Roadha Mihaaru
"މަޖިލިސް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް ނުދެއްވާ"

ބާރާއެކު މަޖިލިސް ކުރިއަށް ގެންދަން ރައީސް އިރުޝާދެއް ނުދެއްވާ: ރިޔާޒް

29 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް އަބްދުﷲ ޔާމީން ނުދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ރައީސް އަބްދުﷲ ޔާމީން ނުދެއްވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު "ކޮންމެ ގޮތަކުން" ނަމަވެސް އެ ދުވަހު ނިންމުމަށް ރައީސް ޔާމީން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އެންގެވި ކަމަށް ބުނާ ވައިބާ މެސެޖްތަކެއް ސޯޝަލް މީޑިއާގައި ވަނީ ލީކް ކޮށްލައިފަ އެވެ. އެކަމަކު އެއީ ސައްހަ މެސެޖްތަކެއް ނޫން ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރެއްވީ ހަމައެކަނި އޭނާއާ ކަމަށެވެ. އެ ގޮތުން މަޖިލިސް މެދުކަނޑާލަން ޖެހުނު ސަބަބާއި ޗެމްބަރުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތު ރައީސް އޮޅުންފިލުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ކަމެއް ކުރިއަށް ގެންދާކަށް ރައީސް އެއްވެސް އިރުޝާދެއް ނުދޭ، ވަކިވަކިން މެމްބަރުންނަށް ގުޅުއްވައިގެން ވަކި ގޮތެއް ކުރާކަށް ރައީސް ނާންގަވާ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ރައީސް ދެއްކެވި ވާހަކަ ކަމަށް ބުނެ، މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކެވެ. އަދި އެއީ، ނުބައި މާނައެއް ދޭހަ ކުރަން ވެގެން ކޮށްގެން އުޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ބާރު އެޅުއްވީ މަޖިލީހުގެ ގަވާއިދާއި ހަމަތަކުގެ މަތިން މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން، ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރާކަށް އިރުޝާދެއް ނުދޭ، އެހެން ނޫނަސް، އެ ފަދަ ވާހަކަތަކެއް ގްރޫޕްގައި ވިދާޅުވެފައެއް ނުވޭ ރައީސެއް،" ރިޔާޒް ވިދާޅުވި އެވެ.

ލީކުވި މެސެޖްތަކުން އެނގޭ ގޮތުގައި އެއީ އެ ދުވަހުގެ 1:30 ގައި ވޯޓަށް އެހުމުގެ ކުރިންނާއި ފަހުން މަޖިލިސް ހަލަބޮލިވެފައި އޮއްވައި މެމްބަރުންނާ އެކު ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބެލެވެ އެވެ. އެއް މެސެޖްގައި ރައީސް ރައީސް ވިދާޅުވީ "ވޯޓު މިއަދު [ހޯމަ ދުވަހުގެ] ފަހު ގަޑިއަކަށް ލަސްކުރިޔަ ނުދޭތި" އެވެ. އެއާ އެކު، "އިދިކޮޅު ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައި ނަމަވެސް ވޯޓު ނަގަން ޖެހޭ ކަމަށް" ވެސް މެސެޖްގައިވެ އެވެ.

މަސީހް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ވޯޓު ސަރުކާރުން ދިފާއުކުރީ 48 ވޯޓުންނެވެ. މިހާތަނަށް ނެގި، މުހިއްމު ބޮޑެތި ވޯޓުތަކުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން އާއްމުކޮށް 51 ވޯޓު ލިބުނަސް އެ ވޯޓުގައި ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ މެމްބަރުންނާ ވަކިވަކިން ސުވާލު ކޮށްގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އަދި ޖަލްސާ ކުރި އަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުގެ ކަންކަން އުސޫލުތަކުގެ ބޭރުން ދިޔަ ކަމަށް ބުނެ، އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.