Roadha Mihaaru
ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު

ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު

30 ނޮވެމްބަރ 2023

ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ހެދި ފުރަތަމަ ބެޗުން ހަ މީހަކު ބަނޑުބޮޑުވެ، ފަރުވާ ކާމިޔާބުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ހެދި ފުރަތަމަ ބެޗުން ހަ މީހަކު ބަނޑުބޮޑުވެ، ފަރުވާ ކާމިޔާބުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ މިދިޔަ މެއި މަހު ފާޓިލިޓީ ސެންޓަރު ހުޅުވުމަށް ފަހު، އައިވީއެފް ހަދާނެ މީހުން ކަނޑައަޅައި އެ ފަރުވާތައް ފެށީ މިދިޔަ ޖުލައި މަހު ކަމަށެވެ.

ރާއްޖޭގައި އަލަށް ހުޅުވި ފާޓިލިޓީ ސެންޓަރުގައި މި ވަގުތު 160 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

ޒާކިޔާ ވިދާޅުވީ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހަދާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ކާމިޔާބީއެއްކަން ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

އައިވީއެފް ފަރުވާ ހޯދަން މިހާތަނަށް މީހުން ދިޔައީ ރާއްޖެއިން ބޭރަށެވެ. އެ ފަރުވާއަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭތީ އަތުން ވެސް ބޮޑު ހަރަދެއް ހިނގަ އެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައިވަނީ 46،000ރ. އެވެ.

ޓްރީޓޮޕްގެ އައިވީއެފް ސެންޓަރުގައި، ނަރުހަކު މަސައްކަތްކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގެ އައިވީއެފް ސެންޓަރުގައި، ނަރުހަކު މަސައްކަތްކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް. ފެށުނީއްސުރެ ހުރިހާ ޕްރޮސެސް އަށް އަޅުގަނޑުމެން ކުރިއަށްގެންދަނީ ހޮސްޕިޓަލް ތެރޭގައި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭރަށް ފޮނުވައިގެން ކުރަންޖެހޭ އެއްވެސް ކަމެއް ނެތް. ހުރިހާ ކަމެއް ވެސް އަޅުގަނޑުމެންގެ ލެބް ފެސިލިޓީގައި ކޮށް، ނިމިގެން މި ދިޔައީ." ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި އެވެ.

ޓްރީޓޮޕުން ބުނީ، ފުރަތަމަ ބެޗުގައި އައިވީއެފް ހަދައި މާބަނޑުވި މީހުންގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ހަތަރު ފަހަރު އައިވީއެފް ހަދައި ނާކާމިޔާބުވި މީހެއް ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، އައިޔޫއައި ފަދަ ފަރުވާތައް ހޯދި މީހުން، އެ ހޮސްޕިޓަލުގައި އައިޔޫއައި ހަދައި ކާމިޔާބުވެފައި އެބަތިއްބެވެ.

ޒާކިޔާ ވިދާޅުވީ މިހާރު އައިވީއެފް ހަދަނީ ބެޗުތަކަކަށް ބަހާލައިގެން ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ޕްލޭނަކީ ކޮންމެ ދުވަހަކު ނުވަތަ މަދުވެގެން ހަފުތާއަކު ފަރުވާ ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް، (ވ-2)، މެޑިކަލް ޑިރެކްޓަރު ޑރ. ނޮޓެކް، ޑރ. އަނީތާ އަދި ޑރ. ޒާކިޔާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް، (ވ-2)، މެޑިކަލް ޑިރެކްޓަރު ޑރ. ނޮޓެކް، ޑރ. އަނީތާ އަދި ޑރ. ޒާކިޔާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަޅުގަނޑުމެންނަށް ރަޖިސްޓާ ކޮށްފައި ހުރި ޕޭޝަންޓުން ވަރަށް ފްރަސްޓްރޭޝަން އެބަހުރި އައިވީއެފް ޓްރީޓްމަންޓް ލަސްވަމުންދާތީވެ. އެކަމަކު، އިރާދަކުރެއްވިއްޔާ [ކޮންމެ ދުވަހަކު ފަރުވާ ދިނުމަކީ] އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާފައި އޮތް ގޮތަކީ." ޒާކިޔާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލާ މި ފަހުން ގުޅިވަޑައިގެން އައިވީއެފް ސްޕެޝަލިސްޓް ޑރ. އަނީތާ ވިދާޅުވި ގޮތުގައި އެ ފަރުވާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.

އެ ބޭސްތައް އަގުބޮޑުވުމާއި އެ ފަރުވާތަކަށް މި ވަގުތު އިންޝުއަރެންސް ނުލިބުމަކީ ވެސް ދައްޗެއްކަން ފާހަގަކުރައްވައި، އަނީތާ ވިދާޅުވީ، އެކަމަށް ސަރުކާރުގެ އެހީއެއް ލިބުމަކީ އައިވީއެފް ހަދާ މީހުންނަށް ލިބޭނެ ލުއެއް ކަމަށެވެ.

އާ ސަރުކާރުން ވަނީ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަން އާސަންދައިގެ އެހީ ދިނުމަށް ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ ތެރޭގައި ހިމަނައިފަ އެވެ.