Roadha Mihaaru
ފުރާ ދިވެހިން އަތުން 25 ޑޮލަރު ނަގަން ހުށަހަޅައިފި

ދިވެހިންނާއި ޓްރާންސިޓް ފަސިންޖަރުން އަތުން 25 ޑޮލަރު ނަގަނީ

24 ނޮވެމްބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީ ފަސިންޖަރުން އަތުން 25 ޑޮލަރު ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނާއި ބިދޭސީ ފަސިންޖަރުން އަތުން 25 ޑޮލަރު ނަގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ޓްރާންސިޓް ފަސިންޖަރުން ހިމެނޭ ގޮތަށް ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ ގޮތުން އެއާޕޯޓު ސާވިސް ޗާޖުގެ އިތުރުން 25 ޑޮލަރުގެ މަގުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނަމުގައި ފީއެއް ނެގޭނެ ކަމަށެވެ.

ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވާނެ ކަމަށް އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގައިވެ އެވެ. އެއާޕޯޓު ސާވިސް ޗާޖު އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންނަށެވެ.

އައިއެންއައިއޭ އިން ފުރާ ފަސޖިންޖަރުން އަތުން 25 ޑޮލަރު ނަގާނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުން ކަމަށް އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގައިވެ އެވެ.

އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެއާޕޯޓު ސާވިސް ޗާޖު ނެގުމާ ގުޅޭ ގާނޫނު ތަންފީޒު ކުރުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ދީފައިވާ ގާނޫނެއް ނޫނެވެ. އަދި ސާވިސް ޗާޖު ނަގައި ދައުލަތަށް ދެއްކުމަކީ ކަނޑައެޅިގެން ވަކި ފަރާތެއްގެ ޒިންމާއެއް ނޫން ކަމަށް އެ ބިލުގައިވެ އެވެ.

އެހެންވެ، އެއާޕޯޓު ސާވިސް ޗާޖު ނެގުމާ ގުޅޭ ގާނޫނީ އުސޫލުތަކަށް އިސްލާހު ގެނެސް، އައިއެންއައިއޭ އިން އޭޑީސީ ނެގުމާ ގުޅޭ ގާނޫނު ވުޖޫދަށް ގެންނަން ބޭނުންވާތީ ބިލު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލުގައިވާ ގޮތުން އެއާޕޯޓު ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި އެ ފީތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން 25 ޑޮލަރު ނެގުމަށް ޕީޕީއެމް ބައެއް މެމްބަރުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމުގެ ބަދަލުގައި ހަމައެކަނި ބިދޭސީން އަތުން އެ ފައިސާ ނެގުމަށް އެ މެމްބަރުން ތާއީދު ކުރެއްވި އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.