Roadha Mihaaru
ހަރުކަށި މީހުން ރުއްސުން ރައީސް ހުއްޓާލަންޖެހޭ: ނަޝީދު

ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ރައީސް ހުއްޓާލަންޖެހޭ: ނަޝީދު

21 ޖުލައި 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުޅެނީ ފިކުރީ ގޮތުން ހިޔާލު ތަފާތުވުމެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ރުއްސަން މަސައްކަތްކުރެްވުން ރައީސް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުޅެނީ ފިކުރީ ގޮތުން ހިޔާލު ތަފާތުވުމެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ރުއްސަން މަސައްކަތްކުރެްވުން ރައީސް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަފްރަތުގެ ބިލުގެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. މި މައްސަލަގަނޑުގެ ތެރޭގައި ނަޝީދު ވަނީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނާ ގޮތަށް ރައީސް ކަންތައް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ނަޝީދު އަވަހަރާކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އިންޑިއާގެ "ވިއޯން" ޓިވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އޮތީ ފިކުރީ ހިޔާލު ތަފާތުވުމެއް ކަމަށާއި އެމްޑީޕީގެ އެއްބައިވަންތަކަން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަށް ގަބޫލުފުޅު ނުުކުރެއްވޭ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ އެއްބައިވަންތަކަމުގައި. އަޅުގަނޑަކަށް ނުފެނޭ ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އެކަން ހުއްޓާލައްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ހުރީ ފިކުރީގޮތުން ހިޔާލް ތަފާތުވުމެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން،" ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުން ބަލިވީ ވެސް އެމްޑީޕީގެ އުސޫލުތަކާ ދުރަށް ގޮސް، އެ މައިނޯރިޓީގެ ތާއީދު ހޯދަން ސަރުކާރުން މަސައްކަތް ކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ސަރުކާރުން އަމަލު ކުރުމުން، ޕާޓީގެ ލީޑާޝިޕަށް މެސެޖެއް ދިނުމުގެ ގޮތުން، އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިންތިހާބުން ބަލިވީ، އެމްޑީޕީގެ ވޯޓަރުން، އަޅުގަނޑުމެންގެ ވޯޓަރުން ވޯޓުލާން ނުދިޔުމުން. އެ މީހުންނަށް ގަބޫލު ކުރެވުނީ، މައިގަނޑު ގަބޫލުކުރުންތަކާއި ހިޔާލުތަކަށް އަޅާނުލައި، މައިނޯރިޓީއެއްގެ ރުހުން ހޯދަން ސަރުކާރުން މަސައްކަތްކުރި ކަމަށް. އެކަމާ އެ މީހުން ހިތްހަމައެއް ނުޖެހޭ. އެ މީހުން ބޭނުންވީ ލީޑާޝިޕަށް މެސެޖެއް ދޭން، ހާއްސަކޮށް، މާލޭގައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވަނީ -- ފޮޓޯ: މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވަނީ -- ފޮޓޯ: މިހާރު

ރައީސަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓައިލެއްވުމަށް ފަހު، އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނަޝީދު ވަނީ ފާޅުކުރައްވައިފަ އެވެ.

ޕީޕީއެމާއެކު މަސައްކަތްޕުޅު ކުރައްވާނަންތޯ، އިންޓަވިއުގައި ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، އެ ކަމަށް ވެސް ތައްޔާރު ކަމަށާއި ނަމަވެސް އޭގެ މާނަ އަކީ ޕީޕީއެމްގެ ސީދާ ވަކި މީހަކާ އެކު މަސައްކަތްޕުޅު ކުރެއްވުން ނޫން ކަމަށެވެ. ބޭނުންފުޅު ވަނީ ގައުމާ މެދު އެއް ވިސްނުމެއް ތިބި މީހުންނާ އެކު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހަޅަނީ، ގައުމު ގެންދަން ބޭނުންވާ މިސްރާބާ މެދު އެއް ވިސްނުމެއް ގެންގުޅޭ މީހުންނާ އެކު މަސައްކަތް ކުރަން. އަޅުގަނޑުމެން ބޭނުމެއް ނޫން ރާއްޖެ އަނެއް އަފްޣާނިސްތާނަށް ވާކަށް، ފެއިލް ވާކަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެމްޑީޕީ އާއި ޕީޕީއެމުން ވެސް މީގެ ކުރިން، ހައްދުފަހަނައަޅާފައިވާ މީހުން ރުއްސައިގެން އިންތިހާބުތައް ކާމިޔާބު ކޮށްފައިވެ އެވެ. މީގެ ކުރިން ނަޝީދު ވެސް ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަނެވުނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސައިގެން އެ މީހުންގެ ތާއީދާ އެކު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެކަމަކު އޭގެ ނަތީޖާއަކަށް ވަނީ ދީނީ ހަރުކަށި ފިކުރު ގައުމުގައި ފެތުރުން ކަމަށް ވިދާޅުވި އެވެ. އެއީ އެމްޑީޕީ ވެސް ޕީޕީއެމްގެ ސަޕޯޓަރުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލާ އަށް ފަހު ފުރަތަމަ ދެއްވި ވީޑިއޯ އިންޓަވިއުގައި ވިދާޅުވީ ހަމަލާ ދިންކަން އެނގޭ ވަރަށް ކެމެރާއަށް ފެންނަން ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު ހަމަލާ ދޭން ހިތްވަރު ދީ އެކަމަށް ހަރަދުކުރި މީހުން ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.