Roadha Mihaaru
12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިނުގެން!

12 ޑޮލަރަށް ބަދަލުކުރީ ރައީސަށް އެނގިވަޑައިގެނެއް ނޫން!

26 ނޮވެމްބަރ 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް ފާސްކުރުމުގައި މިދިޔަ ބުރާސްފަތިދުވަހު ކުޅުނު "ޑްރާމާ" ގެ ފަހަތުގައި އެހެން ކަންތައްތަކެއް ހިނގައިފި އެވެ!

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް ފާސްކުރުމުގައި މިދިޔަ ބުރާސްފަތިދުވަހު ކުޅުނު "ޑްރާމާ" ގެ ފަހަތުގައި އެހެން ކަންތައްތަކެއް ހިނގައިފި އެވެ!

ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ އިސް ބައެއް ބޭފުޅުން ބަޖެޓް ކޮމިޓީގައި ފާޅުގައި ދެކޮޅުހެއްދެވި ނަމަވެސް، ޕީޕީއެމާ އެންމެ ފަހުން ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރު އިލްހާމް އަހުމަދު ރިިޔާސަތު ބަލަހައްޓަވާ އިގުތިސޯދީ ކޮމިޓީގެ ނިންމުން އައީ ހަމަ ދިވެހިންގެ އަތުން ވެސް 25 ޑޮލަރު ނަގާ ގޮތަށެވެ.

އެކަމަކު އެ ހިޔާލު ތަފާތުވުންތައް ޕީޖީގެ މެމްބަރުންގެ މެދުގައި ބޮޑުވެ، އެންމެ ފަހުން 12 ޑޮލަރަށް އަދަދު ތިރިވި ސަބަބު ސީދާ މެމްބަރުންނަށް ވެސް އެހާ ސާފެއް ނޫނެވެ. މަޖިލިހުން އެ އިސްލާހު ފާސްކުރުމަށް ފަހު ޕީޕީއެމް ޕީޖީ ގުރޫޕްގެ ވައިބާގައި އޭގެ ތުހުމަތު އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ބޮލުގައި ވަނީ އަޅުވައިފަ އެވެ.

ރައީސް ބޭނުންފުޅުވީ 25 ޑޮލަރު، އެކަމަކު ފާސްކުރީ އެއާ ހިލާފަށް!

މިއީ މީގެ ހެއްވާ އެއް ކަންތަކެވެ. އޭޑީސީގެ ގޮތުގައި 25 ޑޮލަރުގެ ބަދަލުގައި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަން މަޖިލިހުން ނިންމީ ސީދާ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވެގެން ކަމަށް މަޖިލިހުގެ ޖަލްސާގައި ބައެއް މެމްބަރުން ފާޅުގައި ވިދާޅުވި ނަމަވެސް، އާޚިރުގައި އެކަން ހަގީގަތަކަށް ނުވި އެވެ. ރައީސް ޔާމީނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ވަރަށް ސާފުކޮށް ވައިބަ ގުރޫޕުގައި ފަހުން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ދިވެހިންގެ އަތުން އޭޑީސީގެ ގޮތުގައި 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމުގެ ބިލަށް އިސްލާހު ހުށަހެޅުއްވުމަށް ފަހު، ވޯޓުގެ ކުރިން މަޖިލިހުގައި ބަހުސް ކުރެއްވި ބައެއް މެމްބަރުން ވެސް ވިދާޅުވީ އެ ބަދަލު ގެންނަވަން ނިންމެވީ ސީދާ ރައީސް ޔާމީން ބޭނުންފުޅުވެގެން ކަމަށެވެ. އެހެންވެ ބައެއް މެމްބަރުން ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައި ޖަލްސާގައި ވާހަކަ ވެސް ދައްކަވައިފަ އެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ އުނގޫފާރު ދާއިރާގެ ޖައުފަރު ދާއޫދެވެ. އޭނާ ވިދާޅުވީ 12 ޑޮލަރަށް ބަދަލުކުރަން ނިންމީ ރައީސް ޔާމީން ވަރަށް ބޮޑު ލުޔެއް ދެއްވައިގެން ކަމަށެވެ.

މަޖިލިހުގެ ކޮމިޓީއެއްގައި މެމްބަރު ޖައުފަރު ވާހަކަ ދައްކަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން މަޖިލިހުން ފާސްކުރީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް މަޖިލިހުގައި ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/ފައިލް ފޮޓޯ

މަޖިލިހުގެ ކޮމިޓީއެއްގައި މެމްބަރު ޖައުފަރު ވާހަކަ ދައްކަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން މަޖިލިހުން ފާސްކުރީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް މަޖިލިހުގައި ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/ފައިލް ފޮޓޯ

"ބިލު މިކޮޅަށް ސަރުކާރުން ފޮނުވާފައި އޮތް ނަމަވެސް، އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނަށް އޮތް އޯގާތެރިކަމެއްގެ ސަބަބުން އެމަނިކުފާނު ހަމަ ލުއި ދެއްވާފައި 12 ޑޮލަރަށް ތިރިކުރަން އަޅުގަނޑުމެންނަށް އެންގެވި އެންގެވުމަކާ ގުޅިގެން އަޅުގަނޑުމެން އެގޮތަށް މި ނިންމީ،" ޖައުފަރު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ޕީޖީ ގުރޫޕުގެ ހުރިހާ މެމްބަރުން ވެސް، ހާއްސަކޮށް އަސްމާ ރަޝީދު ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރަން. ހަމަ ހުރިހާ ކްރެޑިޓެއް ވެސް ރައީސުލްޖުމްހޫރިއްޔާ އަށް އޮތް ކަމަށް އަޅުގަނޑު ފާހަގަކުރަން. މި ބިލަށް މިވަގުތު ދިވެހިންނަށްޓަކައި އައި ހެޔޮ ބަދަލަކީ އިއްޒަތްތެރި ރައީސްގެ އެއްބާރުލުމާއި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ގެނެވުނު ބަދަލެއް ކަަމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ."

ސަރުކާރުން ބޭނުންވި ގޮތަށް ދިވެހިންގެ އަތުން 25 ޑޮލަރު ނަގަން ފާސްކުރަން އިގުތިސޯދީ ކޮމެޓީގައި ވެސް ހުށަހެޅުއްވި އަދި 12 ޑޮލަރަށް ދަށް ކުރުމަށް ބިލަށް ފަހުން އިސްލާހު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، އެ އިސްލާހު މަޖިލިހުން ފާސްކުރި ފަހުން "މިހާރު" އަށް ވެސް ވިދާޅުވެފައި ވަނީ އެއީ ރައީސް ޔާމީންގެ ނިންމެވުމެއް ކަމަށެވެ.

ރައީސް ޔާމީނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު މެމްބަރު އަސްމާ (މ) ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ފައިސާ ނެގުމުގެ ވިސްނުން އެކި ފަހަރު އެކި ގޮތށް ބަދަލުކުރެއްވި.---ފޮޓޯ: ނިޝާން އަލީ/ފައިލް ފޮޓޯ

ރައީސް ޔާމީނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު މެމްބަރު އަސްމާ (މ) ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ފައިސާ ނެގުމުގެ ވިސްނުން އެކި ފަހަރު އެކި ގޮތށް ބަދަލުކުރެއްވި.---ފޮޓޯ: ނިޝާން އަލީ/ފައިލް ފޮޓޯ

"މިއީ އެއްވެސް މެމްބަރެއްގެ މަސައްކަތެއް ނޫން. މެމްބަރުންގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ލުޔެއް ނުދެއްވި ނަމަ، އެކަމެއް ނުވާނެ،" އަސްމާ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ވިދާޅުވެފައިވެ އެވެ.

އެކަމަކު އަސްމާ އާއި ޖައުފަރު ފަދަ މެމްބަރުން މަޖިލިހުގެ ތަޅުމުގަ އާއި މީޑިއާތަކުގައި ރައީސް ޔާމީނަށް ކްރެޑިޓް ދެއްވައި ދެއްކެވި ހުރިހާ ވާހަކަތަކާއި ވިދާޅުވި ބަސްތައް ބަދަލުވެގެން ދިޔަޢި، 12 ޑޮލަރު ނަގަން މަޖިލިހުން ފާސްކުރުމަށް ފަހު، ވައިބަ ގުރޫޕުގައި ރައީސް ޔާމީން ވިދާޅުވި އެއްޗަކުންނެވެ. ކަން ނިމުނުއިރު ދިވެހިންގެ އަތުން 12 ޑޮލަރު ނަގަން ނިންމީ ރައީސް ޔާމީނަށް އެއްވެސް ވަރަކަށް އެނގިވަޑައިގަތުމެއް ނެތި އެވެ.

ދިވެހިންގެ އަތުން 12 ޑޮލަރު ނަގަން މަޖިލިހުން ނިންމި މައްސަލާގައި ރައީސް ޔާމީން ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހުން ވައިބާ ގުރޫޕުގައި ފާޅުކުރެއްވި ކަމަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ބާރަ ޑޮލަރު ނަގަން ފާސްކުރިކަން ރައީސަށް އެނގިވަޑައިގަތީ އެ އަދަދު ފާސްކުރި ފަހުން. ބައެއް މެމްބަރުން ވައިބާގައި އެކަމުގެ ޒިންމާ އަޅުވަނީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕްގައި. އެގޮތުން 25 ޑޮލަރު ނަގާތީ އުފެދުނު ނުތަނަވަސްކަމުގެ ލުޔެއްގެ ގޮތުން 12 ޑޮލަރަށް ބަދަލުކުރިޔަސް އެންމެ ރަނގަޅު ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން މެމްބަރުންނަށް އެންގެވީ. އެ ހިސާބުން ގިނަ މެމްބަރުންގެ ވިސްނުން ބަދަލުވީ،" މިކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅާ ވިދާޅުވި އެވެ.

"ވައިބާ ގުރޫޕްގައި މެމްބަރަކު އެހެން ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވަގުތުން ޖަވާބު ދެއްވި. ވިދާޅުވީ 'ރައީސް ރިކުއެސްޓެއް ނުކުރަން' ކަމަށް. އެ ހިސާބުން ހަގީގަތް ސާފުވާން ފެށީ."

ރައީސް ޔާމީނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން މުލިއާގެއިން ނިކުމެވަޑައިގަންނަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ފައިސާ ނެގުމާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/ފައިލް ފޮޓޯ

ރައީސް ޔާމީނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން މުލިއާގެއިން ނިކުމެވަޑައިގަންނަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން ފައިސާ ނެގުމާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތުވި.---ފޮޓޯ: މުހައްމަދު ޝަރުހާން/ފައިލް ފޮޓޯ

ދިވެހިންގެ އަތުން އޭޑީސީގެ ގޮތުގައި ނަގާ މިންވަރު 12 ޑޮލަރަށް ދަށްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން، ވައިބާ ގުރޫޕުގައި ބައެއް މެމްބަރުން ހޫނުވެ، އެ އަދަދު ފާސްކުރި މައްސަލާގައި ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ކަމަށްވެ އެވެ. އެގޮތުން ރައީސް ޔާމީނާއި ސަރުކާރުން ބޭނުންވި ގޮތް ސާފުކޮށް އެނގިވަޑައިގެންނެވި ނަމަ 25 ޑޮލަރު ނެގުމަށް ފާސްކުރާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވި އެވެ.

"އެއް މެމްބަރަކު ވިދާޅުވި އޭނާ ބޭނުންވަނީ [ދިވެހިންގެ އަތުން] 50 ޑޮލަރު ނަގަން ކަމަށް،" ބޭފުޅަކު ވިދާޅުވި އެވެ.

އޭޑީސީ 12 ޑޮލަރަށް ދަށް ކުރަން ނިންމި މައްސަލާގައި ޕީޖީގެ ލީޑަޝިޕުން "އޮޅުވާލާފައިވާ" ކަމަށް ދޭހަވާ ގޮތަށް ބައެއް މެމްބަރުން ވައިބަ ގުރޫޕުގައި ވާހަކަދައްކަވާފައިވެ އެވެ. އަދި ބައެއް މެމްބަރުން ވަނީ ޕީޖީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ދިފާއުކުރައްވާ ވާހަކަ ވެސް ދައްކަވައިފަ އެވެ.

"ރައީސް ޔާމީން ވެސް ވައިބަ ގުރޫޕްގައި ވިދާޅުވީ މި ދިމާވި ކަމަކީ ބައެއްގެ ނުފޫޒާ ހެދި، ދިމާވި ގެއްލުން ބޮޑު ކަމެކޭ. އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ބައެއްގެ ތެރޭގައި އެފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށް ވެސް ރައީސް ވައިބާ ގުރޫޕްގައި ވިދާޅުވި،" "މިހާރު"އާ މައުލޫމާތު ހިއްސާ ކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.

ދިވެހިންގެ އަތުން އޭޑީސީގެ ގޮތުގައި ސަރުކާރުން ބޭނުންވި އަދަދު ނަގަން ފާސްނުކުރި މައްސަލާގައި ރައީސް ޔާމީން ވައިބާގައި ވިދާޅުވީ އެ މައްސަލާގައި "ވަރަށް ބޮޑަށް އުނދަގޫވެއްޖެ" ކަމަށާއި އިތުރަށް ދެން ސަމާލުވާނީ ކަމަށެވެ.

ފުވައްމުލަކުގެ ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީނާ ވާހަކަފުޅު ދައްކަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް ބޭނުންފުޅުވިޔަސް އެ އަދަދު 12 ޑޮލަރަށް ދަށްކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ---ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގެ ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީނާ ވާހަކަފުޅު ދައްކަވަނީ: އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް ބޭނުންފުޅުވިޔަސް އެ އަދަދު 12 ޑޮލަރަށް ދަށްކުރުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ---ފޮޓޯ: ރައީސް އޮފީސް

"އެމަނިކުފާނު ވިދާޅުވީ މުޅި ގުރޫޕަށް އެނގެން ޖެހޭ ގޮތަށޭ ސަރުކާރުން ބިލް ހުށަހެޅީ. އެއަށް ބަދަލު ގެންނާކަށް ހުށައެއް ނާޅުއްވަމޭ. އެގޮތަށް ހުށަހަޅުއްވާ ފަހަރުތަކުގައި ގުރޫޕުގައި އެބަ ލިޔުއްވަމޭ. މި މައްސަލާގައި ވައިބަ ގުރޫޕުގައި ރައީސް ވަރަށް ސާފުކޮށް އިލްތިމާސް ކުރެއްވި ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ރަނގަޅު ކުރުމަށްޓަކައި ތެދު ބަހުން ވާހަކަ ދެއްކެވުމަށް،" މެމްބަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެސް ވައިބަ ގުރޫޕްގައި ވިދާޅުވީ މި ދިމާވި ކަމަކީ ބައެއްގެ ނުފޫޒާ ހެދި، ދިމާވި ގެއްލުން ބޮޑު ކަމެކޭ. އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ބައެއްގެ ތެރޭގައި އެފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށް ވެސް ރައީސް ވައިބާ ގުރޫޕްގައި ވިދާޅުވި.

އޭޑީސީގެ މައްސަލާގައި ރައީސް އަދި ސަރުކާރުން ފުރަތަމަ ވެސް ބޭނުންވި ގޮތާ ހިލާފަށް މަޖިލިހުގެ ތަޅުމުން ނިންމީ، ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ޕީޖީގެ ލީޑަޝިޕާއި ރައީސް ޔާމީނާ ދެމެދުގައި މުއާސަލާތް ކުރެވުނު ގޮތަކުންނެވެ. އެކަމަކު 12 ޑޮލަރަށް ދަށްކުރުމަށް މެމްބަރުންނަށް ނާންގަވާ ކަމަށް ރައީސް ޔާމީން ވައިބަ ގުރޫޕުގައި ކަނޑައެޅިގެން ވިދާޅުވެފައި އޮތުމުން، ބައެއް މެމްބަރުން ވިދާޅުވާ ގޮތަށް "ކޮމިއުނިކޭޝަން އެރާއެއް" ހަގީގަތުގައި ވެސް އެރީތޯ ސުވާލު އުފެދެ އެވެ. ނުވަތަ ދެ ފަރާތުން ވެސް ސިޔާސީ ގޮތުން އެހެން ކަމެއް ހާސިލްކުރަން މަސައްކަތް ކުރީތޯ ވެސް ސުވާލު އުފެދެ އެވެ.

ދިވެހިންގެ އަތުން އޭޑީސީ ނަގަން ޕީޖީ ގުރޫޕު ފުރަތަމަ ވެސް ދެކޮޅު

ދިވެހިންގެ އަތުން އޭޑީސީގެ ގޮތުގައި އެއްވެސް މިންވަރެއް ނަގަން ޕީޕީއެމްގެ ޕީޖީ ގުރޫޕުން ފުރަތަމަ ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ސަރުކާރުން މަޖިލިހުގެ ބަޖެޓް ކޮމިޓީގަ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި އަބަދުވެސް ބުނަމުން އައީ އޭޑީސީ ނަގަނީ ދިވެހިން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ބަޖެޓް ކޮމިޓީގައި ވިދާޅުވީ ދިވެހިން އިސްތިސްނާ ކުރާނެތޯ ނިންމާނީ މެމްބަރުން ކަމަށެވެ.

ޒުހޫރު ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ އޭޑީސީ ދިވެހިންގެ އަތުން ނަގަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތާއީދު ނުކުރާނެ ކަމަށެވެ.

މެމްބަރު ރިޔާޒް ރަޝީދު މުލީއާގެ އިން ނުކުމެވަޑައިގަންނަވަނީ: ދިވެހިންގެ އަތުން އޭޑީސީ ނަގަން ފުރަތަމަ ވެސް ދެކޮޅު ހެއްދެވި.---ފޮޓޯ: މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

މެމްބަރު ރިޔާޒް ރަޝީދު މުލީއާގެ އިން ނުކުމެވަޑައިގަންނަވަނީ: ދިވެހިންގެ އަތުން އޭޑީސީ ނަގަން ފުރަތަމަ ވެސް ދެކޮޅު ހެއްދެވި.---ފޮޓޯ: މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

"މިއީ ސަރުކާރުން ވިސްނަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި އަޅުގަނޑުމެން ގަބޫލެއް ނުކުރަން މި ބަޖެޓް އެކުލަވާލާފައި ވަނީ ދިވެހިންގެ އަތުން ނަގަން ކަމަކަށް ވެސް. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް މިކަން ކުރަނީ އެހެނެއް ނޫން،" ރިޔާޒް ވިދާޅުވެފައިވެ އެވެ.

ޕީޖީ ލީޑަރު ނިހާން ވެސް ދިވެހިންގެ އަތުން އޭޑީސީ ނަގަން ދެކޮޅު ހެއްދެވި އެވެ. އޭޑީސީ ނަގަން ވިސްނާފައި ވަނީ ބިދޭސީންނާއި ޓޫރިސްޓުންގެ އަތުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އަސްމާ ވެސް ބަޖެޓް ކޮމިޓީގައި ވަނީ ދިވެހިންގެ އަތުން އޭޑީސީ ނެގުމާ ދެކޮޅު ހައްދަވައިފަ އެވެ.

"ސަރުކާރު ބަދުނާމު ވާ މިކަހަލަ އެއްޗެހި ދަންމާފައި ގެންގޮސް މަޖިލިހަށް ވައްޓާލީމާ، އަޅުގަނޑުމެންނަށް ވެސް މަޖުބޫރުވާނެ ރައްޔިތުންނާ އެއްކޮޅުގައި ތިބެން،" އަސްމާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް އާޚިރުގައި އަސްމާ ވެސް އިގުތިސޯދީ ކޮމިޓީގައި މަސައްކަތް ކުރެއްވީ ސަރުކާރުން ބޭނުންވި ގޮތަށް އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށެވެ. އަދި ހުރިހާ ކަމެއް ނިމުނުއިރު، ދިވެހިންގެ އަތުން ވެސް އޭޑީސީ ނަގަން ޖެހޭ ގޮތަށް، އެއާ ދެކޮޅަށް ފާޅުގައި އުޅުއްވި މެމްބަރުން މިވަނީ ވޯޓު ދެއްވައި ފާސްކޮށްފަ އެވެ. ދިވެހިންގެ އަތުން ނަގާ މިންވަރު ދަށްވުން އެއީ އަދި އެހެން ކަމެކެވެ. ކޮންމެ ގޮތަކުން ވެސް އައިއެންއައިއޭ އިން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގުމަކީ ވެސް ހަމަ އިތުރުވި ހަރަދެކެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތަށް ދިވެހި ރައްޔިތުންނަށްޓަކައި އަމަލު ކުރައްވާކަށް ވެސް ކެރިވަޑައެއްނުގަތެވެ.