Roadha Mihaaru
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!

އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމައިގެ ކަރުނަ!

16 މެއި 2024

އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އާއިލާގެ އެންމެންގެ މޫނުމަތިން އެ ހިނިތުންވުން ނުފެންނަންވީ ސަބަބެއް ނެތެވެ. އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށް، އިންޑިއާގައި އެތައް ދުވަހެއް ވަންދެން އައިވީއެފް ހަދަން އުޅުނެވެ. ހަތަރު އަހަރެއްގެ މަތިން، ހަތަރު ފަހަރަށް އައިވީއެފް ހަދަން އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އާއިލާގެ އެންމެންގެ މޫނުމަތިން އެ ހިނިތުންވުން ނުފެންނަންވީ ސަބަބެއް ނެތެވެ. އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށް، އިންޑިއާގައި އެތައް ދުވަހެއް ވަންދެން އައިވީއެފް ހަދަން އުޅުނެވެ. ހަތަރު އަހަރެއްގެ މަތިން، ހަތަރު ފަހަރަށް އައިވީއެފް ހަދަން އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްފި އެވެ.

އެ ހުރިހާ ފަހަރެއްގައި ވެސް އައިންތު (ފުރިހަމަ ނަމެއް ނޫން)ގެ ހިތް މަރާލި އެވެ. ވިންދު ޖަހާ އަޑުއިވި، ދެ ފަހަރަށް ވެސް ދަރިފުޅު ވަކިވެގެން ދިޔައީ އެވެ. އުފަން ދަރިއެއް ލިބުމުގެ އުއްމީދުތައް ފެނަށް ދިޔައިތޯ އަމިއްލަ ނަފްސާ އެތައް ފަހަރަކު ސުވާލު ކުރެވުނެވެ. އެކަމަކު، ރޯލުމަށްފަހު، ޖެހިގެން އަންނަ ދުވަހު އެއަށްވުރެ ވަރުގަދަ ހިތްވަރާއެކު އަނެއްކާ ވެސް އެ ދަތުރު ކުރިއަށްގެންދިޔަ އެވެ.

ގަޔަށް ޖެހި އެތައް އިންޖެކްޝަނާއި ދުވާލަކު އެތައް ބޭހެއް ކެއުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހަކީ އައިންތު، 36، ގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ރާއްޖޭގައި ހެދި އައިވީއެފްގެ ފުރަތަމަ ސައިކަލް ކާމިޔާބުވެ، މަންމައިންގެ ދުވަހު އޭނާއަށް ވަނީ އަލަތު ދަރިފުޅު ލިބިފަ އެވެ. ސިޒޭރިއަން ހަދައިގެން ރަނގަޅު ސިއްހަތެއްގައި ހުރި ފިރިހެން ކުއްޖަކު ލިބުނު ކަމަށް ޑޮކްޓަރު ބުނުމާ އެކު އައިންތުގެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނަ އެވެ.

"ހަމަ ވަރަށް، ވަރަށް އުފާވޭ. ދެން ނުވެސް އެނގޭ ބުނެދޭކަށް އިހުސާސްތަކެއް. ވަރަށް ގިނަ ދުވަހަށް ފަހު [ކުއްޖެއް މި ލިބުނީ]،" ކައިވެންޏަށް 18 އަހަރު ފަހުން ލިބުނު ދަރިފުޅު ފުރަތަމަ ފަހަރަށް ފެނުމުން ކުރެވުނު އިހުސާސްތައް ކިޔައިދެމުން އައިންތު ބުންޏެވެ.

އޭނާ ކުރީ ނަފްސާނީ އަދި ޖިސްމާނީ ބުރަ ދަތުރެކެވެ. އެކަމަކު، ފިރިމީހާގެ ލޯތްބާއި އަޅާލުމާއި އާއިލާގެ ހިފެހެއްޓުމެއް ނެތް އެހީތެރިކަން އޭނާގެ ހާސްކަން ދުރުކުރުވި އެވެ.

ރާއްޖޭގައި މި ވީހާތައްދުވަހު އައިވީއެފްއެއް ނުހެދެ އެވެ. އެކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފެށީ މިދިޔަ އަހަރު އެވެ. އެހެންވެ، ދަރިން ނުލިބިގެން، އެ ވޭން ތަހަންމަލު ކުރާ އެންމެންހެން ދަނީ އިންޑިއާ ނުވަތަ އެހެން ގައުމަކަށެވެ. އައިންތު ދިޔައީ އިންޑިއާ އަށެވެ.

