Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

14 ޖެނުއަރީ 2021

މާދަމާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ، ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ތާންޑަވް" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދޭނެ ކަމަށާއި އޭގެ ސްކްރިޕްޓް ވެސް މިހާރު ގާތްގަނޑަށް ނިމިފައިވާ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ، ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ތާންޑަވް" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދޭނެ ކަމަށާއި އޭގެ ސްކްރިޕްޓް ވެސް މިހާރު ގާތްގަނޑަށް ނިމިފައިވާ ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

"ބާރަތު" ފަދަ ފިލްމުތައް ގެނެސްދިން އަލީ ބުނި ގޮތުގައި ދެ ވަނަ ސީޒަނުގެ ވާހަކަ ވެސް ވަރަށް ޝައުގުވެރިވާނެ އެވެ. އޭނާ ބުނި ގޮތުގައި "ތާންޑަވް" ގެ ދެވަނަ ސީޒަންގެ ސްކްރިޕްޓް މާ ބޮޑަށް ދުރާލައި ފެށުމުގެ ފުރުސަތު ލިބުނީ ކޮވިޑާ އެކު މިދިޔަ އަހަރު ކުރިމަތިވި ލޮކްޑައުންގެ ސަބަބުންނެވެ.

ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ހަދާފައިވާ އަލީގެ އަލަތު ވެބް ސީރީޒަކީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް އަންނަން ސައިފާއި ޑިމްޕަލް ކަޕާޑިއާގެ މެދުގައި ހިނގާ ކޯޅުންތަކެއް ދައްކުވައިދޭނެ އެއްޗެކެވެ.

"ތާންޑަވް" ގެ ކާސްޓްގައި ޑީނޯ މޯރިއާ އާއި ސުނިލް ގްރޯވާ އާއި ގޯހަރް ޚާނާއި ސާރާ ޖޭން ޑަޔަޒް އަދި މުހައްމަދު ޒީޝާން އައްޔޫބް ހިމެނެ އެވެ. މިއީ ނުވަ އެޕިސޯޑްގެ އެއްޗެކެވެ.

"ތާންޑަވް" އަކީ ނެޓްފްލިކްސްގެ "ސެކްރެޑް ގޭމްސް" އަށް ފަހު ސައިފް ކުޅުނު ދެވަނަ ވެބް ސީރީޒެވެ.

ޖާންވީގެ ބެލީ ޑާންސިން ދައްކާލައިފި

ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބެލީ ޑާންސްގެ ހުނަރު ދައްކާލައިފި އެވެ.

އޭނާ އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ 2001 ގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ކަރީނާ ކަޕޫރްގެ ފިލްމު "އަސޯކާ" ގެ ލަވަ "ސަން ސަނަނަ" އަށް ބެލީ ޑާންސްކުރާ ތަނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެ ވައްތަރުގެ ނެށުމުގެ ހުނަރު ޖާންވީގެ ކިބައިގައި ވަރަށް ބޮޑަށް ހުރި ކަމަށް ވީޑިއޯ އަށް ކޮމެންޓްކުރި މީހުން ބުނެފައިވެ އެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު މި ވަގުތު އަންނަނީ "ގުޑް ލަކް ޖެރީ" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.

ބޮލީވުޑްގައި މި ވަގުތު ބެލީ ޑާންސިން އަށް އެންމެ އަރާ ހުރި ބަތަލާ އަކީ ނެށުމަށް އާދަޔާހިލާފަށް މޮޅު ނޯރާ ފަތެހީ އެވެ. "ދިލްބަރު" ލަވަ އަކީ ނޯރާގެ ޖާދޫގައި އެތައް ބަޔަކު ޖެއްސުވި ލަވައެކެވެ.

"ކޭންޑީ" ގައި ރިޗާ އާއި ރޯނިތު

ސިލްސިލާ "ކަސޯޓީ" ގައި ބަޖާޖްގެ ރޯލު ކުޅެގެން ބޮޑު މަޝްހޫރުކަމެއް ލިބުނު ރޯނިތު ރޯއި އާއި ބަތަލާ ރިޗާ ޗައްޑާ "ކޭންޑީ" ކިޔާ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

ތުރިލާއެއްގެ ގޮތުގައި ހަދާ މި ސީރީޒަކީ ވޫޓް ސިލެކްޓްގެ އެއްޗެކެވެ.

އާޝިޝް އާރް ޝުކްލާ ޑައިރެކްޓްކުރާ "ކޭންޑީ" އަކީ ބޯޑިން ސްކޫލެއްގެ ތެރޭގައި އޮންނަ ކުށުގެ ވެއްޓެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މިއިން ފުރުސަތު ލިބުމުން ރޯނިތު ބުނީ މިއީ އަނެއްކާ ވެސް އޭނާގެ ވަރަށް ތަފާތު އެއްޗަކަށް ވާނެ ކަމަށާއި "ކޭންޑީ" އަކީ ޝައުގުން ފުރިގެންވާނެ އެއްޗެއް ކަމަށެވެ.

ރިޗާ ވެސް ބުނީ މި ފިލްމަކީ ބެލުންތެރިން ސިއްސުވައިލާނެ އެތައް ހާދިސާއެއް ފެނިގެން ދާނެ އެއްޗެއް ކަމަށެވެ. ދާދި ފަހުން "ޝަކީލާ" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 22 ގައި ރިލީޒްކުރާ "މެޑަމް ޗީފް މިނިސްޓަރު" އެވެ.

"ދަ ޕަވާ" ގެ ޓްރެއިލާ

ޒީ ޕްލެކްސް އިން މިއަދު ޕްރިމިއާކުރާ ފިލްމު "ދަ ޕަވާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އެކްޓަރު މަހޭޝް މަންޖްރޭކް ޑައިރެކްޓްކޮށްފައިވާ ތުރިލާއެވެ. "ދަ ޕަވާ" ގެ ލީޑް ތަރިންނަކީ މިދިޔަ އަހަރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޚުދާ ހާފިޒު" ގެ ބަތަލު ވިޖުޔަތު ޖަމްވަލް އާއި ޝްރޫތީ ހަސަނެވެ. "ދަ ޕަވާ" އަކީ މިދިޔަ އަހަރުގެ "ޔާރާ" އަށް ފަހު ޝްރޫތީ އާއި ވިދުޔަތު އެކީގައި ފެންނަ ދެވަނަ ފިލްމެވެ.

އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރު ވިދުޔަތުގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް "ދަ ޕަވާ" އިން ވެސް ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރު މަހޭޝް މި ވަގުތު އަންނަނީ ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާއާ އެކީ "އަންތިމް" ގެ މަސައްކަތްކުރަމުންނެވެ.