Roadha Mihaaru
ކޮރިއޮގްރާފަރު ސަރޯޖްގެ ބައޮޕިކް ހަދާނީ ޓީ ސީރީޒުން

ކޮރިއޮގްރާފަރު ސަރޯޖްގެ ބައޮޕިކް ހަދާނީ ޓީ ސީރީޒުން

05 ޖުލައި 2021

ބޮލީވުުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނުނު ސަރޯޖް ޚާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ހަދަން ނިންމިކަން ބުޝަން ކުމާރުގެ ޓީ ސީރީޒް އިން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނުނު ސަރޯޖް ޚާންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ހަދަން ނިންމިކަން ބުޝަން ކުމާރުގެ ޓީ ސީރީޒް އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން މިކަން ހޮނިހިރު ދުވަހު އިއުލާންކޮށް ބުނީ ފިލްމާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. ސަރޯޖް، 71، ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހާޓްއެޓޭކެއް ޖެހިގެން މަރުވެފަ އެވެ. އެ ދުވަސްވަރު ވެސް އޭނާގެ ބައޮޕިކްގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

ސަރޯޖްގެ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރަން މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އަދި ސަރޯޖް ދުނިޔޭގައި ހުރި އިރު، އޭނާ އަށް ބިނާކޮށް ފިލްމެއް ހަދާނެ ނަމަ އެ ފިލްމު ރެމޯ ޑައިރެކްޓްކުރަން އެދޭ ވާހަކަ ސަރޯޖް ވެސް ބުނެފައިވެ އެވެ.

މި ފިލްމުގައި ސަރޯޖްގެ ރޯލު ދޭނެ ކަމަށް ގަބޫލުކުރެވެނީ ނެށުމަށް މޮޅު ބަތަލާއަކަށެވެ. ސަރޯޖްގެ އެންމެ ފެވަރިޓް ބަތަލާއިންގެ އެންމެ ކުރީގައި އުޅެނީ މަދޫރީ ޑިކްސިޓެވެ. އޭނާގެ ވަރަށް ގިނަ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށްދީ، މަދޫރީގެ ސިގްނޭޗާ ބައެއް ސްޓެޕްތަކަކީ ސަރޯޖްގެ މަސައްކަތެވެ.

ސަރޯޖަކީ ބޮލީވުޑްގައި ފިރިހެނުންގެ ނުފޫޒު ގަދަ ނެށުމުގެ ދާއިރާގައި ކުރި ހޯދި މަދު އަންހެނުންގެ ތެރެއިން އެންމެ ކާމިޔާބު އެކަކެވެ. "މާސްޓަޖީ" ގެ ނަމުން މަޝްހޫރުވި ސަރޯޖް އެތައް ސަތޭކަ ފިލްމެއްގެ 2000 އެއްހާ ލަވައިގެ ނެށުންތައް ތައްޔާރުކޮށް ދީފައިވެ އެވެ.

ސަރޯޖް އެންމެ ފަހުން ނެށުން ތައްޔާރުކޮށް ދިން ލަވަ އަކީ މަދޫރީ 2019 ގެ ފިލްމު "ކަލަންކް" ގެ "ގަރު މޯރޭ ޕަރުދޭސިއާ" އެވެ.