އައިންތު ބުނީ، އައިވީއެފް ކަހަލަ ކަމަކަށް އާއިލާއާ ދުރުގައި އެހާ ގިނަ ދުވަހު އިންޑިއާގައި މަޑުކުރަން އުނދަގޫވި ކަމަށެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހޭތީ ފިރިމީހާ، މުހައްމަދަށް އެހާ ގިނަ ދުވަސް ވަންދެން އިންޑިއާގައި މަޑެއް ނުކުރެވެ އެވެ. އެހެންވެ، އެއްބަނޑުއެއްބަފާ މީހުން އެކި ދުވަސްތަކަށް ބަހާލައިގެން، ކޮންމެ ތިން މަހަކުން މީހަކު ދިޔައީ ބަދަލު ވަމުންނެވެ.

އައިންތު، ދަރިފުޅު ކައިރީގައި ހޮސްޕިޓަލުގައި އޮވެގެން "މިހާރު"އަށް އިންޓަވިއު އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިންތު، ދަރިފުޅު ކައިރީގައި ހޮސްޕިޓަލުގައި އޮވެގެން "މިހާރު"އަށް އިންޓަވިއު އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަސްލު މިއީ ވަރަށް އިމޯޝަނަލް ޖާނީއެއް. ފިޒިކަލީ ވެސް، މެންޓަލީ ވެސް ހަމަ އަސްލު ވަރަށް ސްޓްރެސް ފުލް. ފައިނޭންޝަލްއާ އެއްގޮތަށް އިމޯޝަނަލް ސަޕޯޓު ވެސް މިކަމުގައި ބޭނުންވޭ. އާއިލާ ކައިރީގައި ހުރެގެން މިކަން ކުރެވެންޏާ އެއީ ވަރަށް ބޮޑު އެހީއެއް،" އޭނާ ބުންޏެވެ.

އުފަލާއި ހިތާމައިގެ ވެސް ދަތުރެއް

އުމުރުން 18 އަހަރުގައި، 2006 ވަނަ އަހަރު ކުރި ކައިވެންޏަށްފަހު އައިންތު ދިޔައީ ރާއްޖެއިން ބޭރަށް ޑިގްރީ ހަދާށެވެ. އެންމެ ކުރީއްސުރެ ވެސް ބޭނުންވި، ސައިކޮލޮޖިސްޓަކަށް ވުމުގެ ހުވަފެނުގައި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، އެކަމުގައި މަސައްކަތްކުރި އެވެ.

ނަމަވެސް، ރާއްޖެ އިން ބޭރުގައި ޑިގްރީގެ ފަހު އަހަރު ދަރިޔަކު ހޯދަން މަސައްކަތްކުރިއިރު، ޕީސީއޯއެސް ހުރުމާއި ލޭގެ މައްސަލަތަކާ ހެދި، ގުދުރަތީގޮތުން ކުއްޖަކު ހޯދަން އުނދަގޫތައް ދިމާވާކަން ފާހަގަކުރެވުނެވެ. އެހެންވެ، ކިޔެވުން ނިންމުމަށް ފަހު 2014 ވަނަ އަހަރު ރާއްޖެ އެނބުރި އައިސް ޑޮކްޓަރަށް ދައްކައިގެން ބޭސް ކާން ފެށި އެވެ.

އައިންތު ބުނީ ބޭސް ނަގައިގެން ރަނގަޅުނުވެގެން އިންޑިއާ އާއި ލަންކާ އަށް ގޮސްގެން ވެސް ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެގޮތަށް، އެއް ފަހަރަކު އައިޔޫއައި ހަދަން ބޭރަށް ދިޔަ ބުރެއްގައި އިންޑިއާގެ ޑޮކްޓަރަކު އެދުނީ ބަނޑުބޮޑުވުމުގެ ޗާންސް ބޮޑީ މަތި އައިވީއެފް ހަދައިގެން ކަމަށް ވާތީ އެ ފަރުވާ ނެގުމަށެވެ. އެހެންވެ، ދެ މީހުން ވެސް މަސައްކަތްކޮށްގެން ފައިސާ އެއްކޮށް، 2018 ވަނަ އަހަރު އިންޑިއާ އަށް ދިޔައީ އައިވީއެފްގެ ފުރަތަމަ ބުރާއެކު ބަލިވެއިނދެދާނެ ކަމުގެ އުއްމީދުގަ އެވެ.

އެ ފަހަރު އައިންތު އިންޑިއާއަށް ދިޔައީ ޗުއްޓީ ނަގައިގެން، ބަނޑުބޮޑުވެއްޖެ ނަމަ ނޯ ޕޭ ނަގާނެ ކަމަށް ވިސްނައިގެންނެވެ. އިންޑިއާގައި ހެދި ފުރަތަމަ އެމްބްރިއޮ ޓްރާންސްފާ ވީ ފެއިލް އެވެ. އަނެއްކާ ބޭސް ކައިގެން ކުރިއަށް ވުރެ ރަނގަޅުވާނެ ކަމުގެ އުއްމީދުތަކާއެކު އޭގެ ތިން މަސް ދުވަސް ފަހުން ހެދި އައިވީއެފްގެ ދެ ވަނަ ސައިކަލްގެ ނަތީޖާއާ އެކު، އައިންތު ފެށީ ރޯށެވެ.

"އޭރު އަޅުގަނޑު ހުރީ މާލޭގައި. ގުޅާފައި ހަމަ ރޯން ފެށީ، ވާހަކައެއް ނުދައްކާ. އެހެންވެ، ހީކުރީ ކަމެއް ގޯސްވީ ކަމަށް. ފަހުން ބުނީ ޕޮޒިޓިވް ޕްރެގްނެންސީއެކޭ." މުހައްމަދު، 38، ބުންޏެވެ.

ދެ ވަނަ ސައިކަލްގެ ނަތީޖާ ޕޮޒިޓިވްވުމާ އެކު، އައިންތު އަދާކުރި ވަޒީފާއިން ވެސް ވަކިވި އެވެ. އެކަމަކު، އެ އުފާވެރިކަން ދިގުދެމިގެނެއް ނުދިޔަ އެވެ. ރާއްޖެ އައި ފަހުން ބަނޑަށް ހަ މަހުގައި ދަރިފުޅު ނިޔާވީ މެއި 10، 2019 ގަ އެވެ.

"ސައިކޮލޮޖީ، އަޅުގަނޑު އުޅުނު ދާއިރާ ވީމަ ހުރިހާ ޑޮކްޓަރުން ވެސް ބުނާނެ އެހާ ސްޓްރެސްފުލް ކޮށް އުޅެންޏާ ވެސް ނުވާނެއޭ. އެހެންވެ، ކިޔެވުން ކުރިއަށްގެންދަން ބޭނުންވި ދާއިރާ ވެސް ދޫކޮށްލީ. ފަހުން މާސްޓާސް ހެދީ ބިޒްނަސް ދާއިރާއިން. އެހެން އަނެއްކާ ވެސް އެހެން ވަޒީފާއަކަށް ބަދަލުވީ،" އައިންތު ބުންޏެވެ.

އޭނާ ބުނިގޮތުގައި، ބަނޑުގައި ރިއްސާތީ އެއް ދުވަހުގެ ތެރޭގައި ހޮސްޕިޓަލަށް ތިން ފަހަރަށް ދިއުމުން ވެސް ޑޮކްޓަރުން ބަލަންޖެހޭ ވަރަށް ނުބަލާ ފޮނުވާލި ކަމަށެވެ. އައިވީއެފް ހަދާފައިވާ ކަމާއި ރަނގަޅަށް ބަލައިދިނުމަށް އެދުމުން ވެސް ޕެރެސެޓްމޯލް ގުޅައެއް ދިނުމަށްފަހު ފޮނުވާލީ އެވެ.

"ދެ ވަނަ ދުވަހު ދިޔައީމަ ބުނީ އެއީ 23-32 ވީކްސްއާ ދޭތެރޭގައި ތި ކަހަލަ ރިހުން އަރާނެއޭ، އެއީ މައްސަލައެއް ނޫޅޭ. އެހެން ކިޔާފައި އަނެއްކާ ވެސް ދިޔައީ ގެއަށް. ފަތިހު ލޭ އަންނާތީ ދިޔައީ ހޮސްޕިޓަލަށް. ފަތިހު ދިޔައިރު ޑޮކްޓަރަށް ހޮސްޕިޓަލަށް ދެވުނީ ހަތެއް ވެސް ޖެހި ފަހުން،" އައިންތު ބުންޏެވެ.

އައިންތު ބުނީ ދަރިފުޅު އެއްގޮތަކަށް ވެސް ސަލާމަތްވާނެ ކަމަށް ޑޮކްޓަރުން އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު، ހަފުތާއެއް ވަންދެން އެންއައިސީޔޫގައި އޮތެވެ.

"ބޭބިީ ނިޔާވީމަ އަނެއްކާ ވެސް ދިޔައީ ޑައުންކޮށް ލައިފް. ހޯޕް ވެސް ގެއްލުނީ އަނެއްކާ. އެކަމަކު، [ފަރުވާ] އަނެއްކާ ވެސް ފެއްޓީ،" އައިންތު ބުންޏެވެ.

ކުއްޖަކު ހޯދުމަށް އައިންތު އާއި މުހައްމަދު ކުރި ދަތުރުގެ ވާހަކަތައް، "މިހާރު"އަށް އިއްޔެ ކިޔައިދެނީ. މި ދެމަފިރިންގެ ވަނަވަރު ސިއްރުކޮށްގެން ނަމަވެސް މި ވާހަކަތައް ގެނެސްދޭން ބޭނުންވީ އެހެން މީހުންނަށް ހިތްވަރެއް ދިނުމަށް ކަމަށް ބުނި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުއްޖަކު ހޯދުމަށް އައިންތު އާއި މުހައްމަދު ކުރި ދަތުރުގެ ވާހަކަތައް، "މިހާރު"އަށް އިއްޔެ ކިޔައިދެނީ. މި ދެމަފިރިންގެ ވަނަވަރު ސިއްރުކޮށްގެން ނަމަވެސް މި ވާހަކަތައް ގެނެސްދޭން ބޭނުންވީ އެހެން މީހުންނަށް ހިތްވަރެއް ދިނުމަށް ކަމަށް ބުނި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުހައްމަދު ބުނީ ފުރަތަމަ ފަހަރު އިންޑިއާ އަށް ދިޔައީ އޭރު ދެމަފިރިން ކުއްޔަށް އުޅުނު ތަން ދޫކޮށް، އެ ތަނުގައި ހުރި ތަކެތި ވިއްކާލުމަށް ފަހު ކަމަށެވެ. އައިންތު އިންޑިއާގައި ބެހެއްޓުމަށްފަހު، އަމިއްލައަށް އެކި މަސައްކަތްކޮށްގެން އާމްދަނީ ހޯދަން މުހައްމަދު އަނބުރާ ރާއްޖެ އައުމަށް ފަހު ނިދީ މަންމަމެން އުޅުނު އެޕާޓްމަންޓުގެ ސިޓިން ރޫމުގައި ކަހަލަ ގޮތަކަށެވެ.

ގާތްގަނޑަކަށް އަހަރެއް ވަންދެން ބޭރުގައި އުޅުމަށްފަހު އައިންތު އެނބުރި މާލެ އައުމުން އެ ދިރިއުޅުން ޖެހުނީ އަނެއްކާ ވެސް ފައްޓާށެވެ. އެޕާޓްމަންޓާއި އެ ތަނަށް ހިފާ ގެންގުޅޭ ސާމާނު ހޯދާށެވެ. އޭގެ ހަރަދުތައް ބޮޑުކަމުން މުހައްމަދު ނިންމީ، އިންޑިއާގައި ހުންނަ އެޕާޓްމަންޓާއި މާލޭގައި އުޅޭ ތަނަށް އެއް ފަހަރާ ކުލި ދައްކައިގެން ވިއަސް އެ ފަރުވާ ރަނގަޅަށް ކުރިއަށް ގެންދާށެވެ.

ކޮވިޑާ ހެދި ޖެހިގެން އައި 2020 ވަނަ އަހަރު އައިވީއެފް އަށް ބޭރަކަށް ނުދެވުނެވެ. ދަތުރުކުރުމުގައި ލުއިތައް ދިނުމާ އެކު 2021 ވަނަ އަހަރު އެކޮޅަށް ގޮސް ހެދި އެއް ޕްރޮސީޖާ ކާމިޔާބުވި ކަމަށް ދެއްކި އެވެ. އެކަމަކު، އައިންތު ބުނީ ފަހުން ޓެސްޓު ކުރިއިރު ނެގެޓިވް ކަމަށް ދެއްކުމުން އެ ފަހަރު ދޫކޮށްލީ ކަމަށެވެ. އަނެއްކާ ވެސް ޖެހިގެން އައި އަހަރު އެ ޕްރޮސީޖާ ފުރިހަމަކުރިއިރު، ފުރަތަމަ ޓްރާންސްފާގައި ބަނޑުބޮޑުވި އެވެ. ގާތްގަނޑަކަށް ތިން މަސް ދުވަސް ވެފައި ހުއްޓައި ދަރިފުޅު ހެދިބޮޑުވުން ހުއްޓި، ބައިގެންދިޔައީ އެވެ.

"އަސްލު ވަރަށް ގިނަ ފަހަރު ހިތަށް ވެސް އަރާ [ކުއްޖެއް ލިބޭނެބާއޭ]. ފެއިލްވާ ކޮންމެ ފަހަރަކު ދޭ ވަރަށް ވަގުތުތަކެއް އަނެއްކާ ކޮންފިޑެންސް ބިލްޑުކުރަން ވެސް، އިތުރަށް މަސައްކަތްކުރަން ވެސް. އަޅުގަނޑު އަބަދު ވެސް އިންނަ އެއްޗެއް އެއީ، މަސައްކަތްކުރަންޏާ ކޮންމެ ވެސް އެއް ދުވަހަކުން ކާމިޔާބުވާނެއޭ. މިސާލަކަށް، މި ދުނިޔެ މަތީގައި ނުވިއްޔާ އެ ދުނިޔެ މަތީގައި ވާނެއޭ." އަސަރާ އެކު ވާހަކަ ކުރިއަށް ގެންދަމުން އައިންތު ބުންޏެވެ.

މި ފަހަރު ބަނޑުބޮޑުވިއަސް ހަގީގަތުގައި އުފާ ވާންޖެހޭ ވަރަށް އުފާވާކަށް މި ދެމަފިރިންނަށް ނުކެރުނެވެ. މީގެ ކުރީ ދެ ފަހަރު ވެސް ވަކި ހިސާބަކުން ދަރިފުޅު ވަކިވެގެން ދިއުމުން، އައިންތު އާއި މުހައްމަދު މި ފަހަރު ހުރީ ހިތްބިރުގެންފަ އެވެ. އެކަމަކު، ސިޒޭރިއަން ހެދުމާ ހަމައަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލް އަދި ވަކިން ހާއްސަކޮށް ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ޒާކިޔާ އަހުމަދުގެ ފަރާތުން ލިބުނު އެހީތެރިކަމަށް މި އާއިލާއިން ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރެ އެވެ.

"ކުރީ ފަހަރުތަކުގައި ވެސް އެހެންވީމަ ޑޮކްޓަރު ބުނީ ވަރަށް ބަލައިގެން އުޅޭށޭ... ބުނީ ގޭތެރޭގައި އުޅުނަސް ބޭރަށް ނުނިކުންނާށޭ. ގޭތެރެއިން ފާހަނާއަށް، އެގޮތަށް. އެހެން އުޅެނިކޮށް 26 ހަފުތާގައި ހެދި ސްކޭނުން އެނގުނީ އިންޓާނަލް... ހުޅުވިފައި އިންކަން. އަނެއްކާ ވެސް މި ކޮޅަށް އައިސް 26 ހަފުތާގައި އައިސް 32 ވީކް ވަންދެން ބެޑް ރެސްޓުގައި އޮތީ. ފާހަނާއަށް ދާންވެސް ނުތެދުވަން. ބައްތިރީސް ހަފުތާ ވީމަ ދެން ޑޮކްޓަރު އެލައު ކުރީ ފާހަނާއަށް ވެސް ދާން. ދެން ގެއަށް ދޫކޮށްލީ ދުވަސްކޮޅަށް. އަނެއްކާ ދެ ތިން ހަފުތާ ފަހުން ތަދު އަރާތީވެ މި ކޮޅުގައި އައިސް މަޑުކުރީ،" އައިންތު ބުންޏެވެ.

އައިވީއެފްގެ ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާންކުރަން ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް (މ)، މެޑިކަލް ޑައިރެކްޓާ ޑރ. ލެޑަން ނޮޓެކް އަދި ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ޒާކިޔާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޓްރީޓޮޕް

އައިވީއެފްގެ ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާންކުރަން ޓްރީޓޮޕް ހޮސްޕިޓަލުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް (މ)، މެޑިކަލް ޑައިރެކްޓާ ޑރ. ލެޑަން ނޮޓެކް އަދި ފާޓިލިޓީ ސްޕެޝަލިސްޓް ޑރ. ޒާކިޔާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޓްރީޓޮޕް

ފަހު ފަސް މަސް ދުވަހުގެ ބޮޑު ބައި ހޭދަކުރީ ހޮސްޕިޓަލުގަ އެވެ. ހާލަތަށް ބަލައި 37 ހަފުތާގައި ނެގި ދަރިފުޅުގެ ބަރުދަނުގައި 3.6 ކިލޯ ހުއްޓެވެ.

ދެމަފިރިންގެ ވަރުގަދަ ލޯބި: އެކަކު އަނެކެއްގެ އެންމެ ބޮޑު ހިތްވަރު

ދަރިން ނުލިބުމަކީ ހަމައެކަނި އަންހެނުންގެ ސަބަބުން ދިމާވާ ކަމެއް ކަމާއި އޭގެ ވޭންތައް ތަހައްމަލުކުރުމަކީ އެ މީހުން އަމިއްލައަށް ކުރަންޖެހޭ ކަމެއް ކަމަށް، މި ތަހުޒީބު ޒަމާނުގައި ވެސް ވިސްނާ މީހުން މަދެއް ނޫނެވެ. އެކަމަކު، އައިންތު އޮހުނު ކަރުނަ އާއި އުފުލި ވޭންތަކަށް ލުއެއް ގެނެސް ދިނީ ފިރިމީހާ އެވެ.

މުހައްމަދު ބުނީ ކުއްޖަކު ހޯދަން ދެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުކުރި ކަމަށެވެ. ޑޮކްޓަރު އެންގި ކަމެއް އެ ގޮތަކަށް ކުރި އެވެ.

"ޑޮކްޓަރުން އަންގަނީ އަޅުގަނޑުމެން ފަލައޭ. ކޮންމެ ފަހަރަކު ވެސް ވަރަށް ތައްޔާރުވަން. ހިކި، ދުވަން ގޮސް. ކަސްރަތު ކުރާ ތަނަކަށް ރުފިޔާ ދައްކައިގެން އެ ތަނަށް ވެސް ދިޔައިން ދެ މީހުން،" މުހައްމަދު ބުންޏެވެ.

