24 ޖުލައި 2021
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލަދޭން އިރުޝާދު ދީ، އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާ އައްޑޫން މިއަދު ހައްޔަރުކޮށްފި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލަދޭން އިރުޝާދު ދީ، އެކަމަށް ވިސްނައި ދިނުމުގައި އިސްކޮށް ހުރި މީހާ އައްޑޫން މިއަދު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ، ހަމަލަ ރޭވުމުގައި ތުހުމަތުގައި އައްޑޫން ހައްޔަރުކުރީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށެވެ.
ސީޕީ ވިދާޅުވީ، ތަސްނީމަކީ 2017 ގައި މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރަނިކޮށް، އެ އަހަރުގެ އޭޕްރީލް 24 ގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އެކަމަކު އޭނާގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ވަނިކޮށް، އޮކްޓޫބަރު 4، 2018 ގައި ބަންދުން ދޫކޮށްލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާގެ އިސްތިއުނާފު ނުނިމި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާތީ މައްސަލަ އަނބުރާ ނެގީ އެވެ.
"ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން އެ ފަރާތްތައް ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގައިލަން ނިންމައި، އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ،" ނަޝީދަށް ދިން ހަމަލާގެ ތަފުސީލީ މައުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހަމީދު ވިދާޅުވި އެވެ.
ތަސްލީމަކީ ބޮން ގޮއްވި މީހުން ހިމެނޭ ސެލް އޮޕަރޭޓްކޮށް، ނަޝީދަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށާއި އެ މަނިކުފާނަށް މަރު ހައްގު ކަމަށް ބުނެ ވަކާލާތުކުރަމުން ދިޔަ މީހާ އެވެ. އަދި ހަމަލާ އަށް ހިތްވަރުދީ، އެކަމާ ބެހޭ ފޮތްތަކާއި ލިޔުންތައް ހޯދައި ސެލްގެ މީހުންނަށް އޭނާ ވަނީ ދީފަ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު މިރޭގެ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް
ސީޕީ ވިދާޅުވިގޮތުގައި، ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައަކީ އެކަމަށް ތައްޔާރުވަމުން އައި ތިން ވަނަ ފަހަރެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް 640 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށް، 218 މީހަކާ އިންޓަވިއުކޮށް އެ މީހުންގެ ބަޔާން ވެސް ނެގި ކަމަށެވެ. އަދި އަމިއްލަ މީސްމީހުން ބޭނުންކުރާ 109 ސީސީޓީވީ ފުޓޭޖު ތަހުގީގުގައި ބެލި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ފުލުހުން ހަރުކޮށްފައިވާ 370 ކެމެރާއެއް ވެސް ބެލި އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް، އިސްހާގް އަދި އަލީ ހައިޝަމް: ސީޕީ ހަމީދު
މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލަދިން މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.
ސީޕީ ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިލި އަދުހަމް ހުރީ ޖާނުން ފިދާވެގެން ނަމަވެސް އެ ހަމަލާ ދޭން ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެ ހަތަރު މީހުންގެ ތެރެއިން ތަހުމީނަކީ ސީޕީ ވިދާޅުވިގޮތުގައި، ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލްގެ ވެރިފަރާތުގެ އިތުރުން އެކަމުގައި އަމަލީ ގޮތުން ވެސް އުޅުނު މީހެކެވެ. އަދި ތަހުމީނަކީ ހަމަލާ ދިން "ސެލް"ގެ އިސް މީހެއް ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
"މުޖާޒް އަހުމަދަކީ ހަމަލަ ދިނުމަށް ފަހު އަދުހަމް ފިލައިގެން ދިއުމާއި ލައިގެން ހުރި އަންނައުނު ބަދަލުކޮށް، މާލޭގައި އެ ރޭ ފިލައިގެން ހުރުމަށް މަގުފަހި ކޮށްދިން މީހާ. އަހުމަދު ފާތިހު އަކީ ހަމަލަ ދިނުމަށް ފަހު އަދުހަމް ރަޝީދު ފިލުމަށް އެހީތެރިވުމަށް މުޖާޒްގެ ގާތަށް ސައިކަލްގައި ގެންގޮސްދިން މީހާ،" ސީޕީ ވިދާޅުވި އެވެ.
މި ހަތަރު މީހުންގެ އިތުރުން، މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ފަހުގެ މައުލޫމާތު ފުލުހުންނާއި ޕީޖީ ޝަމީމް މިރޭ މީޑިއާ އަށް ދެއްވަނީ.--- ފޮޓޯ: ޕޮލިސް
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް، އިސްހާގް އަދި އަލީ ހައިޝަމް،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަލީ ހައިޝަމްގެ މައްސަލަ މިހާރު ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ އަކީ ނަޝީދު އަވަހާރަކޮށްލަން ސައިކަލްގައި ބޮން ހަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
"އިސްހާގަކީ މި ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް. އަދި ހަމަލާ އަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު. ފަހުމީ އަލީ އާއި މުހައްމަދު ނާޒިމަކީ ވެސް މި ހަމަލައިގައި އެކި ދައުރު އަދާކޮށްފައިވާ ދެ މީހުން. އަބްދުﷲ އަލި މަނިކަކީ ދިވެހިރާއްޖޭގައި ހަރުކަށި ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް،" ހަމީދު ވިދާޅުވި އެވެ.
"މި ހަމަލާ ދިން އަދުހަމް ރަޝީދު ފިލުވުމާއި ހެކި ނައްތައިލުމުގައި އަމަލީ ގޮތުން [އަބްދުﷲ އަލިމަނިކު] ބައިވެރިވެ އެފަދަ ދައުރެއް އަދާކޮށްފައިވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވޭ."
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި
ހަމަލާގެ ތަހުގީގު ގެންދަނީ އިންތިޒާމުވެގެން: ސީޕީ
ޝައްކުވާ ހަތަރު މީހަކު ފާހަގަ ކުރެވިއްޖެ: ފުލުހުން
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
އަދުހަމް ފިލުވަން ސިފަ ބަދަލުކުރަން އުޅުނު
ފާތިހަށް މިވަގުތު ދައުވާ ނުކުރަން ނިންމައިފި
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި