05 ޖެނުއަރީ 2023
ދަރިއަކު ނުލިބިގެން، ނުވަތަ ދަރިން ހޯދަން މަސައްކަތް ކުރާ މީހަކު ނެތް އާއިލާއެއް ރާއްޖޭގައި މަދުވާނެ އެވެ. އެއީ ކޮންމެ އާއިލާ އަކަށް ވެސް، އަދި ކޮންމެ ދެމަފިރިއަކަށް ވެސް ލިބޭ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. އެއަށް ވުރެ ބޮޑު ހިތާމައަކީ، ދަރިއަކު ހޯދަން ކުރަން ޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވުމެވެ. އެ ފަރުވާ އަގުބޮޑުވެފައި، އެކަމަށް ޓަކައި ކުރަން ރާއްޖެ އިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް އެހާ ގިނަ އެވެ. ދަރިމައިވުމުގެ ފަރުވާ، ނުވަތަ އައިވީއެފް އަކީ ރާއްޖޭގައި ކުރެވެން އޮތް ކަމެއް ނޫނެވެ.
ދަރިއަކު ނުލިބިގެން، ނުވަތަ ދަރިން ހޯދަން މަސައްކަތް ކުރާ މީހަކު ނެތް އާއިލާއެއް ރާއްޖޭގައި މަދުވާނެ އެވެ. އެއީ ކޮންމެ އާއިލާ އަކަށް ވެސް، އަދި ކޮންމެ ދެމަފިރިއަކަށް ވެސް ލިބޭ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. އެއަށް ވުރެ ބޮޑު ހިތާމައަކީ، ދަރިއަކު ހޯދަން ކުރަން ޖެހޭ ހަރަދު އިންތިހާ އަށް ބޮޑުވުމެވެ. އެ ފަރުވާ އަގުބޮޑުވެފައި، އެކަމަށް ޓަކައި ކުރަން ރާއްޖެ އިން ބޭރަށް ކުރަން ޖެހޭ ދަތުރުތައް އެހާ ގިނަ އެވެ. ދަރިމައިވުމުގެ ފަރުވާ، ނުވަތަ އައިވީއެފް އަކީ ރާއްޖޭގައި ކުރެވެން އޮތް ކަމެއް ނޫނެވެ.
ރާއްޖޭގައި މި މައްސަލަ ތަޖުރިބާ ކުރަނީ ކިހާ މީހުން ކަން ތަފާސްހިސާބުތަކުން އެނގެން ނެތަސް، އެނގޭ ކަމަކީ ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާ އަށް ބޮޑު ކަމެވެ. އަދި މިހާތަނަށް ބެލެވިފައިވާ ގޮތުން، އެއީ ކަންބޮޑުވާ ދަރަޖަ އަށް ވެސް ގޮސްފައިވާ މައްސަލަ އެކެވެ. އެކަން، ކަމާ ގުޅޭ އިދާރާތަކުން ވެސް ގަބޫލު ކުރެ އެވެ.
ރާއްޖޭގައި އައިވީއެފް ހެދުމަކީ، މި ކަންބޮޑުވުންތަކަށް އޮތް އެއް ހައްލެވެ. އެކަމަކު އައިވީއެފް ނުފެށި މިހާ ހިސާބަށް މި ދިޔައީ އޭގައި ސަބަބުތަކެއް ހުރެގެންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، އެއީ އާދައިގެ ފަރުވާއެއް ނޫނެވެ. އެކަމަކު، ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު އަންނަނީ އައިވީއެފްގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެކަން ފެށުމުން، ސިއްހީ ނިޒާމުގައި ރާއްޖެ އަނެއްކާ ވެސް އުނދަގޫ ހުރަހެއް ގިރާ ކުރެވުނީ އެވެ.
އައިވީއެފްގެ ހިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ދޭ ބައެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ތާރީހުގެ ތެރެއަށް ވަންނައިރު، އޭގެ ފަހަތުގައި އެ ހޮސްޕިޓަލް ވަރަށް އުނދަގޫ މަރުހަލާތަކެއް ކަޑައްތުކޮށްފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް "މެދުސަފުހާ" އަށް ވިދާޅުވީ އައިވީއެފް ހެދުމަށް އެ ހޮސްޕިޓަލުން އިސްނެގި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ދަރިމައިވުމުގެ މައްސަލަތަކަށް، ރާއްޖެ އިން ބޭރަށް ދާ މީހުންގެ އަދަދު އިތުރުވާތީ އެކަމަށް ހައްލެއް ހޯދަން ކަމަށެވެ.
"އަބަދު ވެސް ވަރަށް ބަލާކަމެއް އެއީ ރާއްޖެ އިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ކުރެވޭނެ ފަރުވާތަކަށް. އައިވީއެފް ފަށަން ނިންމީ ވެސް، ވަރަށް ގިނަ ބަޔަކު މި ޓްރީޓްމެންޓަށް ރާއްޖެ އިން ބޭރަށް މިހާރު ދާތީ،" އާދިލް ވިދާޅުވި އެވެ.
"ވަރަށް އުނދަގޫ ދަތި ދުވަސްތަކެއް ކަންނޭނގެ ތަހައްމަލް ކުރަނީ އެހެން ގައުމެއްގައި. އެހާ ގިނަ ދުވަހު ޓްރީޓްމަންޓް ނަގަން މަޑުކޮށްގެން ތިބެން އެބަ ޖެހޭ. މިއީ އެއްފަހަރު ދައްކާލައިގެން ނިމޭ ކަމެއް ނޫން، ބައެއް ފަހަރަށް އެތައް މަހެއް ވެސް ހޭދަކުރަން ޖެހޭ. އެތައް ބުރަކަށް ވެސް މިކަން ކުރަން ޖެހޭ. އަދި އެހާ ބައިވަރު ހަރަދު ވެސް ކުރަން އެބަ ޖެހޭ."
މި ހިދުމަތަކީ މި ހިދުމަތް ފަށާއިރު، ހިދުމަތް ހޯދަން ބޭނުންވަނީ ކިހާ މީހުން ކަން ވެސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވެސް ހިދުމަތް ފަށަނީ މި ހިދުމަތް ބޭނުންވާ އެތައް ބަޔަކު ތިބެދާނެ ކަމަށް މެނޭޖްމަންޓުން ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އަދި އެކްޓިން ސީއީއޯ އާދިލް މިދިޔަ ބުރާސްފަތި ދުވަހު "މެދުސަފުހާ" އާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އައިވީއެފް ފެެށުމަކީ ޓްރީ ޓޮޕް ހީކުރި ވަރުގެ ފަސޭހަ ކަމަކަށް ނުވި އެވެ. އެކަމަށް އެކި މަރުހަލާގައި އެކި ގޮންޖެހުންތަކެއް މިހާތަނަށް ވެސް ދިޔައީ ކުރިމަތިވަމުންނެވެ. މި ފަރުވާގެ ބާވަތުން މިއީ ހާއްސަ ފަރުވާއެކެވެ. އަދި، ރާއްޖޭގައި މިކަން މިފަށަނީ އަލަށް ކަމަށް ވާތީ އާއި، އޭގެ އެހެނިހެން ކަންކަން އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމަށް ހާއްސަ ޓީމެއް އޮންނަން ޖެހޭ މުޅި ޕްރޮސެސްގައި. ޑެޑިކޭޓެޑް އިންފްރާންސްޓްރަކްޗާ އާއި އިކުއިޕްމެންޓާއި މި ހުރިހާ އެއްޗިއްސަކީ ވެސް މިކަމަށް ހުންނަން ޖެހޭ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕްގައި އައިވީއެފް ފަށާނެ ސީދާ ތާރީހެއް އަދި ހަމައެއް ނުޖެހެ އެވެ. އެހެން ނަމަވެސް، އާދިލް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ތެރޭގައި ހިދުމަތް ފެށޭތޯ ބަލަމުން އަންނަ ކަމަށެވެ. އެކަމަށް ބޭނުންވާ ހުއްދަތައް ނަގައި، ތަން ވެސް މިހާރު ވަނީ ހަދައިފަ އެވެ. އެ ހޮސްޕިޓަލުގެ ވަކި ސަރަހައްދެއް ހަމައެކަނި އައިވީއެފަށް ވަނީ ހާއްސަ ކޮށްފަ އެވެ. އެތަނުގައި ތިއޭޓަރާއި ލެބޯޓަރީ އާއި ކޮންސަލްޓޭޝަން ރޫމް ވެސް ވަނީ ޖެނެރަލް ކޮންސަލްޓޭޝަންގެ ބަޔާ މުޅިން ވަކިކޮށްލައިފަ އެވެ.
"މިއަށް އަޅުގަނޑުމެން ބަޔަކާ އެންގޭޖްވެގެން މަސައްކަތް ކުރާތާ ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެ. މި ކަމުގެ ގޮތުން މިއީ ވަގުތުން ފެށޭނެ ކަމެއް ނޫން. މި މަސައްކަތް ކުރަނީ ވެސް މިކަމަށް ހާއްސަ ފަރުވާދޭ ސެންޓަރަކާ ގުޅިގެން. މިކަމަށް ކޮންސިއުމަބްލްސް އާއި އިކުއިޕްމެންޓް ވެސް ވަރަށް މުހިންމު، ބައިވަރު އެއްޗެހި ބޭނުންވޭ."
އޭނާ ވިދާޅުވީ މި ހިދުމަތް ފެށުމަށް ގިނަ ދުވަސްތަކެއް ހޭދަވީ ވެސް މިކަމަށް ރަނގަޅު ބަޔަކު ހޯދުމަށާއި ހޯދަން ޖެހޭ ހާއްސަ ވަސީލަތްތަކަށާއި މީހުން ތަމްރީނުކުރަން ޖެހޭތީ ކަމަށެވެ. އަދި، އައިވީއެފް ފެށުމަށް ބޭނުންވާ ހުއްދަ ލިބުން ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އާދިލް ވިދާޅުވީ، އެ ހުއްދަ ލިބުން ލަސްވި މައިގަނޑު އެއް ސަބަބަކީ މިއީ އަލަށް ފަށާ ކަމަކަށް ވެފައި، މިކަމަށް ހާއްސަ ގައިޑްލައިނެއް މިހާތަނަށް ހެދިފައި ނެތުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޓްރީޓޮޕްގައި މީހަކަށް ފަރުވާކުރަނީ: އައިވީއެފްގެ ހިދުމަތް ފެށުމަކީ މި ހޮސްޕިޓަލުގެ މުހިންމު އަމާޒެއް -- ފައިލް ފޮޓޯ: މިހާރު
"ރާއްޖޭގައި ނެތް އެހާ ކޮމްޕްލީޓް ގައިޑްލައިނެއް، ގަވައިދެއް ނެތް. ދެން ކިހިނެއްތޯ މި ކަންތައްތައް ފަށާނީ. މި ހިދުމަތުގައި ކޮންމެ ކަމެއް ވެސް މި ޖެހެނީ އަލަށް ހަދަން އެއީ ގަވައިދެއް ވިޔަސް. ފުދޭ ވަރަކަށް ބޮޑު ކަމެއް މިއީ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަރުވާ ފަށަން ބެލިއިރު، ރާއްޖޭގައި މި ދާއިރާއިން ކިޔަވައިގެން ތިބި މީހުން ނެތުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އައިވީއެފަށް ހާއްސަ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ރާއްޖެއަކު އޭރަކު ނެތެވެ.
"މިވަގުތު މިކަމަށް ހާއްސަކޮށް މި ދާއިރާއިން ކިޔަވައިގެން ހުރި ހަމައެކަނި ދިވެހި ޑޮކްޓަރަކީ ޑރ. ޒާކިޔާ އަހުމަދު. ދެން ބޭރުގެ ވެސް އެއްވެސް ޑޮކްޓަރެއް، އައިވީއެފް ކޮންސަލްޓެންޓެއް ހިޔެއް ނުވޭ އެއްވެސް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާހެނެއް،" އާދިލް ވިދާޅުވި އެވެ.
"މިކަމުގައި މި ބޭނުން ވަނީ ވެސް ސްޕެޝަލައިޒްޑް ޑޮކްޓަރުން. އޭގެ އިތުރުން އެމްބްރޮލޮޖިސްޓުންނަކީ މީގައި ވަރަށް ބޮޑު ކީ ރޯލެއް ކުޅޭ ބައެއް. އެމްބްރޮލޮޖިސްޓުން ހޯދުމާއި މިކަމަށް ބޭނުންވާ ނަރުހުންނާއި ވަކި މެޑިކޭޝަނާއި ކޮންސިއުމަބްލްސް އާއި އިކުއިޕްމެންޓް ވެސް ވަރަށް މުހިންމު، ބައިވަރު އެއްޗެހި ބޭނުންވޭ މިކަން ފަށަން."