"...އެކަކު ތަންކޮޅެއް މޯޓިވޭޓްނުވާއިރު އަނެކަކު ހިނގާށޭ ދާން ކިޔާފައި، ދިރިއުޅުމުގައި މި ހިސާބަށް އާދެވުނު ސަބަބަކީ އެއީ. ފިރިމީހާ ދުވަހަކު ވެސް ނުބުނޭ އަޅުގަނޑާ ހެދި ކުދިން ނުލިބެނީއޭ، އެކަހަލަ އެއްޗެއް ނުބުނޭ. އެއީ ކަންނޭނގެ ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ،" މުހައްމަދުގެ ވާހަކަ ދިގުކޮށްލަމުން އައިންތު ބުންޏެވެ.

"އަބަދު ވެސް ފެއިލްވާއިރަށް އެއިން ދަސްކުރަން ދެން ކޮން ކަމެއްތޯ އިމްޕްރޫވް ކުރާނީ މިސާލަކަށް ދެން އޮންނަ ސާކަލް އަށް. އެގޮތަށް، ރިސާޗް ވެސް ކޮށްގެން، ކާންޖެހޭ އެއްޗެހި ވެސް ކައިގެން، މުޅިން ބަދަލުކޮށްގެން، ވަރަށް މަސައްކަތުން."

އޭނާ ބުނީ ވަޒީފާއަށް އިންޓަވިއުއަށް ދިޔައިރު ވެސް ދަރިން ހޯދުމާ ގުޅޭގޮތުން އަދި އާއިލީ ގުޅުން އޮންނަ މީހުންގެ ފަރާތުން ވެސް، ހަށިގަނޑު ރީތިކޮށް ބަހައްޓަން އަދި ކިޔެވުމުގެ ބޭނުމުގައި ދަރިން ނުހޯދާ ހުންނަނީ ކަމަށް ބުނާ ކަމަށެވެ. އެއިން އެއްވެސް މީހަކަށް ނުފެނުނީ މި ދެމަފިރިންގެ ހިތުގައި ހުރި ޒަހަމެވެ. އޭނާ ވެސް ކައިރީގައި ހުއްޓައި، މުހައްމަދު، 38، ކައިރީގައި ބައެއް މީހުން ވަނީ ދެ ވަނަ ކައިވެންޏަކަށް ލަފާ ދީފަ އެވެ.

އެކަމަކު، އުފަން ދަރިއެއް ނުލިބުމަކީ އުމުރުން 13 އަހަރުގައި އުފެދުނު އެންމެ ގާތް ރަހުމަތްތެރިޔާ ކަމުން، ލޯތްބަށް ބަދަލުވި ޒަމާންވީ އެ ގުޅުމުގައި ރެނދު އެޅެންޖެހޭ ސަބަބެއް ކަމަށް އެ ދެމަފިރިން ގަބޫލެއް ނުކުރެ އެވެ. އެއް ދުވަހުން އަނެއް ދުވަހަށް ދެ މީހުންގެ ލޯބި ދިޔައީ އިތުރުވަމުންނެވެ.

"ފިރިމީހާގެ ސަޕޯޓު ވަރަށް ލިބޭ. އެއީ ކަންނޭނގެ ދެން ސަވައިވްކުރެވޭ ކަމަކީ. އޭނަ އަބަދު ވެސް އަޅުގަނޑާ އެކު ހުންނާތީ، ސަޕޯޓު ދޭތީ. ދެރަވެގެން އުޅުނީމަ ވެސް ބުނާނެ އަޅުގަނޑަށް ކުއްޖަކު ނުލިބެންޏާ އޯކޭއޭ އޭނާއަށް ކުއްޖަކު ނުލިބުނަސް. އޭނައަށްޓަކައި ވެސް އިތުރަށް މަސައްކަތްކުރެވޭ." ދެމަފިރިން އެކުގައި ތިބެގެން ދިން އިންޓަވިއުގައި އައިންތު ބުންޏެވެ.

ރާއްޖޭގައި އެންމެ ފަހުން އައިވީއެފް؛ ވަރަށް ބޮޑު ލުއެއް

އައިންތު އާއި މުހައްމަދު އައިވީއެފް ހަދަން އިންޑިއާ އަށް ދިޔަ ހަތަރު ދަތުރު، އެއިން ކޮންމެ ފަހަރަކު ގާތްގަނޑަކަށް 10،000 ޑޮލަރު (154،200ރ.) ގެންދިޔަ އެވެ. އެއީ އެ އަހަރުތަކަށް ޖުމްލަ 616،800ރ. އެވެ. އައިވީއެފް ޕްރޮސީޖާއަށް އެކަނި 5000-6000 ޑޮލަރު ނުވަތަ ގިނަވެގެން 92،000ރ. ހަރަދުވާނެ އެވެ. ނަމަވެސް، އިންޑިއާގައި ފަރުވާ ރާވާފައި އޮންނަނީ އެ ކޮޅުގައި ގިނަ ދުވަހު މަޑުކުރަން ޖެހޭ ގޮތަށެވެ. އެހެންވެ، އަތުން ގިނަ ހަރަދެއް ހިނގަ އެވެ.

