Roadha Mihaaru

އެއާޕޯޓް މައްސަލައިގައި ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ހަރަކާތްތަކުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް "ގެއްލިއްޖެ" އެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

26 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމްގެ ހަރަކާތްތަކުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް "ގެއްލިއްޖެ" އެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ނިލަންދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. ބިން ހިއްކުމާއި އެއާޕޯޓު މަޝްރޫއަށް 171،544،949ރ. ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެކަމަކު، މިހާތަނަށް މަސައްކަތް ނުފެށިވާއިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރައީސް ނުދައްކަވަ އެވެ.

އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާ ނިމުމާއެކު އެތަނުގައި މަޑުނުކުރައްވައި ޚަލީލް ވަނީ ވަޑައިގެންފަ އެވެ. އެ ޖަލްސާ ބޭއްވުމާ ހަމައަށް، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ޚަލީލް އެ ޕާޓީގެ ޕްރެސް ކޮންފަރެންސްތަކުން ވެސް މިހާރަކު ނުފެނެ އެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ޕީޕީއެމްގެ އެއްވެސް ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ނިލަންދޫ އެއާޕޯޓާ މެދު އެ ރަށުގެ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ހައްދައިދެއްވަން ޚަލީލް މަސައްކަތް ކުރައްވާއިރު، ސަރުކާރުން އެއްބާރުލުން ނުލިބުމަކީ އޭނާ ހިތްހަމަޖެހިވަޑައިނުގަތް ސަބަބެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"އެއީ، ދާއިރާގެ ރައްޔިތުން ވަރަށް އުއްމީދުކޮށްގެން ތިބި ކަމެއް. އެކަމުގެ ކަންބޮޑުވުން ރައްޔިތުން މެމްބަރަށް ހުށަހަޅާ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ހަރަކާތްތަކުން ނުފެންނަނީ ކީއްވެތޯ ސާފުކުރަން، ޚަލީލަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބުނެ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ވައިގެދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެން ފުޅާކުރުމަށް މި އަހަރު، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވަރުލުގައި ގާއިމްކޮށް ނިމެނޭ އެވެ. އަދި ހއ. ހޯރަފުށި ކައިރީގައި އެއާޕޯޓެެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.