Roadha Mihaaru
ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ދިޔަ ދުވަސް

ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ދިޔަ ދުވަސް

14 ޖޫން 2017

ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި އެ ޕާޓީގެ ހަޔާތުގައި ވެސް މަޖިލިހުގެ މެމްބަރުން އެންމެ ރުޅިގަދަވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލީ އިއްޔެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ "މެމްބަރުންނަށް ވެސް މަކަރާއި ހީލަތް ހަދާފައި" ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި އެ ޕާޓީގެ ހަޔާތުގައި ވެސް މަޖިލިހުގެ މެމްބަރުން އެންމެ ރުޅިގަދަވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލީ އިއްޔެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުއްލިއަކަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ "މެމްބަރުންނަށް ވެސް މަކަރާއި ހީލަތް ހަދާފައި" ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ކޮންމެ ބިލެއް، އޭގައި އޮތް އެއްޗަކާ ކިތައްމެ ބޮޑު ޚިޔާލު ތަފާތުވުމެއް އޮތަސް، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވަރަށް މަދު ފަހަރެއްގައި ނޫނީ ނުރުހުންތެރިކަން ދައްކާފައެއް ނުވެ އެވެ. އެކަމަކު އިއްޔެ އަކީ މަޖިލިހުގެ މެމްބަރުންގެ އަސްލު ޒިންމާ އޭގެ ގޮތުގައި އުފުލި ދުވަހެއް ކަމަށް، ހުރިހާ އަރައިރުމަކާއި، ޒުވާބެއް ދުށް، ބައެއް މެމްބަރުން ވިދާޅުވި އެވެ.

"މިއީ ސީދާ މަކަރާއި ހީލަތް، އެގޮތަށް މެމްބަރުން ގަބޫލުުކުރީ،" މައްސަލައިގެ ނާޒުކުކަމާ ހެދި ނަން ނުޖަހަން ޝަރުތުކޮށް އެއް މެމްބަރަކު ވިދާޅުވި އެވެ.

އެހެން ވިދާޅުވާން ކުރިމަތިވި ސަބަބުތަކެއް އެބަ ހުއްޓެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މެދުވެރިކޮށް ހުށަހެޅި ބިލްގައި، އޮންނާނެ ކަމަށް ފުރަތަމަ ގަބޫލުކުރީ ފަންސާހަކަށް އިސްލާހެވެ. އެކަމަކު މަޖިލިހަށް ހުށަހަޅަން އޭނާ އަށް ބިލް ލިބިވަޑައިގެންނެވި އިރު އޮތީ އިސްލާހުގެ އަދަދު 90 އަށް ވުރެ މަތިވެ، ގާތްގަނޑަކަށް 17 ސަފުހާ އިން ފަންސާހަކަށް ސަފުހާ އަށް އިތުރުވެފަ އެވެ. ބިލްގައި އޮތް އެއްޗެއް މެމްބަރުންނާ ހަމައަށް އައީ ވެސް އިއްޔެ މަޖިލިހުގެ ތަޅުމުގައި ބިލް ހުށަހެޅުއްވި ފަހުން ކަމަށް މެމްބަރުން ވިދާޅުވި އެވެ.

"ބިލް ހުށަހެޅި އިރު މެމްބަރުންނަށް އަދި ނުލިބޭ އޭގެ ކޮޕީއެއް. ހުށަހެޅި ފަހުން އަތަށް އެރީ. އެއީ ކުރިން ވާ ގޮތެއް ނޫން،" މެމްބަރަކު ވިދާޅުވި އެވެ.

"ސަރުކާރުން ހުށަހަޅާ ބިލްތައް އަސްލު ރައީސް އޮފީސް މެދުވެރިކޮށް، އެޓާނީ ޖެނެރަލް ބިލް ތަައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވީމާ ރައީސް އޮފީހުން އަޅުގަނޑުމެންނާ ހަމައަށް އަންނަ ގޮތަށް އޮންނަނީ. އެކަމަކު މި ބިލް އައިސް އޮތީ ސީދާ އެޓާނީ ޖެނެރަލްގެ އޮފީހުން. އެހެން ވެގެން ނުވާނެ."