އިންޑިއާގައި ފުރަތަމަ ބިސް ނަގަނީ އެވެ. އެކަމަކު، އެ މަހު ގިނަ ފަހަރު އެމްބްރިއޮ ޓްރާންސްފާ ނުކޮށްދެ އެވެ. އިތުރަށް މަޑުކޮށް، ބަނޑުބޮޑުވުމާ ހަމައަށް ދެވެނީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގަ އެވެ. ހޮސްޕިޓަލުން ދޫކޮށްލަނީ ވެސް ހާޓްބީޓް ފެންނަ ހިސާބުންނެވެ.

"އެކޮޅުގައި [އިންޑިއާގައި] ގޮސް ހުންނަންވެއްޖިއްޔާމު އެބަޖެހޭ އެކަނި ހުންނަން. ފަހުން ހެދި ދެ ފަހަރު ވެސް، ކޮއްކޮމެން ބޮޑުވެފައި ވަޒީފާއަށް ގޮސް ހުރިހާ ކަމެއް ކުރާތީ އެކަކު އަތުގައި ވެސް ނުހުރޭ އެކޮޅުގައި ގިނަ ދުވަހު ހުރެވޭކަށް ޗުއްޓީއެއް. އެންމެންނަށް ކުދިން ލިބިފައި. ކުރިއާ ތަފާތު. ކޮންމެ މީހަކު ވެސް ސްކޫލަށް ލައިގެން އުޅޭތީ އެހެން ގޮސް ހުރެވޭކަށް މީހަކު ނުހުރޭ. އެހެންވެ، ހިތަށް އެރީ މި ކޮޅުގައި ކުރެވެންޏާ މާ ރަނގަޅޭ." އައިންތު ބުންޏެވެ.

"މާލޭގައި ވިއްޔާ ވާނެ ގޮތަކީ ފެމިލީ މީހުން ވެސް އައިސް ކަންކަން ކޮށްދޭނެ އެ މީހުންގެ ފްރީ ޓައިމްގައި. އެހެންވެ، ހިތަށް އެރީ މި ކޮޅުގައި ޓްރައި ކުރާނީއޭ. އެކޮޅުން ވެސް ޓްރައި ކޮށްގެން ހަމަ ފެއިލްވި ފަހަރު ވެސް އައި. އެހެންވެ، ރިސްކެއް ނަގާފައި ވެސް ކުރާނީއޭ ހިތާ އައީ. ބަލާލަން ދާނީއޭ ހިތާ ފުރަތަމަ އައީ."

އައިންތު، އޭނާގެ އަލަތު ދަރިފުޅު އުރާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިންތު، އޭނާގެ އަލަތު ދަރިފުޅު އުރާލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، ޓްރީޓޮޕްގައި މިދިޔަ އަހަރުގެ މެއި މަހު ފާޓިލިޓީ ސެންޓަރު ހުޅުވާނެކަން އިއުލާންކުރުމާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ބަޔަކީ މިއީ އެވެ. އަދި ސްކްރީނިން އަށް ހުޅުވާލުމާ އެކު، ނަން ނޯޓުކޮށް، ޑޮކްޓަރަށް ދައްކަން އައި ދުވަހު ވަރަށް ގިނަ މީހުން ތިއްބެވެ. އެހެންވެ، މުހައްމަދު ވެސް ހީކުރީ އެ ދެމަފިރިންގެ ހާލަތު ތަންކޮޅެއް އުނދަގޫ ވުމުން، އެންމެ ފުރަތަމަ ބުރުން ޖާގަ ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އައިވީއެފްގައި ތަކުރާރުކޮށް ފެއިލްވަމުން އައިސް ތިބި ބަޔަކަށް ވީމަ، އެ ވަރުގެ ރިސްކެއް އެ މީހުންގެ ފަސްޓް ކޭސްގެ ގޮތުގައި ނަގާނެ ކަމަށް ހިއެއް ނުކުރަން. އެކަމަކު، މި ފުރުސަތު ދެއްވީމަ ވަރަށް އުފާވި." މުހައްމަދު ބުންޏެވެ.

އޭނާގެ ވާހަކަ އިތުރުކޮށްލަމުން، އައިންތު ބުނީ ހާލަތުގެ ގޮތުން އެ މީހުން ނުނަގަފާނެ ކަމުގެ ބިރު އޮތް ކަމަށެވެ. ނަމަވެސް، ކުރިއާލާ ބޭސް ދީ، ފުރަތަމަ ބުރުން ޖާގަ ދިނެވެ.

އައިވީއެފްގެ ޕްރޮސީޖާ އަށް ޓްރީޓޮޕް އިން ކަނޑައަޅާފައި ވަނީ 46،000ރ. އެވެ. އެކަމަކު، އެއީ ބޭހާއި އިންޖެކްޝަން ނުހިމަނަ އެވެ. ބޭސް ފިހާރައިން ގަންނަ ބޭސްތަކާއި އިންޖެކްޝަންތައް ހިމަނައިގެން، ގާތްގަނޑަކަށް އެއް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ބުންޏެވެ.

"މިކޮޅު މާ ރަނގަޅު. އަމިއްލައަށް ގޭގައި ހުރެގެން މިކަން ވަންޏާ މާ ފަސޭހައެއްނު. ތަނުގެ ކުލި، ކެއުން ބުއިން. މިސާލަކަށް ރަށަކުން މި ތަނަށް އަންނަންޏާ އެ ހަރަދު ދާނެ. މާލޭގައި ތިބޭތީ އެ ހަރަދު ނުކޮށް ސަލާމަތްވީ،" މުހައްމަދު ބުންޏެވެ.

އިންޑިއާގައި އަހަރުތަކެއް ވަންދެން ކުރެވުނު ތަޖުރިބާ އަދި ލިބުނު އަޅާލުމުން ވެސް އައިންތު އަށް ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެއްޖެ އެވެ. އޭނާއަށް ގަބޫލުކުރެވެނީ، ޓްރީޓޮޕްގައި ލިބުނު ފަރުވާ މާ ރަނގަޅު ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ބޭރަށް ދިއުމަށްވުރެ މި ތަނުން މި ހިދުމަތް ލިބެންޏާ ހުރިހާ ގޮތަކުން ވެސް މާ ރަނގަޅޭ. ވަޒީފާގައި ހުންނަ ކުއްޖާ އަށް، ވަޒީފާއިން ކެނޑޭކަށް ވެސް ނުޖެހޭ. ބިސް ނަގާއިރު ވަޒީފާއަށް ދަމުން ބިސް ނަގަން އެ ކުރާ ކަންތައްތައް ކުރެވޭނެ. އެމްބްރިއޮ ޓްރާންސްފާއާ ހަމައަށް އެ ކުއްޖަކަށް ވަޒީފާއަށް ވެސް ދެވޭނެ. ބަނޑުބޮޑުވުމާ ހަމައަށް ގާތްގަނޑަކަށް ދެ ހަފުތާ މި އޮންނަނީ. އެ ހަފުތާގައި ޗުއްޓީ ނެގިއަސް، އެ ހުރިހާ ކަމެއް ގުރުބާންކުރާކަށް ނުޖެހޭނެ،" އައިންތު ބުންޏެވެ.

"ބޭރަށް ގޮސްފައި އަސްލު ގިނަ ދުވަހުން މިކަން މި ވަނީ. ބަނޑުބޮޑުވީމަ، ރިސްކެއް ނަގައިގެން މި ކޮޅަށް އަންނާކަށް ވެސް ނުކެރޭ. އެކޮޅުގައި މަޑުކުރަން އެބަޖެހޭ ތިން މަސް. އެއް އައިވީއެފަށް 3-6 މަސް ދުވަސް އެބަދޭ. ވަޒީފާ އަށް ދާ ކުއްޖެއް ވިއްޔާ ނޯ ޕޭގައި ދާން ޖެހޭނީ."

ދަރިފުޅާއެކު، މި ދެމަފިރިން މިހާތަނަށް ބޭނުންވި ހުރިހާ ކަމެއް ހާސިލްވީ އެވެ. ދެކެމުންދިޔަ ހުރިހާ ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުނީ އެވެ. އެހެންވެ، އައިންތު އާއި މުހައްމަދުގެ ހުރިހާ ވަގުތެއް ދެން ބޭނުންވަނީ ދަރިފުޅާއެކު ހޭދަކުރާށެވެ.

"ލައިފްގައި މިހާރު ދެން ނުލިބޭ އުފަލަކީ މިއީ. ލިބުނީމަ ބޭނުމެއް ނޫން އެ ކުއްޖާ ދޫކޮށްލާފައި އިތުރަށް [ވަޒީފާއަށް] ދާކަށް ފިރިމީހާއަށް ކިރިޔާ ވެސް ވަންޏާ." ހިނިތުންވެލުމަކާއެކު އިންޓަވިއު ނިންމާލަމުން އައިންތު ބުންޏެވެ.