Roadha Mihaaru
"އާ ހިއްސާދާރުންނާއެކު ޓީއެމްއޭއަށް ކުރިއެރުން ލިބޭނެ"

އާ ހިއްސާދާރުންނާ އެކު ކުންފުންޏަށް އިތުރު ކުރިއެރުން ހޯދޭނެ: ފައުޒީ

02 ޖުލައި 2021

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކާލައިލް އަށް ވިއްކާލުމާ އެކު ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރަން ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ކާލައިލް އަށް ވިއްކާލުމާ އެކު ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރަން ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އާއި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އާ ހިއްސާދާރުންގެ އެހީތެރިކަމާ އެކު ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ފަސޭހަވާނެ ކަމަށެވެ. އެ ކުންފުނީގެ ހިއްސާދާރުން ވެސް ބޭނުންވަނީ ފައިދާ ހުރި އިތުރު ކަންކަމަށް އިންވެސްޓް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަހަރު ނިމުމުގެ ކުރިން ޑޮމެސްޓިކް ދަތުރުތައް ފަށާނަން. އެކަމުގެ އެންމެ ފަހުގެ ޕްލޭނިންތައް މިހާރު ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.

ޓީއެމްއޭއަކީ ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 56 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ. ސީ ޕްލޭންގެ ގިނަ ދަތުރުތައް ކުރަނީ ރިސޯޓުތަކަށެވެ.

ކާލައިލް އަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލި އިރު، ކިންގް ސްޓްރީޓާއި ޑޭވިޑްސަން ކެމްޕް އިން ވެސް ވަނީ ޓީއެމްއޭގެ ހިއްސާ އިން ބައެއް ގަނެފަ އެވެ.

މީގެ ފަސް އަހަރު ކުރިން، 2017 ގައި ބްލެކް ސްޓޯން އަތުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އިން ގަތް ކުންފުނީގެ މައި ހިއްސާ ވިއްކާލީ ލޯނެއްގެ ގޮތުގައި ދައްކަން ޖެހޭ އެ ފައިސާ އެ ދެ ކުންފުންޏަށް ދެއްކޭ ގޮތް ނުވެގެންނެވެ. ކާލައިލް އިން ހިއްސާ ގަތުމާ އެކު ކުންފުނީގެ ދަރަނިތައް އަދާކުރެވި، ފުޅާ ކުރަން އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.