އެކަމަކު މުބީން ފުރަތަމަ ބިލް ހުށަހެޅުއްވި އިރު ދެއްކެވި ވާހަކަތަކުން ދޭހަވީ މެމްބަރުން ތިބީ އެ ހުރިހާ އިސްލާހަކަށް ތާއީދުކުރާ ގޮތަށް ކަމެވެ. އަދި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، އަވަހަށް ބިލްގެ ކަންކަން ނިންމާލުމުގެ މަގުސަދު އޭނާގެ ވެސް އޮތެވެ. އެކަން އެނގެނީ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު، ބަހުސަށް ފުރުސަތު ހުޅުވާލައްވާފައި، ހަމަ ކުއްލިއަކަށް "ފުރުސަތު ބަންދު" ކަމަށް ވިދާޅުވެ، ފަހު ބަސް އިއްވުމުގެ ވަގުތުގައި އޭނާ ދެއްކެވި ވާހަކަތަކުންނެވެ. މަސީހު އެގޮތަށް ނިންމެވި އިރު، ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، އޭރު ވެސް އެތައް މެމްބަރުންނެއް ގެންދެވީ ފުރުސަތަށް އެދިވަޑައިގަންނަވަމުންނެވެ.

"ފުރުސަތު ހުޅުވާލާފައި ކުއްލިއަކަށް މަސީހު މި ބުނީ ބަންދޭ. އެކަހަލަ ބިލަކަށް ވާހަކަ ދައްކަން ފުރުސަތު ނުދީ އެގޮތަކަށް ނުހެދޭނެ،" މެމްބަރަކު ވިދާޅުވި އެވެ.

ބަހުސްގެ ފުރަސަތަށް އެއްވެސް މެމްބަރަކު "އެދިވަޑައިގެންފައި ނުވާތީ" މަސީހު ދެން ފުރުސަތު ދެއްވީ "ބިލްގެ ފަހު ބަސް އިއްވުމަށް" މުބީނަށެވެ. އެހެންކަމުން ރިޔާސަތުގެ މަގުސަދަކީ، ނުވަތަ ސަރުކާރުގެ ވެސް މަގުސަދަކީ ބަހުސްކުރުމެއް ވެސް ނެތި، އެހާ ގިނަ އިސްލާހުތަކެއް ބަލައިގަނެ، އަވަހަށް ނިންމާލުން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އަދި މުބީނުގެ ބޮލަށް ވެސް ވައްދާފައި އޮތީ އެގޮތަށް ކަން އެނގެ އެވެ. އޭނާގެ ފަހު ފުރުސަތުގައި ވިދާޅުވީ މަޖިލިހުގެ ޖަލްސާތަކުގައި ގިނަ ވަގުތުތަކެއް ނަގާލަން "އިއްޒަތްތެރި މެމްބަރުން ބޭނުންފުޅުނުވާ" ކަމަށެވެ.

ޖަލްސާ ފެށިއިރު، ބަހުސްގެ ވަގުތު އިތުރު ކުރުމަށާއި ޖަލްސާގެ ވަގުތު އިތުރުކުރަން ވެސް ފާސްކުރި އެވެ. އެކަމަކު ކުއްލިއަކަށް އެއްވެސް ފުރުސަތެއް ނުދެއްވައި އެގޮތަށް މަސީހު ކަންތައް ކުރެއްވުމުން، ޕީޕީއެމްގެ ބައެއް މެމްބަރުން ތަޅުމުން ބޭރުގައި ރުޅިގަދަވެ، އޭނާގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.

ތަޅުމުން ބޭރުގައި ޕީޕީއެމް މެމްބަރުންގެ ރުޅި ފަޅައިގެން ގޮސް، ސަރުކާރުން ފޮނުވާ ހުރިހާ އެއްޗަކަށް ބެލުމެއް ނެތި ވޯޓު ދޭން ނުޖެހޭނެކަމަށް ވިދާޅުވެވޭ ހިސާބަށް ހަމަނުޖެހުން ބޮޑުވި އެވެ. އިސްލާހުތަކުގައި ވަރަށް ނުރައްކާތެރި ބައިތަކެއް ވެސް ހިމެނޭކަން އެނގިވަޑައިގެން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. ޚާއްސަކޮށް ކޯޓު އަމުރެއް ނެތި ތަންތަނަށް ވަދެ، ފާސްކުރުމުގެ ފުރުސަތު ލިބޭ ގޮތަށް އޮތް އިސްލާހުތަކުން މެމްބަރުން ކަންބޮޑުވެވަޑައިގަތެވެ.

"މިހާރު ވެސް ސަރުކާރުން ބޭނުމިއްޔާ ބޭނުން ގޮތަކަށް ސިޔާސީ މީހުންނާ ދެކޮޅަށް ކަންކަން ކުރޭ. ދެން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ކޮންމެހެން އެ ފުރުސަތު ހޯދާކަށް ނުޖެހޭ،" މެމްބަރަކު ވިދާޅުވި އެވެ.

އޭޖީ އަނިލް (ކ) އާއި މޫސާ ޒަމީރު (މ): އިއްޔެ މަޖިލިހުގެ މެމްބަރުން ފުރުސަތެއް ނުދެއްވި

އޭޖީ އަނިލް (ކ) އާއި މޫސާ ޒަމީރު (މ): އިއްޔެ މަޖިލިހުގެ މެމްބަރުން ފުރުސަތެއް ނުދެއްވި

އަނިލް އަށް ވާހަކަ ދެއްކެވުނީ އެންމެ ދެތިން މިނިޓް!

މެމްބަރުން ހޫނުވެ، ޒުވާބު ބޮޑުވުމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މަޖިލިހުގެ އިދާރާ އަށް ވަޑައިގެން، ޕީޕީއެމް މެމްބަރުންނާ ވާހަކަ ދައްކަވަން އުޅުއްވި އެވެ. އެކަމަކު އެކަހަލަ ފުރުސަތެއް އެ ދެ ބޭފުޅުންނަށް ދެވޭ ވަރަށް ވުރެ، މެމްބަރުންގެ ތެރޭގައި އަޑުގަދަވެ، އެއްޗެހި ކިއުން އޮތީ ބޮޑުވެފަ އެވެ. އެހެންކަމުން ދެތިން މިނިޓް ތެރޭގައި އަނިލް އަށް ވިދާޅުވެވުނީ "ބިލް އަނބުރާ ގެންނަވާށޭ" ކަމަށް، އެތަނުގައި އިންނެވި މެމްބަރަކު ކިޔައިދެއްވި އެވެ.

"ޒަމީރު އިންނެވީ ނިތްކުރީގައި އަތް ޖައްސައިގެން. އެހެންތާ ވާނީ، އެ މީހުންނަށް އެއްވެސް ފުރުސަތެއް ދޭ ކަހަލަ ގޮތަކަށް ނޫން މެމްބަރުން ތިބީ،" އެކަކު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލް ކުރަން ފަށާނީ އަންނަ މަހު އެވެ. އެ ދުވަސް ކައިރިވުމާ އެކު އެހާ ގިނަ އިސްލާހުތަކެއް ކުއްލިއަކަށް ގެނައުމުން ބައެއް މެމްބަރުން ތިއްބެވީ އަސްލު ކަންބޮޑުވެފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތަސް ހުރިހާ ކަމެއްގައި އެގޮތަށް އަމަލްކުރަން ނުޖެހޭނެ ކަމަށް ވެސް، ބައެއް މެމްބަރުން އިއްޔެ ވިދާޅުވި ކަމަށްވެ އެވެ.

މައްސަލައަކީ، އެއް މެމްބަރަކު ވިދާޅުވި ގޮތުގައި، ރިޔާސަތުން މަސީހު އަމަލްކުރައްވާ ގޮތެވެ.

"މަސީހު ޖެހޭނެ ސަރުކާރަށް ވެސް އަންގަވަން ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް،" އެ މެމްބަރު ވިދާޅުވި އެވެ.

"މަސީހު އެގޮތަކަށް ކަންތަކެއް ނުކުރައްވާ. އެއީ މައްސަލައަކީ. މެމްބަރުން މަސީހު ދެކެ މިހާރު ވަރަށް ރުޅިއައިސް ތިބީ."

ބިލް އަނބުރާ ގެންދިއުން ނޫން ހައްލެއް އިއްޔެ ނުފެނުނެވެ. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން ކަމާއި ހައްލަކީ މެމްބަރުންގެ ޒިންމާ ވެސް އަދާކުރެވޭނެ މާހައުލެއް އޮތުން ކަން، ފުރަތަމަ ފަހަރަށް އިއްޔެ ޕީޕީއެމްގެ ގިނަ މެމްބަރުންނަށް ވިސްނުނެވެ.

"ރައްޔިތުންގެ މަޖިލިހުގައި އަސްލު އޮންނަން ވާނެ ރޫހު އިއްޔެ ފެނުނީ. ބުނާހާ ގޮތަކަށް ބިލްތައް ހަދައިގެން، ފާސްކުރުމެއް ނޫން އަހަރެމެންގެ ޒިންމާއަކީ،" އެއް މެމްބަރަކު ވިދާޅުވި އެވެ.

އިއްޔެގެ ރުޅިގަނޑާ އެކު، ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕްގެ "ހަރަކާތްތައް" ވެސް އޮތީ މެދުކެނޑިފަ އެވެ. މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް އެންމެ މެސެޖެއް ވެސް، އެއްވެސް ބޭފުޅަކު ލިއުއްވާފައި ނުވާ ކަމަށްވެ އެވެ. މެމްބަރަކު ވިދާޅުވި ގޮތުގައި މެސެޖެއް ނެތި، މިހާ ގިނަ ވަގުތެއް މީގެ ކުރިން ހޭދަވެފައެއް ނުވެ އެވެ.