04 ޖުލައި 2021
މާބަނޑު ވުމުގެ ސަބަބުން މީހާގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އާދެ އެވެ. އޭގެ ސަބަބުން މީހާގެ ހަކުރާއި ލޭގެ ޕްރެޝަރަށް ބަދަލު އައުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންވެ، ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ޗެކަޕްތައް ހަދަން ޖެހެ އެވެ. ހަށިގަނޑުގެ ލޭގެ ޕްރެޝަރާއި ހަކުރު ހުރީ ހުންނަން ޖެހޭ ވަރުގައިތޯ ބަލަން ޖެހޭއިރު މިގޮތަށް ގަވާއިދުން ނުބަލައިފި ނަމަ، މައިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ.
މާބަނޑު ވުމުގެ ސަބަބުން މީހާގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އާދެ އެވެ. އޭގެ ސަބަބުން މީހާގެ ހަކުރާއި ލޭގެ ޕްރެޝަރަށް ބަދަލު އައުމުގެ ފުރުސަތު ވެސް އޮވެ އެވެ. އެހެންވެ، ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ޗެކަޕްތައް ހަދަން ޖެހެ އެވެ. ހަށިގަނޑުގެ ލޭގެ ޕްރެޝަރާއި ހަކުރު ހުރީ ހުންނަން ޖެހޭ ވަރުގައިތޯ ބަލަން ޖެހޭއިރު މިގޮތަށް ގަވާއިދުން ނުބަލައިފި ނަމަ، މައިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ.
މާބަނޑުވުމުން ޑޮކްޓަރަށް ދެއްކުމުން މި ކަންތައްތައް ޑޮކްޓަރުން ވެސް ކިޔައިދެ އެވެ. އެކަމަކު އެއީ ކުޑަކަމެއްގެ ގޮތުގައި ދެކި އަޅާ ނުލައި ތިބުމުން، ދިމާވާ ހިތާމަވެރި ހާދިސާތައް މި ރާއްޖޭގައި ވެސް މަދެއް ނޫނެވެ.
މާބަނޑުއިރު ދިމާވެދާނެ ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، އައިމިނަތު ޒަހްރާ، "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަލިވެއިނުމާ ގުޅިގެން ރާއްޖޭގައި އާންމުކޮށް ދިމާވަނީ ހަކުރާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލަތަކެވެ.
ބަލިވެއިނުމާއި ގުޅިގެން ޕްރެޝަރު މައްޗަށްދާ މީހުންނާއި ހަކުރު މަތިވާ މީހުންނަށް ވަރަށް ރަނގަޅަށް އަމަލުކުރަންޖެހޭ ގޮތް ކިޔައިދިނަސް ބައެއް މީހުން އެގޮތަށް އަމަލުނުކުރާ ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
ޒަހުރާ ވިދާޅުވި ގޮތުގައި، ބަލިވެއިނުމަކީ ގުދުރަތީގޮތުން ޕްރެޝަރު ދަށްވާނެ ހާލަތެކެވެ. ޕްރެޝަރު ބޯޑާ ލައިނުގައި ހުރި މީހެއް ނަމަ ކުއްލިއަކަށް މަތިވުމުގެ ފުރުސަތު އޮވެއެވެ. ބަލިވެ އިނުމުގެ ކުރިން ޕްރެޝަރު ބޯޑާ ލައިނުގައި ހުރިކަމަށް ބަލާނީ 90/140 ގައި ހުންނަ ނަމަ އެވެ. ޕްރެޝަރު އެ ވަރުގައި ހުންނަ ނަމަ ގަވާއިދުން މޮނިޓާ ކުރަމުންގެން ދިއުމަށް ޑޮކްޓަރުން އިރުޝާދު ދެ އެވެ.
ނަމަވެސް ބަލިވެއިނުމަށް ފަހު ލޭގެ ޕްރެޝަރު 90/140 ގައި ހުންނަ ނަމަ ޕްރެޝަރު ދަށްކުރުމަށް ބޭސް ފަށާނެ ކަމަށާއި، ފަށާނީ ދަށް ޑޯޒް އަކުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ބަލިވެއިންނަ ހާލަތުގައި ޕްރެޝަރު ބޯޑާ ލައިންގައި ހުންނަ މީހުންނާއި ޕްރެޝަރަށް ބޭސް ކާ މީހުން ޕްރެޝަރު ޗެކުކޮށް ނޯޓުކުރަމުން ގެންދަން ޖެހެ އެވެ.
