29 ނޮވެމްބަރ 2016
ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކޮންމެ އިސްލާހެއް އަދި ކޮންމެ ގާނޫނެއް ފާސްކޮށްފައި ވާނީ ސަރުކާރުން އެދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކޮންމެ އިސްލާހެއް އަދި ކޮންމެ ގާނޫނެއް ފާސްކޮށްފައި ވާނީ ސަރުކާރުން އެދޭ ގޮތަށް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ކާނިވަލުގައި ބޭއްވި ޖަލްސާގައި، ސަރުކާރުން ނަގަން ނިންމާފައިވާ ޓެކްސްތަކުގެ ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއި ރައްޔިތުން ގުޅިގެން ނޫނީ ތަރައްގީ ހާސިލް ނުވާނެ ކަމަށާއި ބޮޑެތި ޓެކްސްތައް ނަގާ ގައުމުތަކުން ނުލިބޭ އެތައް ހިދުމަތެއް މި ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ފޫ އަޅުވާނުލެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސް ކުރާނީ ރައްޔިތުންގެ ފައިދާ އާއި ލާބައަށް ބަލައިގެން ކަމަށެވެ.
"ވޭތުވެދިޔަ ތަނުގައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކޮށް ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރާނެ ގޮތަށް ގާނޫނަށް ގެންނަން ޖެހުނު ކޮންމެ އިސްލާހެއް، ފާސް ކުރަން ޖެހުނު ކޮންމެ ގާނޫނެއް ފާސް ކުރީ ސަރުކާރުން ބޭނުންވާ ގޮތަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީގެ ތެރެއިން ދޭން ޖެހޭ ހުރިހާ އެއްބާރުލުން ފުރިހަމަކަމާއެކު މަޖިލިސް ތެރެއިން ސަރުކާރަށް ލިބޭނެ ކަމަށެވެ. އެހެން ކަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނެއް އަލަށް ހަދަން ޖެހުނަސް، އިސްލާހުކޮށް، ބަދަލުކުރަން ޖެހުނަސް ސާބިތުކަމާއެކު އެކަން ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ނަގަމުން އަންނަ ޓެކްސްތައް ރައްޔިތުން ބަލައިގަންނަން ޖެހޭ ކަމަށާއި އެއީ ތަރައްގީގެ އެކި މަޝްރޫއުތަކަށް ހޯދަމުން އަންނަ ފައިސާ ކަމަށެވެ. ސިންގަޕޫރުން މިސާލު ނަންގަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ގައުމު ތަރައްގީ ކުރީ ތަފާތު ޓެކްސްތައް ނަގައިގެން ކަމަށެވެ.
"ސިންގަޕޫރުގައި މަގެއް މައްޗަށް ކުޅެއް ޖެހިޔަސް، ޖޫރިމަނާ ފައިސާ ނަގާ. އެ ކަހަލަ އެތައް ފައިސާއެއް ނަގައިގެން އެ ގައުމުތައް ކުރިއަރައިގެން ދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަބްދުﷲ ޖިހާދާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް އަބަދުވެސް އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރެވޭނެ މަގު ސަރުކާރަށް ތަނަވަސްކޮށް ދިނުމަށެވެ. ތަރައްގީއަށް މަގުފަހިވާ ކަންކަން މަޖިލީހުން ޓީމެއްގެ ގޮތުގައި ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވިއިރު، ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އަންނަ އަހަރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ފުރާ ދިވެހިން އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު، ބިދޭސީން އަތުން 25 ޑޮލަރު ނަގަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއާއެކު، އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން އެއާޕޯޓު ސާވިސް ޗާޖާއެކު 24 ޑޮލަރު، ބިދޭސީން އަތުން 50 ޑޮލަރު ނެގޭނެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދައުވަތު ދީގެން ބޭއްވި ޖަލްސާގައި ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. އަދި މިނިވަން މުއައްސަސާތަކުގެ އިސް ބައެއް ވެރިން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. ގިނަ އަދަދެއްގެ މީހުންނާ އެކު ފެށި ޖަލްސާ މެދަކާ ހިސާބަށް ދިޔައިރު ޖަލްސާ ދޫކޮށް އެތައް ބަޔަކު ވަނީ ގޮސްފަ އެވެ.
ފުރާ ދިވެހިން އަތުން 25 ޑޮލަރު ނަގަން ހުށަހަޅައިފި
އެއާޕޯޓް ޓެކްސް ބިދޭސީންނަށް ބޮޑުކުރަން ފާސްކޮށްފި
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!
ބޭރަށްދާ ދިވެހިން އަތުން 12 ޑޮލަރު ނަގަން ފާސްކޮށްފި
25 ޑޮލަރު ނެގުމުގެ ބިލް މަޖިލިހަށް ފޮނުވައިފި
މިއަދުން ފެށިގެން ޑިޕާޗާ ޓެކްސް އާއި އޭޑީއެފް ބޮޑުވާނެ
މަޖިލިސް ބައިބައި ކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޓްރައިބިއުނަލަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރުހުން
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު