Roadha Mihaaru
މަސީހްގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން: ރިޔާޒް

މަސީހްގެ މައްސަލައަކީ ޕީޕީއެމްގެ ތެރެއިން އުފަންވި ކަމެއް: ރިޔާޒް

09 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އުފަންވީ ޕީޕީއެމްގެ ތެރެއިން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މަސީހާ ދެކޮޅަށް "ހަގީގީ ރޯލް" ކުޅުއްވި މެމްބަރުން ޕީޕީއެމްގައި އަދިވެސް އެބަ ތިއްބެވި ކަމަށެވެ. އެއީ ވަކި ގްރޫޕެއް ހަދައިގެން ކުރިން ވެސް މަސީހާ ދެކޮޅަށް މަސައްކަތް ކުރެއްވި މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ޕީޕީއެމް ލީޑާޝިޕްގައި ތިއްބެވި ކޮންކޮން މެމްބަރުންނެއް ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ފަހުން އެންމެ ގިނައިން މަސީހާ އެއްކޮޅަށް ގަދަ ބަސް ވިދާޅުވަނީ މަސީހާ ދެކޮޅަށް ކުރިން މަސައްކަތް ކުރެއްވި ޕީޕީއެމްގެ އިސް ދެ ބޭފުޅެއް ކަމަށެވެ.

"މި ބުނާ މެމްބަރުންގެ ތެރެއިން މަދު ބައެއް ޕާޓީ ދޫކޮށްލީ. ގިނަ ބަޔަކު ޕީޕީއެމް ތެރޭގައި އަދިވެސް އެބަތިބި. އެކަމަކު ހައިރާންވޭ އެ މެމްބަރުން ޕީޕީއެމްގައި ތިއްބަވައިގެން އެއްކޮޅަށް (މަސީހުގެ ދިފާއުގައި) މަސައްކަތް ކުރައްވާތީ،" ރިޔާޒް ވިދާޅުވި އެވެ.

އެއީ ކޮން މެމްބަރުންނެއް ކަން ރިޔާޒް ވިދާޅުނުވި ނަމަވެސް، ބެލެވޭ ގޮތުގައި ރިޔާޒް އެ އިޝާރާތް ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނައިބު ލީޑަރު އިބްރާހިމް ފަލާހާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލަށެވެ.

ރިޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ޕީޕީއެމްގެ ތެރެއިން މަސީހާ ދެކޮޅަށް މަސައްކަތް ކުރެއްވުން ކަމަށެވެ.

"މިއީ ޕީޕީއެމް ޕީޖީ ގްރޫޕްގައި ތިއްބެވި ވަކިވަކި މެމްބަރުންތަކެއް އުފެއްދި މައްސަލައެއް. އެންމެ އިސްކޮށް ތިބި މެމްބަރުން މިކަން ނުކުރާށޭ ކިޔައިގެން މިހާރު އެންމެ ގަދަ ބަސް މިހާރު ބުނަނީ،" ރިޔާޒް ވިދާޅުވި އެވެ.

ސާޅީފަސް މެމްބަރުން ސޮއިކުރައްވައި މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއިކުރެއްވީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ފެއިލްވެގެން ކަމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެ ވާހަކަތައް ރިޔާޒް ވަނީ ދޮގުކުރައްވައިފަ އެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި 2008 ގެ ފަހުން ޕީޕީއެމްގެ ފިކުރުގެ މައްޗަށް އިދިކޮޅު ފަރާތްތަކަށް ކުރި ހޯދިފައި ނުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.