Roadha Mihaaru
ކަޅުވެގެން ކުރި މަލާމާތަކީ ލިބުނު ހިތްވަރެއް: ރެމޯ

ކަޅުވެގެން ކުރި މަލާމާތަކީ ލިބުނު ހިތްވަރެއް: ރެމޯ

09 ފެބުރުއަރީ 2021

ފިލްމީ ދާއިރާ އަށް ނެށުންތެރިއެއްގެ ގޮތުގައި ނުކުތްތާ ކުރީކޮޅު ހަމުގެ ކުލަ އަނދިރިކަމުން ނަސްލީ ގޮތުން ދިމާކުރި ކަމަށާއި އެކަމަކު އެއީ ކުރިއަށް ދާން ލިބުނު ހިތްވަރެއް ކަމަށް މިހާރު އިންޑިއާގެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ރެމޯ ޑި ސޫޒާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމީ ދާއިރާ އަށް ނެށުންތެރިއެއްގެ ގޮތުގައި ނުކުތްތާ ކުރީކޮޅު ހަމުގެ ކުލަ އަނދިރިކަމުން ނަސްލީ ގޮތުން ދިމާކުރި ކަމަށާއި އެކަމަކު އެއީ ކުރިއަށް ދާން ލިބުނު ހިތްވަރެއް ކަމަށް މިހާރު އިންޑިއާގެ ކާމިޔާބު ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ރެމޯ ޑި ސޫޒާ ބުނެފި އެވެ.

ބޮލީވުޑްގެ އެތައް ފިލްމެއްގެ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށްދީގެން ނެޝަނަލް އެވޯޑް ހޯދުމުގެ އިތުރަށް މިހާރު ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ރެމޯ ބުނީ އޭނާ ކަޅުވެގެން މަލާމަތާއި ފުރައްސާރަ ވަރަށް ކުޑައިރުން ފެށިގެން އަމާޒުވަމުން އައި ކަމަށެވެ.

"އެކަމަކު ފަހުން ފިލްމީ ދާއިރާ އަށް ނުކުތް ފަހުން މާ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި. އޭރު އަހަންނާ ދިމާލަށް ފާޑުފާޑުގެ ނަންތަކުން ވެސް މީހުން ގޮވާނެ. ބޭރު ގައުމުތަކަށް ކުރާ ދަތުރުގައި ވެސް އެބަހުރި ވަރަށް ގިނަ ފަހަރު މަތިން ރޭސިޒަމާ ކުރިމަތިލާން ޖެހިފައި،" ދާދި ފަހުން ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދި ރެމޯ ބުންޏެވެ.

އޭނާ ބުނީ ކަޅުވުމަކީ އެއް އިރެއްގައި ވެސް އަމިއްލަ އަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ މީސްމީހުން ކިޔާހާ އެއްޗެހިއްސާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި މަސައްކަތްކުރީ ހުނަރު ތަރައްގީކޮށް، ކާމިޔާބު މީހަކަށްވާން ކަމަށް ބުންޏެވެ. ރެމޯ އަކީ ފިލްމުތަކުގެ ބެކް ޑާންސަރެއްގެ ގޮތުގައި ނުކުމެ ހުނަރު ދައްކާލައިގެން ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ކޮރިއޮގްރާފަރުންގެ ލިސްޓުން ޖާގަ ހޯދި އެކަކެވެ. މި ސަބަބާ ހުރެ ނެށުމަށް ލޯބިކުރާ ވަރަށް ގިނަ ޒުވާނުން ރެމޯ ނަމޫނާއަކަށް ބަލަ އެވެ.

"ރޭސް 3" އާއި "ސްޓްރީޓް ޑާންސާ" އަދި "އޭބީސީޑީ" ގެ ފިލްމުތައް ގެނެސްދިން ރެމޯ ބުނީ އޭނާ ކަޅުވެގެން ފާޑުކީ ނަމަވެސް މިހާރު އެފަދަ މައްސަލަތަކާ މެދު ހިމޭނުން ނުހުންނާނެ ކަމަށެވެ. އެހެންވެ ނަސްލީ ގޮތުން މީހުން ތަފާތުކުރާ ނަމަ އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ބުންޏެވެ.

"މީހާގެ ކުލަ އަކީ އެ މީހަކު އަމިއްލަ އަށް ކުރާނެ ކަމެއް ނޫން. އެއީ ގުދުރަތީ ކަމެއް. އެހެންވީމަ އެއްވެސް މީހަކަށް ހައްގެއް ނޯންނާނެ އަނެއް މީހާ އަށް މަލާމާތްކޮށް ފުރައްސާރަކުރާކަށް،" ރެމޯ ބުންޏެވެ. "އެކަހަލަ ނާތަހުޒީބު ކަންކަން ކުރާ މީހުންނާ ދެކޮޅަށް އަހަރެން އަޑު އުފުލާނަން."

އޭނާ ބުނި ގޮތުގައި އިންޑިއާގައި މި މައްސަލަ މިހާރު އެންމެ ބޮޑީ ކުދިކުދި އަވަށްތަކުގެ މީހުންގެ މެދުގަ އެވެ.

"މީހެއްގެ ކުލައަކީ އެ މީހާގެ ގާބިލިއްޔަތުކަން ވަޒަންކޮށްދޭ ކަމެއް ނޫން. ހުރިހާ ވެސް އެއްޗަކީ ހުނަރު. އަހަރެން ކަޅުވެގެން ކުރި މަލާމާތުގެ ސަބަބުން ހަގީގަތުގައި ލިބުނީ ކުރިއަށްދާން ހިތްވަރެއް،" ރެމޯ، 45، ބުންޏެވެ. "މިއަދު އާދެވިފައި މި ހުރި ހިސާބުން އެކަން އެނގޭނެ."