Roadha Mihaaru

ސްކޫލު ގައިޑް: އަހަރުގެ މެދުތެރެއިން ފަށާ ފުރަތަމަ ދިރާސީ އަހަރު

މިއީ ތައުލީމީ ދާއިރާއާ ގުޅޭގޮތުން މިހާތަނަށް ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ކޮވިޑު-19 ގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އައި ބަދަލުތަކާއެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މަޖުބޫރުވީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރާށެވެ. އެއާއެކު، ތަފާތު އެކި ދާއިރާ ތަކުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ލަފައާއެކު، މި އަހަރުން ފެށިގެން އަހަރުގެ މެދުތެރޭގައި ދިރާސީ އާ އަހަރު ފަށާގޮތަށް ނިންމި އެވެ.

ސްކޫލު ގައިޑް: އަހަރު މެދުތެރޭ ފަށާ ދިރާސީ އަހަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 އޯގަސްޓް 2021

މިއީ ތައުލީމީ ދާއިރާއާ ގުޅޭގޮތުން މިހާތަނަށް ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ކޮވިޑު-19 ގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އައި ބަދަލުތަކާއެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް މަޖުބޫރުވީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރާށެވެ. އެއާއެކު، ތަފާތު އެކި ދާއިރާ ތަކުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ލަފައާއެކު، މި އަހަރުން ފެށިގެން އަހަރުގެ މެދުތެރޭގައި ދިރާސީ އާ އަހަރު ފަށާގޮތަށް ނިންމި އެވެ.

އެތައް ޒަމާންތަކެއް ވަންދެން ރާއްޖޭގައި ދިރާސީ އާ އަހަރު ފަށަމުން ދިޔައީ ޖެނުއަރީމަހުގެ ތެރޭގަ އެވެ. އެކަމަކު، ނޮވެމްބަރު/ޑިސެމްބަރު މަހަކީ ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރަށް ވުމުން އެ ބޮޑު ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފޭތީ އެކަމުގެ ޝަކުވާތަކާއެކު ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ކޮވިޑުގެ އަސަރުކުރީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.

ތިން ޓާމަށް ބަހާލައިގެން ސްކޫލްތަކުގައި ކިޔަވައި ދިންއިރު ވެސް ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ފައްތަ އެވެ. މި ފަހުގެ އަހަރުތަކުގައި ދެ ޓާމަށް ކިޔެވުން ބަދަލުކޮށް، އާންމުކޮށް ދެ ވަނަ ޓާމް ނިންމާލަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މުޅި ޑިސެމްބަރާއި ޖެނުއަރީގެ ފުރަތަމަ ހަފުތާ ނުވަތަ ދެ ހަފުތާ ވެސް ޗުއްޓީ އަށް ހާއްސަކުރެ އެވެ.

އެކަމަކު، ޑިސެމްބަރު މަހުގެ ބޮޑު ޗުއްޓީ އަށް މި ހިސާބުން ނިމުމެއް އައީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އެއަށްފަހު، އެންމެ ފުރަތަމަ މިޑްޓާމް ބަންދު ލިބޭނީ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާނެ -- ފައިލް ފޮޓޯ: މިހާރު

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާނެ -- ފައިލް ފޮޓޯ: މިހާރު

ތިން ހަފުތާގެ ބަންދަކަށްފަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، މިއީ އެހެން ގްރޭޑުތަކުގެ ދަރިވަރުންނާ އެކު ގްރޭޑު 11 އަދި 12 ގެ ދަރިވަރުން ކިޔަވަން ފަށާނެ ފުރަތަމަ އަހަރެވެ.

ގްރޭޑު 10 ނިންމުމަށްފަހު އޭ ލެވެލް ފެށުމާ ހަމައަށް މީގެ އަހަރުތަކެއް ކުރިން ހަ މަސް ދުވަސް ހޭދަވި އެވެ. އެ މުއްދަތު ކުރުކުރަމުން މިހާރު ދެ ތިން މަހުގެ ތެރޭގައި އޭ ލެވެލް ފަށަ އެވެ. އެކަމަކު، މި ބަދަލާ އެކު އޯ ލެވެލް މެއި/ޖޫންގައި ނިންމާފައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ނަތީޖާ ލިބެ އެވެ. އެހެންވެ، އަންނަ އަންގާރަ ދުވަހު ކިޔެވުން ފަށާއިރު އެ ހުރިހާ ދަރިވަރުންނަށް ވެސް އޭ ލެވެލް ފެށިގެންދާނެ އެވެ.

ތައުލީމީ އެ ބޮޑު ބަދަލު އިއުލާނުކުރަން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި މަހުގެ ތެރޭގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެ ދުވަސްވަރަކީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް، މިދިޔަ މާޗު މަހު އޭނާ ވިދާޅުވި އެވެ.