ރާއްޖޭގެ ފުރަތަމަ އިންފާޓިލިޓީ ޑޮކްޓަރު ޑރ. ޒާކިޔާ "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ \ މިހާރު
އާދިލް ވިދާޅުވީ ޓްރީޓޮޕްގައި އައިވީއެފް ހިދުމަތް ފަށާއިރު މިކަމަށް ހާއްސަ ދިވެހި ޑޮކްޓަރެއް ހުރުމަކީ ދިވެހިންނަށް ލިބުނު ނަސީބެއް ކަމަށެވެ. މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު މިކަމަށް ހާއްސަ ބޭރުގެ ޑޮކްޓަރަކު ވަރަށް އަވަހަށް ޓްރީޓޮޕާ ގުޅޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
ޓްރީ ޓޮޕްގެ ވިސްނުން މިހާރު ހުރީ، މި ފަރުވާ ދިވެހި އެއް ޑޮކްޓަރަކާއި ބޭރުގެ ޑޮކްޓަރުންނާ އެކު ފެށުމަށެވެ. އަދި ޑިމާންޑަށް ބަލާފައި، ޑޮކްޓަރުން އިތުރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އާދިލް ވިދާޅުވި އެވެ.
"މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި [ހިދުމަތް] ފެށޭނެ ކަމަށް މި ބަލަނީ. މިކަން އަޅުގަނޑުމެން ފަށާނީ ހަމަ އެންމެ ރަނގަޅު ފެންވަރަށް. މިކަމަށް ބޭނުންވާ ހުރިހާ އިކުއިޕްމެންޓް މި މަހު ލިބޭނެ. ތަން ހެދުމާއި ސެޓަޕަށް ބޭނުންވާ އެއްޗެހި ބޭރުން ގެންނަން ޖެހޭތީއާ ވެސް އެކު އަޅުގަނޑުމެން މި ބަލަނީ ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިމި ރަނގަޅަށް ހިދުމަތް ފެށޭނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.
"އަދި އަގުތައް ކަނޑައެއް ނާޅަން. އަގު މުޅިން ފައިނަލް ކުރެވޭނީ މިތަނަށް ބޭނުންވާ ހުރިހާ ސެޓަޕެއް ހަދައި ނިމުނީމަ. އަޅުގަނޑުމެން ބަލާނީ ރާއްޖެއިން ބޭރަށް ގޮސްގެން އެތާ ތިބެގެން އެ ކުރާ ހަރަދަށްވުރެ ބޮޑު ނުވާނެ ގޮތަކަށް އަގުތައް ހެދޭތޯ."
އާދިލް ވިދާޅުވީ، އައިވީއެފްގައި އެންމެ މުހިންމު ކަމަކީ ކޮލިޓީ ހިފެހެއްޓުން ކަމަށާއި ހޮސްޕިޓަލުން އެންމެ ބޮޑު އިސްކަމެއް ވެސް ދޭނީ އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ: އެ ހޮސްޕިޓަލުގައި އައިވީއެފް ފެށުމަށް އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މިހާ ވަގުތު މި ނަގަނީ ވެސް ފުލް ސެޓަޕެެއް ހަދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާތީ. މި މަސައްކަތް ކުރަނީ ވަރަށް އެކްސްޕީރިއަންސް އެސްޓާބްލިޝް ސެންޓަރަކާ އެއްކޮށް. އެހެންވީމަ ވަރަށް ޔަގީން އިންޓަނޭޝަނަލް ކްލައިންޓުން ލިބޭ ފެންވަރަށް މިކަން ކުރެވޭނެކަން."
ރާއްޖޭގައި އައިވީއެފް ހަދަން ތައްޔާރުވަމުން އަންނަ އިރު، އޭގެ އެންމެ މުހިންމު މަސައްކަތްތަކެއް ގުޅިފައި އޮތީ ސަރުކާރާ އެވެ. އޭގެ އިތުރުން، އާސަންދަ އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ގަބޫލުކުރައްވާ ގޮތުގައި މިއީ، މާކުރިން ވެސް ފަށަން ޖެހޭ ހިދުމަތެކެވެ. ރެކޯޑުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. އެކަމަކު، މި ވީހާ ދުވަހު އެކަމާ ގުޅޭ ސްޕެޝަލިސްޓް ޑޮކްޓަރުން ނެތުމާއި އެކަމަށް މީހުން ތަމްރީނުކޮށްފައި ނުވުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
އަމިއްލަ ހޮސްޕިޓަލަކުން އައިވީއެފްގެ ހިދުމަތް ފަށާއިރު، ސަރުކާރުގެ ވިސްނުން ވެސް އެކަމަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އައި އޭގެ ޕްލޭންތަކެއް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މާ ކުރިން ވެސް އަޅާލަން ޖެހޭ ދާއިރާއެއް. ނަމަވެސް އަޅާ ނުލެވި އޮތް ދާއިރާއެއް މިއީ. މިހާރު މަސައްކަތް އިތުރަށް ކުރެވޭ ދާއިރާއެއް އިންފާޓިލިޓީއަކީ. ލޯންގްޓާމް ޕްލޭނެއްގެ ދަށުން އެކަން އެބަ ހިނގާ،"
އޭނާ ވިދާޅުވީ އެކަމަށް ހާއްސަ މީހުން ތަމްރީނު ކުރުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކަންތައްތަކެއް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފުވައްމުލަކުގައި އައިވީއެފްގެ މަސައްކަތް ފެށުމުގެ ޕްލޭންތަކެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
"އިންފާޓިލިޓީއާ ގުޅޭ ހިދުމަތްތައް މަޑުމަޑުން ފުޅާ ކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުން. ހާއްސަކޮށް ސަރުކާރުގެ ކޮންމެވެސް އެއް ޓާޝަރީ ލެވެލްގެ ހޮސްޕިޓަލެއްގައި ހިދުމަތް ގާއިމް ކުރުން އަމާޒަކީ. އެއާބެހޭ ޕްލޭންތައް ކުރިއަށް އެބަދޭ."
