Roadha Mihaaru
ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް!

ފުވައްމުލަކުގައި ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް، މިނިސްޓްރީން މައްސަލަ ބަލަނީ

17 ޖުލައި 2021

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް އޮތް މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފުވައްމުލަކު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް އޮތް މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަަން ފަށައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލަ ބަލަން ފެށީ މީގެ 2-3 ދުވަސް ކުރިން ސޯޝަލް މީޑިއާގައި އެ ވާހަކަ އާންމުވުމާ ގުޅިގެން ކަމަށެވެ. އެކަމުގައި އިހުމާލުވި ބައެއް ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަނޑުން ފޮތިގަނޑެއް ނަގާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އުމުރުން 29 އަހަރުގެ މީހެއްގެ ބަނޑުން ކަމަށް ވެ އެވެ. ބަނޑުގައި ފޮތިގަނޑެއް އޮތްކަން އެނގުނީ ސިޒޭރިއަން ހެދި ފަހުން، ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ގޮސް ދެއްކުމުންނެވެ. އެ މީހާ އަށް އަދިވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް އެނގިފައި ވެ އެވެ.

އެ ކަން ހިނގި ގޮތް ބަލަން ފުވައްމުލަކު ހޮސްޕިޓަލަށް އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލް މިއަދު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓާއި ފުވައްމުލަކު ހޮސްޕިޓަލުގެ މެޑިކަލް ޓީމުގެ އިތުރުން އައިޖީއެމްއެޗް ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ތަހުގީގުކޮށް ރިޕޯޓް އާންމުކުރާނެކަން އެނގޭނީ މިނިސްޓްރީ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އަންހެނުންގެ ހާއްސަ އެ ޑޮކްޓަރު ލައްވައި ސާޖަރީތައް ހެދުން މިހާރު މެދުކަނޑާލަފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ހޮސްޕިޓަލަކުން އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ފުވައްމުލަކަށް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އެބަދެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މިސްރުގެ އަންހެން ޑޮކްޓަރުގެ ފަރާތުން މިފަދަ އެތައް ކަމެއް ފެނިފައިވާތި އެ ރަށު ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ރޭ ބަޔާނެއް ނެރެފަ އެވެ. އޭނާގެ ސަބަބުން މައިންނާއި ކުދިންގެ ފުރާނަ އަށް ނުރައްކާވުން ތަކުރާރު ވެދާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، މި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.