Roadha Mihaaru
އިޔާޒު ވަކިކުރީ ދީނާދެކޮޅު ބައެއްގެ ނުފޫޒުން: އަދާލަތު

އިޔާޒަށް ފިޔަވަޅު އެޅީ ދީނާ ދެކޮޅު ބައެއްގެ ނުފޫޒުން: އަދާލަތު

02 ޖުލައި 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަކިކުރީ ދީނާ ދެކޮޅު ބައެއްގެ ނުފޫޒުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވަކިކުރީ ދީނާ ދެކޮޅު ބައެއްގެ ނުފޫޒުން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ޑރ. އިޔާޒު އިއްޔެ ވަޒީފާ އިން ވަކިކުރީ، އޭނާ އަށް ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވާ ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް ޔުނިވާސިޓީން ބުނެފައިވެ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އިޔާޒު ވަކިކުރުމާ ގުޅިގެން އެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޔާޒަކީ ރާއްޖޭގެ އިލްމީ ވެއްޓަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހި ރައްޔިތުންގެ އިހްތިރާމާއި އިތުބާރު ލިބިފައިވާ ދަންނަ ބޭކަލެއް ކަމަށެވެ. އޭނާ ވަކި ކުރަން ނިންމި ނިންމުމަކީ، އަދުލުވެރި އިޖުރާއަތެއް ނެތް، އިންސާފުގެ ހަމައިން ބޭރުން ނިންމި ނިންމުމެއް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އެގޮތުން، އެ ފިޔަވަޅު އެޅީ ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން އޮންނަ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ. އެ ޕާޓީން ގޮވާލާފައި ވަނީ އިޔާޒު ވަކި ކުރަން ނިންމި ނިންމުން ބާތިލުކޮށް، އަލުން އިޔާޒަށް ވަޒީފާ ދިނުމަށެވެ.

"މިއިން ޒަމާނަކު ވެސް ދިވެހި ރާއްޖެ ހުޅުވާލެވިފައި ނުވާ މިންވަރަށް ހުޅުވާލެވި، މިނިވަންކަމާ އެކު ފިކުރުކޮށް އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ހިޔާލުތައް އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ދުލާއި ގަލަމުން ފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށް ކަނޑައަޅާފައިވާ ޒަމާނެއްގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ތައުލީމީ މުއައްސަސާ އިން އިލްމުވެރިން ދައްކަވާ އިލްމީ ވާހަކަތަކަށް ހުރަސް އަޅައި ބިރު ދެއްކުމަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ." އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އިޔާޒު ވަކި ކުރީ ދީނުގައި އޮތް ފަރުއީ ކަމަކާ މެދު އޮތް ބަހުސަކާ ގުޅޭ ހަގީގަތެއް ހާމަކޮށްގެން ކަމަށެވެ. ކަންކަމާ މެދު ބަހުސް ކުރުމަކީ އަބަދު ވެސް އިލްމުވެރިންގެ މެދުގައި ހިނގާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ. ބަހުސްތަކަކީ ހައްގަށް ވާސިލުވުމަށް މުހިންމު ބަހުސްތަކެއް ކަމަށް ވެސް ބުންޏެވެ. އަދި އެފަދަ ބަހުސަކާ ގުޅޭ ހަގީގަތެއް ހާމަކުރުމަކީ އެކަން ބަޔާން ކުރާ އިލްމުވެރިއަކު އެކަން ގަބޫލު ކުރުމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އިޔާޒަށް ފިޔަވަޅު އެޅީ ދީނާ ދެކޮޅު ބައެއްގެ ނުފޫޒުން ކަމަށެވެ. އަދި އެއީ އުފެދި ބޮޑުވަމުން އަންނަ ޖީލު ތަރުބިއްޔަތު ކުރުމުގައި ގައުމުގެ ސިޔާސަތު ކަނޑައެޅުމުގައި އަދި މުޖުތަމައުގެ އެންމެހާ ދާއިރާތަކުން އިލްމުވެރިން ބާކީކޮށްލުމަށް ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށް ބުނެފައިވެ އެވެ.

"އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކޭ ގޮތުގައި ޑރ. މުހައްމަދު އިޔާޒުއާ މެދު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެޅި ފިޔަވަޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އުދުވާންތައް ހުއްޓުވުމަށް ސާބިތުކަމާ އެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ނިމުމަކަށް ގެނައުމަށް ނުރައްކާތެރި ބާރުތަކެއްގެ ނުފޫޒުން އަޅާފައިވާ ފިޔަވަޅެކެވެ." ބަޔާނުގައިވެ އެވެ.

އިޔާޒު ވަކި ކުރަން ނިންމުމުން ގައުމީ ޔުނިވާސިޓީ އަށް ނުފޫޒު ފޯރާފައިވާ ވަރު ހާމަވާ ކަމަށް ބުނެފައިވެ އެވެ. އަދި ކުރިން ވެސް ޔިނިވާސިޓީ އޮތް ގޮތަށް ހަގީގީ އިލްމީ މުއައްސަސާއެއްގެ ގޮތުގައި "އިލްމީ ދަންމަރު އުފުލުމުގެ ގާބިލުކަން" ހުރި ތަނަކަށް ހެދުމަށް ގޮވާލާފައިވެ އެވެ.

އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އިއްޔެ ވިދާޅުވެފައި ވަނީ އިޔާޒު ވަކި ކުރަން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.

އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެން ކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ. ނަމަވެސް، އިޔާޒު ވިދާޅުވެފައި ވަނީ، އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަކުރުން ކަމަށެވެ.