ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވުން ނޫން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
24 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވުމަކީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވުން ނޫން ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅިއިރު، ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރަކު އެ ލިޔުމުގައި ސޮއިކުރެއްވި އެވެ. އަދި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި 49 މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ދެ ހުށަހެޅުމުގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީން ރަޝީދު "މިހާރު" އަށް ވިދާޅުވީ ރައީސް ޔާމީނަށް އިހްލާސްތެރި ވުމަކީ މަސީހަށް އިހްލާސްތެރިވުން ނޫން ކަމަށެވެ. ދެ ހުށަހެޅުމެއްގައި ސޮއިކުރެއްވުމަކީ ރައީސް ޔާމީނާ ދެކޮޅުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Signing a motion and actually voting for it are two very different things. Be careful what you say. My loyalty stands with RY.
— Yamin Rasheed (@YaminRasheed) October 24, 2018
މެމްބަރު ޔާމީން މިއަދު ކުރެއްވި ޓުވީޓު.
ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވި އެއް މެމްބަރަކަށް އޭނާ ވެވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން، އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވި ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މަޖިލީހަށް ހުށަހެޅި ދެ ހުށަހެޅުމާ މެދު ގޮތެއް ނިންމަވާނީ މެމްބަރުން ކަމަށެވެ. އަދި ދެ ހުށަހެޅުމުގައި ސޮއިކުރެއްވީ މަޖުބޫރު ކަމެއް ނެތި ހެޔޮ ހިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ކަންކަމުގައި އަބަދު އެކަކު އަނެކަށް އިނގިލި ދިއްކުރުމަކީ ކުރެވިދާނެ ކަމެއް ނޫން،" ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާމީން ވިދާޅުވި އެވެ.
Maseeh ge no confidence motion ga soi koffin. PPM aa RY aa dhurakah nudhan
— Muaz Muhammad Rashyd (@muazmr) October 24, 2018
މެމްބަރު މުއާޒް މިއަދު ކުރެއްވި ޓުވީޓު.
އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމުން މަސީހް ސަލާމަތް ކުރަން އުޅޭތާ ދެ އަހަރުވެއްޖެ އެވެ. މަސީހް ސަލާމަތް ކުރަން އުޅުމުން، ރައީސް ޔާމީނަށާއި ޕީޕީއެމަށް ގެއްލުންތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ރައީސް ޔާމީނަކީ މިވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސީހްގެ މަގާމު ދިފާއު ކުރުމަށް ޕީޕީއެމްގެ ފޯކަސް ބެހެއްޓުމަކީ އެކަން އޮންނަން ވާނެ ގޮތެއް ނޫން،" މަސީހް ދިފާއު ކުރެއްވުމުގައި މީގެ ކުރިން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ މަސީހް މަޖިލިސް، ހިންގަވާ ގޮތް ކަމުނުދާތީ ކަމަށެވެ. މަސީހަކީ، މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުކަމާ އެކީ މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށް މުއާޒް ވިދާލުވި އެވެ.
"މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަކީ ރައީސް ޔާމީނާ ދެކޮޅުވުމެއް ނޫން. އެމަނިކުފާނާ އެކީގައި އަޅުގަނޑު މި ހުންނެވީ،" މުއާޒް ވިދާޅުވި އެވެ.
މުއާޒް ވެސް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވެވަޑައިގެންނެވީ މަސީހް ދިފާއު ކުރައްވަން ޖެހުމުންނެވެ. މަސީހްގެ ސަބަބުން މަޖިލިސް ހިންގުމުގައި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
ޔާމީނާއި މުއާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ދެ ހުށަހެޅުމާ ގުޅިގެން ޕީޕީއެމުން ވަކިވުމުގެ އެއްވެސް ހިޔާލެއް ނެތް އެބޭފުޅުންގެ ކަމަށެވެ. އަދި ޕީޕީއެމްގައި ރައީސް ޔާމީން ހުންނެވިހާ ހިނދަކު، އެ ޕާޓީގައި ދެމިތިއްބަވާނެ ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ.
ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އަސްއަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.
އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އަސްއަދާއި އުމަރާއި މުއާޒާއި ޔާމީންގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ސޮއިކުރެއްވި އެވެ.
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
ވޯޓަކުން ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ޝުޖާއު
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ރައީސް ޔާމީން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް