Roadha Mihaaru
ފާޓިލިޓީ ކެއާ ޕްރޮގްރާމް ފަށައި ސަރުކާރުން އެހީ ދެނީ

ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ފަށައި ސަރުކާރުން އެހީ ދެނީ

29 މެއި 2023

ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޕްރޮގްރާމެއް ފަށައި، އެ ފަރުވާއަށް ސަރުކާރުގެ އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޕްރޮގްރާމެއް ފަށައި، އެ ފަރުވާއަށް ސަރުކާރުގެ އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މުޅި މި ސަރަހައްދުގައި ވެސް ދަރިމައިނުވުމުގެ މައްސަލަ ބޮޑު ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އެ މައްސަލަ ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށް ވިދާޅުވެ، ވޯލްޑް ބޭންކުގެ ހިސާބުތަކަށް ރިއާޔަތްކޮށް، ދަރިމައިވާ ނިސްބަތް ރާއްޖޭގައި އަހަރުން އަހަރަށް ދަށަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އައިވީއެފް ހެދުމަށް ރާއްޖޭން ބޭރަށް ދާ ދިވެހިންގެ އަދަދުން ވެސް އެކަން އެނގޭނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންވެ، އެކަމަށް ލުޔެއް ގެނެސްދިނުމަށް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ރައީސް އިއުލާނުކުރެއްވި އެވެ.

"މިފަދަ ޕްރޮގްރާމެއް ތައާރަފްކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމްކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކެން." ރައީސް ވިދާޅުވި އެވެ.

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަނީ ފާޓިލިޓީ ކެއާ ޕްރޮގްރާމަކަށް ޝަރުތު ހަމަވާނެ މީހުން ކަނޑައެޅުމާއި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.

މިލިއަނަކަށް ވުރެ ގިނަ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި ސެންޓަރުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައިވަނީ 46،000ރ. އެވެ. ބައެއް ހާލަތްތަކުގައި ފުރަތަމަ ސައިކަލް އިން މި ފަރުވާ ކާމިޔާބު ނުވެ ދެ އެވެ. އެހެންވެ، މި ފަރުވާއަށް މި ވަގުތު އާސަންދަ ނުލިބޭތީ އެ ހުރިހާ ހަރަދެއް ކުރަންޖެހޭނީ އަމިއްލައަށެވެ.

އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އުފާވެރި ހަބަރެއް ދެއްވައިފަ އެވެ.

"މީގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި މި ހިދުމަތް ބޭނުންވެފައިވާ މީހުންނާ ގުޅުވައި ދެވޭނެ ގޮތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އެބަ ގެންދެވޭ. އަދި މިކަމުގައި އެހީތެރިކަމަށް ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ކުރުމަށް ވެސް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތައް ހޯދުމަށްޓަކައި ރައްޔިތުން ހޭދަކުރާ އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ. އަދި ރާއްޖޭން ބޭރުން މިފަދަ ފަރުވާތައް ހޯދުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރާ އެތައް ހަރަދެއް ވެސް ސަލާމަތް ކުރެވޭނެ. އެ ފައިސާތައް ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގައި ދައުރުވުމުގެ ފުރުސަތު ލިބުމަކީ، ރާއްޖޭގެ އިގުތިސޯދަށް ވެސް ލިބޭނެ ވަރަށް ބޮޑު ރަނގަޅަކަށް ވާނެ."

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް އަދި އެ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް އަދި އެ ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަނިކުފާނު ވިދާޅުވީ ޓްރީޓޮޕަށް މި ވީ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކަމަށެވެ. އައިވީއެފް އަކީ ރާއްޖޭގައި އަލަށް ފަށާ ފަރުވާއަކަށް ވިޔަސް އެއީ ރައްޔިތުންނަށް ވަރަށް މުހިއްމު ފަރުވާއެއްކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހިތުން، މި މަރުކަޒާ އެކު އެ ތަކުލީފުތަކަށް ލުއެއް ލިބޭނެ. އަދި އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ. އަދި އާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއް ގެނެސްދޭނެ. މި ހިދުމަތް ފެށުމުން ހާސިލްވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުން."

"މިިހާތަނަށް މި ހިދުމަތް ހޯދަން ޖެހިފައި އޮތް ގޮތުން، އެ ފަރުވާ ހޯދާ ދެމަފިރިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަން ޖެހޭ. މި މަރުކަޒާ އެކު އެ ހިތްދަތިކަން ވެސް ފިލައިގެން ގޮސް، ފަރުވާ ހޯދާ ދެމަފިރިންނަށް ބޭނުންވާ ނަތީޖާ ހާސިލްކުރެވި އާއިލާއަށް ހިނިތުންވުން ލިބުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދު. މި ހިދުމަތް ފުޅާކުރުމަށް މި ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ."

ރައީސް ވިދާޅުވީ މިފަދަ ސިއްހީ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެއީ ކާބޯތަކެއްޗާ ގުޅުން ހުރި ނޫނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއްތޯ ބަލައި، އެ މައްސަލައިގެ މޫ ލާފައި އޮތް ހިސާބު ދެނެގަނެވުމުން، މައްސަލަ ހައްލުކުރަން މިހާރަށް ވުރެ މާ ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.