Roadha Mihaaru
25 ޑޮލަރުގެ ޓެކްސް ނަގަނީ ބިދޭސީންގެ އަތުން އެކަނި

25 ޑޮލަރުގެ އެއާޕޯޓް ޓެކްސް ބިދޭސީންގެ އަތުން އެކަނި ނަގާ ގޮތަށް ބަދަލުކޮށްފި

09 ނޮވެމްބަރ 2016

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު ތައާރަފް ކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)، ރާއްޖޭގެ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ހުށަހެޅި ހުށަހެޅުން ބަދަލުކޮށް، ހަމައެކަނި ބިދޭސީންގެ އަތުން އެ 25 ޑޮލަރު ނަގަން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު ތައާރަފް ކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)، ރާއްޖޭގެ މައި އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ހުށަހެޅި ހުށަހެޅުން ބަދަލުކޮށް، ހަމައެކަނި ބިދޭސީންގެ އަތުން އެ 25 ޑޮލަރު ނަގަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އޭޑީސީ ނެގުން ހިމެނެ އެވެ. ބަޖެޓުގައިވާ ގޮތުން، އެ ފީ ނަގާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން "ރާއްޖޭގެ އެކި ހިސާބަށް އަދި ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން" 25 ޑޮލަރުގެ ރޭޓުންނެވެ. އެއިން އަންނަ އަހަރު ޖުމްލަ 565.8 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ވެސް އެއާޕޯޓުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން 25 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ.

ބަޖެޓުގައިވާ ގޮތުން އަލަށް ތައާރަފްކުރާ 25 ޑޮލަރުގެ އޭޑީސީ ނަގާއިރު ދިވެހިންނާއި ބޭރު މީހުން އިސްތިސްނާއެއް ނުކުރާނެ އެވެ.

ސަރުކާރުގެ އެ ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރު އަހުމަދު ނިހާން ރޭ ޓުވިޓާގައި ވިދާޅުވީ އޭޑީސީ ނަގަން "ވިސްނާފައި ވަނީ ފަތުރުވެރިންނާއި ބިދޭސީންގެ އަތުން" ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ބަޖެޓަށް ބަލާ ނަމަ އޭޑީސީ އަކީ ބިދޭސީންގެ އަތުން މިހާރު ނަގާ 25 ޑޮލަރުގެ ސާވިސް ޗާޖުގެ އިތުރުން ނަގާ ފީ އެކެވެ. އެހެންވެ، ރާއްޖޭން ފުރާ ކޮންމެ ބިދޭސީއަކު އަންނަ އަހަރުން ފެށިގެން އެއާޕޯޓު ޓެކްސްގެ ގޮތުގައި ޖުމްލަ 37 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގިއިރު އެކަން ކުރަން އުޅުމުން ސިވިލް ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓު ތަރައްގީކޮށް ނުނިމެނީސް އޭޑީސީ ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖު ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން އޭޑީސީން ލިބޭ ފައިސާ ޖަމާކުރަން ހަމަޖައްސާފައި ވަނީ އަލަށް ހަދާ ސޮވެރިން ޑިވެލޮޕްމަންޑް ފަންޑަކަށެވެ. ފަހަށް ރައްކާކުރަން ހަދާ މި ފަންޑަށް އަންނަ އަހަރު ޖަމާކުރަން ނިންމާފައިވާ 1.1 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ އޭޑީސީން ލިބޭ އާމްދަނީ އެވެ.