Roadha Mihaaru
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟

ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟

05 ޖެނުއަރީ 2023

ދެމަފިރިންނަށް ދަރިއެއް ނުލިބޭކަން އިނގެނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ނުވަތަ ދަރިމައިވުމުގައި މައްސަލަތައް ދިމާވަނީ ދެމަފިރިންގެ ތެރެއިން ކާކަށް ކަމެއް ބަލާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ނުވަތަ ދަރިމައިވުމުގައި އުނދަގޫތައް ދިމާވާ ނަމަ، އެކަމަށް ދެން އޮތް ލުއެއް އަދި ލިބޭނެ ފަރުވާތަކަކީ ކޮބައި ހެއްޔެވެ؟

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދެމަފިރިންނަށް ދަރިއެއް ނުލިބޭކަން އިނގެނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ނުވަތަ ދަރިމައިވުމުގައި މައްސަލަތައް ދިމާވަނީ ދެމަފިރިންގެ ތެރެއިން ކާކަށް ކަމެއް ބަލާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ނުވަތަ ދަރިމައިވުމުގައި އުނދަގޫތައް ދިމާވާ ނަމަ، އެކަމަށް ދެން އޮތް ލުއެއް އަދި ލިބޭނެ ފަރުވާތަކަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގެ ފުރަތަމަ އިންފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު މި ކިޔައިދެއްވަނީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް އޮތް ހިސާބާއި އެ ހިތްދަތިކަމުން އަރައިގަތުމަށް ލިބޭ ފަރުވާތަކެވެ.

އިންފާޓިލިޓީއަކީ ކޮބާ؟

ދަރިމައިވުމުގައި މައްސަލަ ދިމާވުން ނުވަތަ އިންފާޓިލިޓީއަކީ ގުދުރަތީ ގޮތުން ދަރިއަކު ހޯދުމަށް 12 މަސް ދުވަސް ވަންދެން މަސައްކަތް ކޮށް، ނާކިޔާބުވުމުން ކިޔާ ނަމެވެ.

ދަރިން ލިބުމުގެ މައްސަލަ ދެ ބަޔަކަށް ބެހިގެންދެ އެވެ. އެއީ ޕްރައިމަރީ އިންފާޓިލިޓީ އަދި ސެކަންޑްރީ އިންފާޓިލިޓީ އެވެ.

ޕްރައިމަރީ އިންފާޓިލިޓީ އަކީ ދުވަހަކު ވެސް ދަރިމައިނުވުމެވެ. ސެކަންޑްރީ އިންފާޓިލިޓީގައި ފުރަތަމަ ދަރިއަކު ލިބި، އެކަމަކު ފަހުން މާބަނޑުވުމުގައި ދަތިތައް ދިމާވާނެ އެވެ.

ޒާކިޔާ ވިދާޅުވީ ޕްރައިމަރީ އަދި ސެކަންޑްރީ އިންފާޓިލިޓީއަކީ ދެ ހާލަތެއް ނަމަވެސް އެ ދެ ކަމުގައި ހުންނާނީ ގާތްގަނޑަކަށް އެއް ކަންތައްތަކެއް ކަމަށެވެ.

އެ ކަންތައް ބެހިގެން ދަނީ އަންހެނުންނަށް ދިމާވާ ކަންތައްތަކާއި ފިރިހެނުންނަށް ދިމާވާ މައްސަލަތަކަށެވެ.

އަންހެނުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި؛

- ބިސް ބޮޑު ނުވުން. އެކަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މައްސަރުގައި މައްސަލަތައް ދިމާވުން ނުވަތަ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް (ޕީސީއޯއެސް) ހުރުން ހިމެނޭ.

- ބިސް ދަތުރުކުރާ ހޮޅި ބްލޮކް ވުން

- އުފަންވާއިރު ވެސް ރަހިމުގައި އައިބު ހުރުން ނުވަތަ ރަހިމުގައި އެކި މައްސަލަތައް ހުރުން (ފައިބްރޮއިޑާއި މަސް އުފެދިފައި ހުރުން ނުވަތަ އެންޑޮމެޓްރިއޮސިސް ހުރުން)

- ދާއިމީ ބަލިތަކަށް ފަރުވާ ހޯދުން. އެންޑޮމެޓްރިއޮސިސް ނުވަތަ ހަކުރު ބަލީގެ މީހުން ނުވަތަ ތައިރޮއިޑަށް ފަރުވާ ހޯދާ މީހުން ވެސް ބައެއް ފަހަރު ދަރިމައިވުމަށް ހުރަސް އެޅޭ

ދަރިން ލިބުމުގައި ފިރިހެނުންނަށް ދިމާވާ ބައެއް މައްސަލަތައް؛

- ފިރިހެނުންގެ ދަރިފަނީގެ މައްސަލަ ހުރުން

- ދެމަފިރިކަމުގެ ގުޅުމުގައި ދިމާވާ މައްސަލަތައް

- ދާއިމީ ގޮތެއްގައި ފަރުވާ ކުރާ ބަލިތައް. މިސާލަކަށް ހަކުރު ބައްޔާއި ކިޑްނީ ބަލި ހުންނަ މީހުންގެ ވެސް ދަރިމައިވުމުގެ މައްސަލަ ހުރެދާނެ.

ޒާކިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު ދަރިން ނުލިބުމުގެ މައްސަލައަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ އެވެ. ނަމަވެސް، ރާއްޖޭގައި އެކަމާ ގުޅޭ ދިރާސާއެއް ހެދިފައި ނުވާތީ ފިރިހެނުންގެ ނުވަތަ އަންހެނުންގެ ފާޓިލިޓީ މައްސަލަ އޮތް ހިސާބެއް ބުނާކަށް ނޭނގެ އެވެ.

ނަމަވެސް މައްސަރު ކަންތަކުގައި ދިމާވާ މައްސަލަތަކާއި ޕީސީއޯއެސް ހުންނަ މީހުން ގިނަވުމާއި އެންޑޮމެޓްރިއޯސިސް ވެސް، އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ގިނަވުމަކީ، ގުދުރަތީ ގޮތުން ދަރިން ލިބުމުގައި މައްސަލަތައް ދިމާވާ ސަބަބުތަކެވެ.

އެ ކަންތައްތައް ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ލައިފްސްޓައިލް ހުންނަ ގޮތް ހިމެނެ އެވެ. ފިރިހެނުންނަށް ދިމާވާ މައްސަލަތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަރުދަން އިތުރުވުމަކީ ވެސް ފިރިހެން މީހާގެ އިންފާޓިލިޓީ އަށް އަސަރުކުރާ ކަމެކެވެ.

ފަރުވާއަކީ ކޮބާ؟

އިންފާޓިލިޓީ ސްޕެޝަލިސްޓު ވިދާޅުވި ގޮތުގައި އިތުރު ފަރުވާ އަށް ދިއުމަށް ލަފާ ދެނީ 12 މަސް ވާއިރު ވެސް ގުދުރަތީ ގޮތުން ދަރިއަކު ނުލިބޭނަމަ އެވެ. އެގޮތަށް، އައިވީއެފް ހެދުމަށް ލަފާ ދެނީ 35 އަހަރުން ދަށުގެ އަންހެނުންނަށެވެ. އެކަމަކު، އެ އުމުރަށް ވުރެ ދޮށީ ވާއިރު ވެސް ދަރިއަކު ނުލިބިއްޖެ ނަމަ، މިސާލަކަށް ހަ މަސް ވަންދެން އުޅެގެން ވެސް ދަރިއަކު ނުލިބޭ ނަމަ ޑޮކްޓަރަށް ދައްކައިގެން އިތުރު ފަރުވާ ފެށުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ވަރަށް އެވެއާ އިންފާޓިލިޓީ ބައްޔާ މެދު. އެހެންވެ، ޕޭޝަންޓުން ވަރަށް އަވަހަށް އައިސް ޑޮކްޓަރަށް ދައްކާހެން އަޅުގަނޑަށް ހީވަނީ." ޒާކިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ މީހުން ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަނީ ބޭރުން ކުޑަ ދުވަސްކޮޅަކަށް އަންނަ ޑޮކްޓަރުންނަށް ދައްކައިގެންނެވެ. ހާއްސަކޮށް، އައިވީއެފް ފަރުވާ ހޯދާ މީހުން، އެ ޑޮކްޓަރުން ރާއްޖޭގައި ތިބޭ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދައްކާލަނީ އެވެ. އެގޮތަށް ހެދުމުން، ޑޮކްޓަރަށް ދައްކަން ބޭނުންވާ އެންމެންނަށް އެ ދުވަސްވަރު ފުރުސަތު ނުލިބިދާނެ އެވެ. ނުވަތަ ފަރުވާ ކެންސަލްވެދާނެ އެވެ. މިއީ ވެސް ދަރިމައިވުމުގައި ޑޮކްޓަރުންނަށް ދައްކަން ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބެވެ.

އެކަމަކު، އެ ދާއިރާގެ ފުރަތަމަ ތަޖުރިބާކާރު މިދިޔަ މަހު ޓްރީޓޮޕްގައި މަސައްކަތް ފެއްޓެވުމުން ގިނަ ބަޔަކަށް ލުއެއް ލިބިގެންދާނެ އެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭން ހާއްސަވި ފުރަތަމަ ޑޮކްޓަރު، ޑރ. ޒާކިޔާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭން ހާއްސަވި ފުރަތަމަ ޑޮކްޓަރު، ޑރ. ޒާކިޔާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒާކިޔާ ވިދާޅުވީ އައިވީއެފް ހެދުމުގެ ކުރިން ދެމަފިރިންގެ ޓެސްޓު ހަދާ ކަމަށެވެ. އެގޮތަށް ބަލާއިރު ބައެއް މީހުންގެ ނަތީޖާ ވަރަށް ގޯސްކޮށް ހުރެދާނެ އެވެ. އެހެންވެ، އެ މީހުންގެ ހާލަތަށް ބަލައި އެންމެ ފުރަތަމަ ވެސް އައިވީއެފް ނުވަތަ އިކްސީ ހެދުމަށް ލަފާ ދެ އެވެ. އެ މުއްދަތުގެ ތެރޭގައި އޯވިއުލޭޝަން ޕީރިއަޑް ދެނެގަތުމަށް ސްކޭންތައް ހަދަ އެވެ. އެކަމަކު، ނަތީޖާގެ މައްސަލަ އެހާ ބޮޑު ނޫން ނަމަ ފުރަތަމަ ބަލަނީ ބޭސް ދީގެން މާބަނޑު ވޭތޯ އެވެ. ބޭހުން ނުވެއްޖެނަމަ އިންޖެކްޝަން ދީގެން ވެސް ބިސް ބޮޑުކުރެވޭތޯ ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް، ދެ ތިން ބުރު ބެލުމަށް ބޭހާއި އިންޖެކްޝަނުން މާބަނޑު ވޭތޯ މަސައްކަތްކުރެ އެވެ. ނުވެއްޖެ ނަމަ އެންމެ ފުރަތަމަ ދަނީ އިންޓަޔުޓްރިން އިންސެމިނޭޝަން (އައިޔޫއައި) އަށެވެ. އައިވީއެފް ހެދުމަށް ލަދާދެނީ އެ ފަރުވާ ވެސް ދެ ތިން ފަހަރު ފުރިހަމަކޮށް، ފެއިލްވެއްޖެ ނަމަ އެވެ.

އައިޔޫއައިގެ ސަކްސަސް ރޭޓަކީ 12-15 ޕަސެންޓެވެ. އައިވީއެފްގެ ކާމިޔާބަކީ 40 ޕަސެންޓެވެ.

"މި ޓްރީޓްމަންޓުތައް ހުއްޓަސް ބައެއް ފަހަރު ރިޕޯޓުގެ ނަތީޖާ އަންނަ ގޮތުން އަޅުގަނޑުމެން އިތުރަށް ވަގުތު ބޭކާރު ކުރާކަށް ބޭނުމެއް ނުވޭ އެހެން ޓްރީޓްމަންޓަށް ދިއުމުގައި. މިސާލަކަށް، ސިމެން އެނަލިސިސް ވަރަށް ގޯހީ ނޫނީ އަންހެން މީހާގެ އުމުރު މަތީ ނޫނީ އޭނާގެ ބިސް ހުރި ވަރު ދަށީ. އެހެން ވެއްޖިއްޔާ އިތުރަށް ސްޓިމިއުލޭޓްކުރާ ކޮންމެ ސައިކަލެއްގައި ބިސް މަދުވޭ. އެހެންވެ، އައިވީއެފަށް ދިއުމުގެ ކުރިން ބައިވަރު ފަހަރު ޓްރައިއެއް ނުކުރާނެ. ސީދާ އައިވީއެފަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ދަރިފަނީގެ މައްސަލަތައް ހުންނަ ފިރިހެނުން ބޭސް ކައިގެން އަދި ބޭހުން ރަނގަޅު ނުވާނަމަ ސްޕާމް ރިޓްޓްރީވަލް މެތޮޑު ބޭނުންކޮށްގެން، ސްޕާމް ނަގައިގެން ފާޓިލައިޒް ކުރެވޭތޯ ބަލާނެ ކަމަށެވެ.

އެންމެ މުހިއްމީ ސައިކޯ ސޯޝަލް ސަޕޯޓު

ދަރިއަކު ހޯދުމަށް ކޮންމެ ދުވަހަކު ގަޔަށް ބާރުގަދަ އިންޖެކްޝަނާއި ބޭސްތައް ކަމުން، މީހާގެ ހަށިގަނޑުގައި އަޅާ ވޭނާ އެއް ވަރަށް ނަފްސާނީ ގޮތުން ވެސް މީހާ ވަރަށް ބަލިކަށިކޮށްލަ އެވެ.

ޒާކިޔާ ވެސް ވިދާޅުވީ ގުދުރަތީ ގޮތުން ދަރިން ނުލިބިގެން ޑޮކްޓަރަށް ދައްކަން ދާއިރު އެ މީހުންނަށް ހުންނަނީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައި ކަމަށެވެ. އެ ހިސާބުން ވެސް ސައިކޯ-ސޯޝަލް ސަޕޯޓު ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، އެ ފަރުވާ ދޭ ގިނަ ތަންތަނުގައި މިކަން ކުރަނީ ނަފްސާނީ އެހީތެރިކަމާ އެކުގަ އެވެ.

"ޓްރީޓްމަންޓް ފެށުމާ އެކީގައި ދެމަފިރިން ވަރަށް ބޮޑަށް ސްޓްރެސް އެއްގެ ތެރޭގައި އުޅޭނީ އަބަދު ވެސް. އައިވީއެފް ހަދަންޏާ ކޮންމެ ދުވަހަކު އިންޖެކްޝަނެއް މި ދެނީ. ދޭއިރު އެއީ ވެސް ވަރަށް ބޮޑު ސްޓްރެސް އެއް ނޫނީ އޮވިއުލޭޓްވާއިރު، އޮވިއުލޭޝަން ވޭތޯ ނޫނީ ކިހިނެއްތޯ ޓްރީޓްމަންޓާ މެދު ކަންބޮޑުވުމުގެ ސަބަބުތައް ވެސް ހުންނާނެ. ބޮޑަށް ބާޑަން އޮންނަނީ އަންހެން މީހާގެ. އަންހެން މީހާއަށް އިތުރަށް ސައިކޮލޮޖިކަލް ސަޕޯޓު ލިބެންޖެހޭ،" ޒާކިޔާ ވިދާޅުވި އެވެ.

އެ ކަންކަމުގެ އިތުރުން ދިރިއުޅުމުގެ ލައިފްސްޓައިލް ބަދަލުކުރުމަކީ ވެސް، ދަރިމައިވުމުގެ މައްސަލަތަކުގައި ބައެއް ފަހަރު ހައްލެކެވެ. އެގޮތުން، ފިހާރަތަކުގައި ޕެކެޓުކޮށްފައި ހުންނަ ކާ އެއްޗެހީގެ ބަދަލުގައި ފަސޭހައިން، ހެޔޮ އަގެއްގައި މޭވާއާ ތަރުކާރީ ލިބޭ ގޮތަށް ހެދުން މުހިއްމެވެ.

ނަމަވެސް އަދި ވެސް މީހުން ގަބޫލުކުރާ ކުށް ހީއެއް އެބައޮތެވެ. ކިތަންމެ ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުނަސް، ކޮންމެ މީހަކަށް ވެސް ދަރިމައިވުމުގެ މައްސަލަ ދިމާވެދާނެ ކަމެވެ.

"ވަރަށް ގަދައަށް ކަސްރަތުކޮށް، ތިމަންނަ ކަނީ ވެސް ވަރަށް ރަނގަޅަށޭ. އެހެންވީމަ ތިމަންނައަށް ވެސް ދަރިއަކު ލިބޭނެއޭ. އެކަމަކު، އެއީ އެކަންޏެއް ނޫން. އެންމެ ހެލްތީ، އެންމެ ރަނގަޅަށް ކާ މީހާ ވެސް، އެންމެ ކަސްރަތުކުރާ މީހާގެ ވެސް އިންފާޓިލިޓީ އިޝޫސް ހުރެދާނެ." ޒާކިޔާ ވިދާޅުވި އެވެ.