Roadha Mihaaru
އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕުން އެދިއްޖެ

ރާއްޖޭގައި އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕް ހޮސްޕިޓަލުން އެދިއްޖެ

07 ޖޫން 2022

ރާއްޖޭގައި އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕް ހޮސްޕިޓަލުން، ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕް ހޮސްޕިޓަލުން، ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްފަހު އައިވީއެފްގެ ހިދުމަތް ފެށުމުގެ ހުއްދަ އަދި ސެޓްފިކެޓް ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަރިމައިވުމުގެ މައްސަލަތައް ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ، އައިވީއެފް ހެދުމަށް ބޮޑު ހަރަދެއް ކޮށްގެން ޖެހެނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ގިނަ މީހުންގެ އެއް ކަންބޮޑުވުމަކީ އައިވީއެފަށް އާސަންދައިގެ އެހީ ނުލިބުމެވެ. ނަމަވެސް، އެ ފަރުވާ ފެށުމުގެ ހުއްދަ ޓްރީޓޮޕަށް ލިބުމުން އެ ހޮސްޕިޓަލުން ވަނީ އާސަންދަ ސްކީމުން ވެސް އެ ފަރުވާއަށް އެހީ ލިބޭނެ ގޮތްތައް ހެދުމަށް އެ ކުންފުންޏަށް ހުށަހަޅަން ނިންމައިފަ އެވެ.

އައިވީއެފް ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެ ތަނުގެ ޑޮކްޓަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީނު ވެސް ކޮށްފަ އެވެ.

އެ ހޮސްޕިޓަލަގް ސީއޯއޯ އާދިލް މޫސާ "މިހާރު" އަށް ކުރިން ވިދާޅުވީ އެ ތަނުގެ އަމާޒަކީ އައިވީއެފް ހިދުމަތް ހޯދަން ރާއްޖެއިން ބޭރަށް ދާ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބޭނުންވާ ހުރިހާ ހިދުމަތެއް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

"މިއީ ރާއްޖެ އަށް ވެސް، އަދި އަޅުގަނޑުމެންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. ރާއްޖޭގެ އިގްތިސާދަށް ވެސް މިކަމުން ފައިދާ ކުރާނެ. މިއީ އަޅުގަނޑުމެން އެންމެ އަވަހަށް ފަށާ އެންމެ ބޮޑު މަޝްރޫއު،" އާދިލް ވިދާޅުވި އެވެ.