މާލެއިން އައިޖީއެމްއެޗްގެ އޯޕީޑީ އާއި ދަމަނަވެށިން ވެސް މާބަނޑު މީހުންނަށް ލޭގެ ޕްރެޝަރު ހުރި މިންވަރު ބެލެ އެވެ. އެކަމަކު ބައެއް މީހުން ޕްރެޝަރު ޓެސްޓްކުރުމަށް ފަހު، ކިރިޔާ ދަށް ކަމަށް ފާހަގަކުރެވުނަސް ޑޮކްޓަރުގެ ލަފައެއް ނެތި ބޭސް ކެއުން ހުއްޓާލުމާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ގަވާއިދުން ޕްރެޝަރު ޗެކްނުކުރެވޭ ބައެއް މީހުން ވެސް އުޅޭ ކަމަށް ޒަހްރާ ވިދާޅުވި އެވެ.
"ގޭގައި ކުދިން އެކަނި ދޫކޮށްލައިފައި ނުދެވޭތީ ޕްރެޝަރު ޗެކްނުކޮށް ނުވަތަ ބޭސް ކާން ފަށައިފަ ހަމަ ނޯމަލްވާއިރަށް ބޭސް ކެއުން ހުއްޓާލާ މީހުން ވެސް އުޅޭ. ދެން ހަފްތާއެއް ނޫނީ ދެ ހަފްތާކޮށްފަ މި އަންނަނީ ޑޮކްޓަރަށް ދައްކަން. އައިސް މި ބުނަނީ ބޭސް ނުކާ ވާހަކަ، ބައެއްފަހަރު ޗެކަޕް އަށް އަންނައިރު ލޭގެ ޕްރެޝަރު ކުރިއަށްވުރެ މަތިކޮށް ހުންނަނީ." ޒަހްރާ ވިދާޅުވި އެވެ.
ލޭގެ ޕްރެޝަރު ނޯމަލްވާއިރަށް ބޭސް ކެއުން ހުއްޓާލުމުގެ ސަބަބުން ކުއްލިއަކަށް ޕްރެޝަރު މައްޗަށް ގޮސް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ.
މާބަނޑު އަންހެނަކު ލޭގެ ޕްރެޝަރު ބަލަނީ--
"ބޯޑާ ލައިންގައި ޕްރެޝަރު ހުރިއްޔާ ބޭސް ގަވާއިދުން ކަމުންގެންދާކަން ޔަގީންކުރަންޖެހޭ. އެެނގެން ބޭނުންވަނީ ދީފައިވާ ބޭހުގެ ޑޯޒުން ޕްރެޝަރު ސްޓޭބަލް ކުރެވޭތޯ" ނަމަވެސް ބައެއް މީހުން ގަވާއިދުން ބޭސްނުކައި ކަމާއި، އަނެއް ބައި މީހުން މޮނިޓާކުރަން އެންގުމުން އެކަން ނުކުރާކަން ފާހަގަކުރައްވައި، ޑޮކްޓަރު ވިދާޅުވި އެވެ.
ގަވާއިދުން ބޭސް ކެއުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ޒަހްރާ ވިދާޅުވީ ކޮންމެ ބޭހެއްގައި ވެސް ވަކި ވަގުތެއް އިންނާނެ ކަމަށެވެ. އެ ވަގުތު ހަމަވާއިރު ވެސް ބޭސް ނުކައި ހުންނަ ނަމަ، ޕްރެޝަރު މައްޗަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.
"ކޮންމެ ބޭހެއްގެ އިންނާނެ ޑިއުރޭޝަނެއް. ވަކި ގަޑިއިރަކަށް އަސަރު ހުންނާނެތީ ކޮންމެ ބޭހެއް ކާންދޭނީ ވަކި ގަޑިއަކަށް. ބާރަ ގަޑިން ކާން ބުނެފަައިވާ ބޭހެއް ނަމަ، 12 ގަޑިއިރަށް ފަހު އެ ބޭހުގެ އަސަރެއް ހަށިގަނޑަކަށް ނުކުރާނެ. އަދި ޕްރެޝަރު މައްޗަށް ދިޔުން އެކަށީގެެންވޭ. ވަރަށް ރީއްޗަށް ކިޔައިދެން. ވަރަށް ކްރިޓިކަލް ކަމެއް ބަލިވެ އިނުމުގައި ޕްރެޝަރު މައްޗަށް ދިއުމަކީ،" ޒަހްރާ ވިދާޅުވި އެވެ.
"ލޭގެ ޕްރެޝަރު ކޯންޓްރޯލް ނުކުރެވުމަކީ ސީރިއަސް ހާލަތްތަކަކަށް މައިމީހާ ހުށަހެޅިދާނެ ކަމެއް. އެއީ، އެކްލެމްޕްސިއާ އަދި ހެލްޕްސިންޑްރޯމްގެ ހާލަތެއް. އެކްލެމްޕްސިއާ އަކީ ޕްރެޝަރު މަތިވުމުގެ ސަބަބުން މައިމީހާ އަށް ފިޓުޖެހުން. މިގޮތަށް ފިޓު ޖެހޭ ވަގުތު ހަށިގަނޑަށް ލިބޭ އޮކްސިޖަން ވަރަށް ދަށްވޭ. އެއީ މައިމީހާ އަދި ބަނޑުގައިވާ ދަރިފުޅަށް ވެސް އޭގެ ނުރައްކާވާނެ ކަމެއް."
ފިޓުޖެހޭ ވަގުތު ހޮޑުލެވިއްޖެ ނަމަ ނޭވާލާހޮޅިޔަށް އެ ތަކެތި އެޅުމުގެ ފުރުސަތު ވެސް އޮވެ އެވެ. ހެލްޕްސިންޑްރޯމްގެ ހާލަތަކީ ވެސް މައިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ އަށް ވަރަށް ނުރައްކާވާ ފަދަ ހާލަތެކެވެ.
ބަލިވެ އިނުމުގެ ކުރިން ލޭގެ ޕްރެޝަރު މަތި މީހުން ބަލިވެ އިނުމުން ވެސް ޕްރެޝަރަށް ބަދަލު އަންނާނެ އެވެ. ބަލިވެ އިނުމުގެ ކުރިން ލޭގެ ޕްރެޝަރަށް ބޭނުންކުރަމުން ދިޔަ ބޭސް ނުވަތަ ބޭހުގެ ޑޯޒަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ.
ޒަހްރާ ވިދާޅުވި ގޮތުގައި ބަލިވެ އިނުމުގެ ކުރިން އެކި އުނދަގޫތަކާ އެކު ވެސް (ބޮލުގައި ރިހުން ފަދަ)، ޑޮކްޓަރަށް ނުދައްކާ އަދި ޕްރެޝަރު ޗެކްކޮށްފައި ނުވާތީ ބައެއް މީހުންގެ ޕްރެޝަރު މައްޗަށް ދިޔަ ނަމަވެސް އެކަން ބަލިވެެއިނުމުގެ ކުރިން ނޭނގި ވެސް އެބަހުރެއެވެ. އެކަމަކު ބަލިވެ އިނުމާއެކު ޗެކަޕަށް ދިއުމުން ޕްރެޝަރު މަތިވެފައިވާކަން ފާހަގަވާއިރު އޭރު ބައެއް މީހުންގެ ޕްރެޝަރު ބޯޑާ ލައިންނަށްވުރެ މަތީގައި ވެސް އެބަ ހުރެ އެވެ.
ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ އިތުރުން ދެން ކުރިމަތިވާ އަނެއް ކަމަކީ ހަކުރު މަތިވުމުގެ މައްސަލަ އެވެ. ބަލިވެ އިނުމުގެ ކުރިން ލޭގައި ހަކުރު ހުންނަ މިންވަރަށް ވުރެ ބަލިވެ އިނުމުން ލޭގައި ހަކުރު ދައުރުވާ މިންވަރު އިތުރުވެ އެވެ. އެއީ ހެދިބޮޑުވަމުން އަންނަ ދަރިފުޅަށް ބޭނުންވާ މިންވަރު ލިބިގަތުމަށް ގުދުރަތީގޮތުން އަންނަ ބަދަލެވެ. އަދި މި ބަދަލަކީ މައިމީހާގެ ހަކުރު މަތިވާ ހާލަތަށް ދިޔުމުގެ ސަބަބެއް ކަމަށް ވެ އެވެ.