އައިވީއެފްގެ ހިދުމަތަކީ ވަކި މިންގަނޑަކަށް ދޭން ޖެހޭ ހިދުމަތަކަށް ވާތީ، އެ ފެންވަރަށް ކޮންމެ ބަޔަކު އެ ހިދުމަތް ދޭން ތައްޔާރުވިޔަސް އެކަމުގެ ހުއްދަ ލިބޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.
"ކޮލިޓީ ހިފެހެއްޓުމަށްޓަކައި ބަލާ މިންގަނޑުތަކެއް ހުންނާނެ. އެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ޓްރީޓޮޕަށް ވެސް އަންގައިފަ. ހުއްދައިގެ މައްސަލައެއް ނެތް. އެ ހުންނަންޖެހޭ މިންގަނޑުތަކަށް ތަން ނިންމީމަ ކޮންމެ ތަނަކަށް ވެސް ހުއްދަ ލިބޭނެ."
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް
ޝާހު ވިދާޅުވީ މި ފަރުވާ އަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީ އާއި އާސަންދަ އަދި އެންސްޕާ ގުޅިގެން މިހާރު ބައްދަލުވުންތަކެއް ވެސް ބާއްވަމުން އަންނަ ކަމަށެވެ.
"އޭގެ ނަތީޖާއަކަށް މި ބަލަނީ އާސަންދައިން ކޮންމެވެސް ވަރެއްގެ އެހީއެއް ދެވޭނެ ކަމަށް. އެހެން ގައުމުތަކުގައި ވެސް ފާޓިލިޓީއަކީ ހިލޭ ލިބޭ ގޮތަށް ހުޅުވާލެވިފަ އޮންނަ ކަމެއް ނޫން. ނަަމަވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ދޭނެ ވަކި މިންގަނޑުތަކަކަށް ބަހާލެވިގެން،" އޭނާ ވިދާޅުވި އެވެ.
މިހާރު މަޝްވަރާ ކުރަމުން އަންނަނީ އިންފާޓިލިޓީ އަށް ބޭނުންކުރާ ބޭހާއި އެކަމަށް ކުރާ ޓެސްޓުތަކާއި އައިވީއެފަށް ދިއުމަށްދާ ހަރަދުން ބައެއް، އާސަންދައިގެ ތެރެއިން ވަކި އުސޫލަކުން ހަމަޖައްސައިދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ފެށުމަކީ ތާރީހީ ކަމެކެވެ. އަމިއްލަ ގައުމުގައި އާއިލާއާ އެކުގައި ތިބެގެން މި ހިދުމަތް ލިބޭތޯ އިންތިޒާރުކުރާ އެތައް ދެމަފިރިއަކު މިހާރު ވެސް އެބަތިއްބެވެ. އެ އެންމެންގެ ވެސް އެދުމަކީ ރަނގަޅު ހިދުމަތެއް ލިބުމެވެ. އޭރުން، އެކަން ވެގެން ދާނީ ވަރަށް އެ މީހުންގެ އުންމީދަށް ދިއްލައިލެވޭ ހުޅުކޮޅަށެވެ.
އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕުން އެދިއްޖެ
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ
ދަރިމައިވުމުގެ ފަރުވާ އަށް އެހީވާން ޖެހޭ: އެންސްޕާ
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!