރުން އަމަލުކުރާ ބައެއް ކަންކަމާ މެދު ހިޔާލު ތަފާތުވެ، ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ކުއްލި ގޮތަކަށް ރައީސްގެ ފަޅިއަށް އަރާވަޑައިގެން، މިއަދު އެ މަނިކުފާނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރުން އަމަލުކުރާ ބައެއް ކަންކަމާ މެދު ހިޔާލު ތަފާތުވެ، ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވުމަށް ފަހު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ކުއްލި ގޮތަކަށް ރައީސްގެ ފަޅިއަށް އަރާވަޑައިގެން، މިއަދު އެ މަނިކުފާނާ ބައްދަލުކުރައްވައިފި އެވެ.

ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި މިއަދު ހަވީރު އޮތް ބައްދަލުވުމަށް ފަހު، ކުރީގެ ރަސްމިއްޔާތެއްގައި ދެ ބޭފުޅުން ސަލާމް ކުރައްވާ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ، އެއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ފައިދާ ކުރުވަނިވި ބައްދަލުވުމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހާއި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސާ މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ފަހު އާޒިމް މިރޭ ކުރެއްވި ޓުވީޓް

ރައްޔިތުންގެ މަޖިލީހާއި އެހެން ބައެއް ޕްލެޓްފޯމުތަކުގައި ދައްކަވާ ވާހަކަތަކުން އާޒިމް ބޮޑަށް ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ކަމަށް ކުރިން ދޭހަވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބާރު އެޅުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ރޭ ހުށަހެޅުއްވި ގަރާރުގެ މައްސަލައިގައި އާޒިމް ހުންނެވީ ރައީސާ އެއްކޮޅަށެވެ. އަދި އެ ގަރާރަށް އާޒިމް ވޯޓެއް ވެސް ނުދެއްވަ އެވެ.

ނަޝީދުގެ އެދިވަޑައިގަތުމަކަށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ މަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް ކިރިޔާ ވެސް ރޭ އެއްޗެއް ވިދާޅުވާން ކެރިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އާޒިމެވެ. އާޒިމާއެކު ދެން އެއްކޮޅަކަށް އަރާވަޑައިގެން ވާހަކަ ދެއްކެވީ ތިމަރަފުށި ދާއިރާ ރައީސް އަންވަރު އިބްރާހިމެވެ.

ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެއްކޮޅަށް އެރުއްވުމަށް ފަހު، މިއަދު ހަވީރު އެ މަނިކުފާނާ އާޒިމް ބައްދަލުކުރައްވައި އެ ވާހަކަ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުމުގެ ތެރެއިން މެސެޖެއް ދެއްވުމުގެ ބޭނުމުގައި ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

މީގެ ކުރިން އާޒިމް ފެނިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ފާޅުގައި ފާޑުވިދާޅާ ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ނަޝީދާއި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ އަމާޒަކަށް ވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އާޒިމް ދޭތެރެދޭތެރެއިން ފާޑުވިދާޅުވެ އެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން ދުރުކުރުމަށް ވެސް ބައެއް ހާލަތުތަކުގައި އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އާޒިމް ކަމަށް ވާއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް މަޖިލީހުގެ ތަޅުމުގައި އޭނާ ވަނީ ކުރައްވައިފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރަކީ އާޒިމް ކަމަށް ވެފައި، އޭނާ އާއި ސަރުކާރާ މެދު އޮތް ހިޔާލު ތަފާތުވުންތަކާ ހެދި، ސަރުކާރުން މަޖިލިސް މެދުވެރިކޮށް ކުރަން ބޭނުންވާ ބައެއް ކަންކަން އާޒިމާ ނުބައްސަައި އެހެން ބައެއް މެމްބަރުންނަށް ގުޅައިގެން ކުރިއަށް ގެންދާ ކަމަށް ބުނެ ވެސް އެއް ދުވަސްވަރެއްގައި ވާހަކަތައް ދެއްކި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށްް ތުހުމަތުވާ މީހުން ލިސްޓު މިދިޔަ މޭ މަހު އާންމުކުރިއިރު އެ ލިސްޓުގައި އާޒިމްގެ ނަން އޮތް ނަމަވެސް އޭނާ ވަނީ ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ސިޔާސީ ކޯޅުުގެ ތެރެއިން އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުން ވެސް ބާރު ހޯދުމަށް މިސްރާބު ޖަހާފައިވާއިރު، ބަހުގެ ހަމަލާތައް ވެސް ވަނީ އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ވަރުގަދަ ކޮށްފަ އެވެ.