ހުންނަންވާ މިންވަރަށް ވުރެ ޓެސްޓްތަކުގައި ލޭގެ ހަކުރު މަތިނަމަ، ހަކުރު ކޮންޓްރޯލްކުރުމަށް ވެސް ބޭސް ދެއެވެ. ޒަހުރާ ވިދާޅުވީ ހަކުރު ކޮންޓްރޯލްކުރުމަށް ދޭ ބޭސް ކެއުމުގެ ސަބަބުން އުނދަގޫތަކެއްވާ ކަމަށް ބުނެ ޑޮކްޓަރެއްގެ ލަފާ ނުހޯދާ ބަައެއް މީހުން ބޭސް ކެއުން ހުއްޓާލާ ކަމަށެވެ. އަމިއްލަ އަށް ބޭސް ކެއުން ހުއްޓާލުމުން ހަކުރު ކޮންޓްރޯލް ނުވަނީ ދީފައިވާ ޑޯޒްގެ މިންވަރުގެ ސަބަބުންކަން ދެނެގަންނަން ޑޮކްޓަރުންނަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަކުރު މަތިވުމުން ޕްރެޝަރު މަތިވުމާއި އެއާއެކު އަންނަ އެހެން ކޮމްޕްލިކޭޝަންސް އައުމުގެ ފުރުސަތު ވަރަށް ބޮޑު. މީގެ އިތުރުން، ހަކުރު ކޮންޓްރޯލް ނުވާ ނަމަ ލޮލާއި ކިޑްނީ އަށް ނޭދެވޭ އަސަރުކުރޭ."
ހަކުރު މައްޗަށް ދިއުމަކީ އޭގެ ނުރަނގަޅު އަސަރުކުރަނީ ހަމައެކަނި މައިމީހާ އަށް އެކަންޏެއް ނޫނެވެ. ބަނޑުގައިވާ ދަރިފުޅަށް ވެސް އޭގެ ގެއްލުންވެ އެވެ. އަދި މިކަމަކީ ކުއްލިއަކަށް ދަރިފުޅު ބަނޑަށް މަރު ވެސް ވެދާނެ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިހެންކަމުން، މާބަނޑު ދުވަސްވަރު ހަކުރުގެ ބާވަތްތަކާ ދުރަށް ގޮސް، ހަކުރު ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުން ވަރަށް މުހިއްމެވެ.
މުހިއްމު އަނެއް ކަމަކީ މާބަނޑު ދުވަސްވަރު ލޭގެ މިންވަރު (ހިމަގްލޯބިން) ރަނގަޅު ކުރުމެވެ. ބަލިވެ އިނުމުގެ ކުރިން ލޭގެ މިންވަރު 11-12 ގައި ބެހެއްޓޭތޯ މަސައްކަތް ކުރަން ޖެހެ އެވެ. މާބަނޑު ދުވަސްވަރު ލޭގެ މިންވަރު 10 އަކަށްވުރެ މަތީގައި ބެހެއްޓުން މުހިއްމު ކަމަށް ވެސް ޒަހްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޭގެ މިންވަރު ރަނގަޅު ކުރުމަށް ބަލިވެއިނދެ، ތިން މަސް ވުމުން ކެލްސިއަމް ބޭހާ އެކު ދަގަނޑުގެ ބޭސް ދޭނެ ކަމަަށެވެ. މި ބޭސް ކެއުމުން ބަނޑު ހަރުވުމުގެ މައްސަލަ ދިމާވާތީ ބައެއް މީހުން އެ ބޭސް ނުކަ އެވެ. އަނެއް ބަޔަކު ކެލްސިޔަމް ބޭސް ގުޅަ ބޮޑުކަމުން ދިރުވަން އުނދަގޫ ކަމަށް ބުނެ ވެސް ބޭސް ކެއުން ހުއްޓައިލަ އެވެ.
"ވިހާއިރު ލޭގެ މިންވަރު ދިހައަކަށް ވުރެ މަތިކޮށް ހުރުން ވަރަށް މުހިއްމު ވާނެ. ވިހެއުމުގެ ތެރޭގައި އަންނަ ލެއާ އެކު މައިމީހާގެ ހަށިގަނޑުން ލޭ މަދުވޭ. މާބަނޑު ދުވަސްވަރު ލޭގެ މިންވަރު ދަށްކޮށް ހުންނަ ނަމަ ވިހެއުމުގެ ހާލަތަކީ ވެސް ފުރާނަ އަށް ނުރައްކާވެދާނެ ހާލަތެއް. އަދި މަދުން ނަމަވެސް ވިހެއުމުގެ ތެރޭގައި ގިނައިން ލޭފައިބައި ހާލަތު ދިމާވޭ،" އޭނާ ވިދާޅުވި އެވެ..
ލޭގެ މިންވަރު ހަތަކަށް ވުރެ ދަށް ނަމަ ލޭ އަޅަން ޖެހޭނެ ކަމަށް ޒަހްރާ ވިދާޅުވި އެވެ.
