Roadha Mihaaru
މާޒިޔާ އަށް ސައުދީގެ ޓްރޭނިން ކޭމްޕެއް ހޯދަނީ

މާޒިޔާ އަށް ސައުދީގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދަނީ

15 ޖުލައި 2021

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސައުދީ އަރަބިއްޔާ އިން ޓްރޭނިން ކޭމްޕެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސައުދީ އަރަބިއްޔާ އިން ޓްރޭނިން ކޭމްޕެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ، އެފްއޭ އިން އެ ކަމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. މިދިޔަ އަހަރު ވެސް އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް އެފްއޭއެމުން ވަނީ މާޒިޔާ އަށް ޓްރޭނިން ކޭމްޕެއް ސައުދީގެ ޖިއްދާ އިން ހަމަޖައްސައި ދީފަ އެވެ. އޭރު އޭފްސީ ކަޕުގައި ވާދަކުރި ޓީސީ އަށް ވެސް އެ ފުރުސަތު އެފްއޭއެމުން ހަމަޖައްސައި ދިނެވެ. ޓްރޭނިން ކޭމްޕުގައި ސައުދީ އަށް ގޮސް މާޒިޔާ އާއި ޓީސީގެ ކުޅުންތެރިން އޭރު ވަނީ އުމުރާގެ އަޅުކަން ވެސް އަދާކޮށްފަ އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ސީދާ ޖާގަ ހޯދީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. ސީދާ ޖާގަ ލިބުނު އަނެއް ދެ ޓީމަކީ، އިންޑިއާގެ އައި ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އާއި ބަންގުލްދޭޝްގެ ލީގު ޗެމްޕިއަން ބޮށުންދަރާ ކިންގްސް އެވެ. ގުރޫޕުގެ ފަހު ޖާގަ އަށް ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާނެ އެވެ.

މާޒިޔާއިން ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަންގެ ތެރެއިން --- ފޮޓޯ: މާޒިޔާ

މާޒިޔާއިން ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ ޓްރޭނިން ސެޝަންގެ ތެރެއިން --- ފޮޓޯ: މާޒިޔާ

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް، މާޒިޔާ އިން ވަނީ ޕްރީ ސީޒަން ޓްރޭނިން ފަށައިފަ އެވެ. އެ ޓީމު ޓްރޭން ފެށިއިރު ހެޑް ކޯޗު ރިސްޓޯ ވިޑަކޮވިޗް ޓީމާ އަދި ގުޅިފައެއް ނުވެ އެވެ. އެނބުރި ރާއްޖެ އައިސް ރިސްޓޯ މިހާރު ހުރީ ކަރަންޓީންގަ އެވެ. މާޒިޔާގެ ޓްރޭނިން މިހާރު ކުރިއަށް ގެންދަނީ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރުގެ ބެލުމުގެ ދަށުންނެވެ.

މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް އަންނަ މަހު 15-24 ބޭއްވުމަށް އޭއެފްސީ ވަނީ ތާވަލު ކޮށްފަ އެވެ. އެ މެޗުތައް ފަސްކުރީ ކޮވިޑާ ގުޅިގެންނެވެ. އަންނަ މަހު 15 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އޮންނާނެ އެވެ.

މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ގުރޫޕް ސްޓޭޖު ފަސް ކުރުމަށް އޭއެފްސީން ނިންމި އަނެއް ސަބަބަކީ، ޕްލޭއެފްގައި މެޗު ކުޅެން އައި ބެންގަލޫރު ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުމެ ރާއްޖޭގެ ކޮވިޑް ޕްރޮޓޮކޯލް މުގުރާލުމެވެ.

ގުރޫޕް ސްޓޭޖު ބޭއްވުމަށް ރާއްޖެ އާއި ބަންގުލަދޭޝް އިން ވަނީ ބިޑުކޮށްފަ އެވެ. ނަމަވެސް ބަންގުލަދޭޝްގައި ކޮވިޑްގެ ނުރައްކާ އަދިވެސް ކުޑައެއް ނުވެ އެވެ. އެހެންވެ މިފަހަރު ވެސް ރާއްޖެ އަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެ އެވެ.