"ވިހަން ދެތިން ދުވަހަށް ކައިރިވީމަ ބޭސް ކެޔަސް ދިހައަކަށް ނާރާނެ. އެހެންވީމަ ގަވާއިދުން ބޭސް ކާން ޖެހޭނެ."
މާބަނޑު ވުމުން ވަކިން ހާއްސަކޮށް ކެއުމުގައި ވެސް ދަގަނޑުގެ ބައިތައް ހިމަނަން ޖެހެ އެވެ. އެއީ ލޭ މަދުވެއްޖެ ނަމަ، ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެތީ އެވެ. ޒަހްރާ ވިދާޅުވި ގޮތުގައި ކުއްލިއަކަށް މީހާ ހުއްޓި ޝޮކެއް ވެސް ޖެހިދާނެ އެވެ.
ބަލިވެއިންނައިރު ސަމާލުކަން ދޭން ޖެހޭ އަނެއް ކަމަކީ ބަރުދަނެވެ. އޮބޭސިޓީ ނުވަތަ ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެ އިތުރު ނަމަ، މާބަނޑު އިރު ހަކުރު މަތިވުމާއި، ޕްރެޝަރު މަތިވުމާއި އަދި އިތުރު ކޮމްޕްލިކޭޝަންތަކެއް އަތުވެދާނެ އެވެ. މިހެންވެ، ބަރުދަން ލުއި ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. މާބަނޑު އިރު ބަރުދަން ލުއި ކުރުމަކީ ވާނެ ކަމެއް ނޫން ކަމުން، ބަލިވެއިނުމުގެ ކުރިން ބަރުދަން ލުއި ކުރަން ޖެހެ އެވެ.
އަންހެނަކު ބަރުދަން ބަލަނީ--
ޒަހްރާ ވިދާޅުވީ ބަލިވެ އިނުމުން އެ މީހުންގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ބަލާނެ ކަމަށެވެ. އެއީ މީހާގެ އިސްކޮޅަށް ބަލައި އޭނާގެ ބަރުދަން ހުރީ ހުންނަން ޖެހޭ ވަރަށްތޯ ބެލުމަށެވެ. މާ ބޮޑަށް ބަރުނަމަ، އެ މީހުންނަށް ހަކުރު ބޭނުން ނުކުރުމަށް އަންގަ އެވެ. ހަކުރު މަތި ނަމަ، ދަރިފުޅު އޮންނަން ޖެހޭ މިންވަރަށް ވުރެ މާ ބޮޑުވާނެ އެވެ. އޭގެ ސަބަބުން ވިހެއުމުގެ ތެރޭގައި ވެސް މައި މީހާއަށް ގެއްލުން ވުމުގެ ފުރުސަތު އިތުރުވެ އެވެ.
"މާބަނޑުވުމުގެ ކުރިން ވެސް ހަށިގަނޑަށް ބެލުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ހަށިގަނޑާއި ސިއްހަތަށް ސަމާލުކަން ދެވެނީ ދަރިއަކު ބޭނުންވެ، ނުލިބިގެން އުޅޭއިރު އެވެ. ނަމަވެސް ދުޅަހެޔޮ ބަލިވެ އިނުމަކަށްޓަކައި ބަލިވެއިނުމުގެ ކުރިން އަދި އަބަދުވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ދިރިއުޅުމުގެ އާދަތަކާއި ކެއުން ބަހައްޓަންޖެހެ އެވެ.
މާ ކުޑަަ ކަމެއް ކަމަށް ހީކޮށް، މާބަނޑުއިރު ފަރުވާކުޑަކުރެވޭ ކަންކަމުގެ ސަބަބުން މައިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ އަށް ވެސް ނުރައްކާތެރިވެދާނެ އެވެ. އެހެންވެ، ހިތާމަވެރި ހާދިސާތަކުން ސަލާމަތްވެ ތިބުމަށް ޓަކައި، ވިހެއުމާ ހަމައަށް ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ޖެހެ އެވެ.
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
ވިހަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ދުއްވާފައި
ބަލިވެއިނުމުން ގިނަ ޕްރޮޖެކްޓްތަކެއް ގެއްލުނު: ނޭހާ
ހޮސްޕިޓަލުން ކުއްޖާ އޮޅުވާލުމުން ބަދަލު ހޯދަނީ
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ
މާބަނޑުވުމުން ހަށިގަނޑަށް ހެޔޮވަރުވާ ކަލެކްޝަނެއް
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މާމަދަރި ލިބުނީ މާމަގެ ބަނޑުން