Roadha Mihaaru
އިޔާޒަށް އެޅި ފިޔަވަޅު އިންސާފުވެރިއެއް ނޫން: އިމްރާން

ޑރ. އިޔާޒް ވަޒީފާ އިން ވަކިކުރުން އިންސާފުވެރިއެއް ނޫން: އިމްރާން

01 ޖުލައި 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. މުހައްމަދު އިޔާޒު ވަކިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. މުހައްމަދު އިޔާޒު ވަކިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ވާހަކަ ދައްކަވާ ކަމަށް ބުނެ، ފަހުގެ އިންޒާރު ދިނުމަށް ފަހު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކޮމިޓީގެ ނައިބު ރައީސް ޑރ. އިޔާޒު މިއަދު ވަނީ އެމްއެންޔޫގެ ވަޒީފާއިން ވަކި ކޮށްފަ އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ ޑރ. އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އާންމުންގެ ފަރާތުން އޭނާއާ ގުޅޭ 190 ޝަކުވާގެ ސިޓީ ލިބިފައިވާ ކަމަށެވެ.

އެއަށްފަހު، އެކި ފަހަރު މަތިން ވާހަކަ ދެއްކެވި، ހައްލެއް ނައުމުން އިންޒާރު ދިނުމަށްފަހު މަގާމުން ވަކިކުރީ އެވެ. މައްސަލަ އިތުރަށް ގޯސްވީ އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވުމުންނެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަމަކު، އޭނާގެ ބައެއް ފިގުހު ރައުޔާ އެއްބަސް ނުވެވުނަސް ޑރ. އިޔާޒަށް އެމްއެންޔޫ އިން އެޅީ އިންސާފުވެރި ފިޔަވަޅެއް ކަމެއް ނުދެކޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ދީނީ ހިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީގޮތުން ރީތި އަހުލާގާއެކީ ބަހުސްކޮށް ހައްލު ހޯދެންވާނެ. ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ނިންމުން މުރާޖާ ކުރުމަށް ގޮވާލަން،" އިމްރާންގެ ޓްވީޓުގައި ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރުމުން، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފް ޓެގްކުރައްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ތިޔަބައިމީހުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މި ދުނިޔެމަތީގައި" ކަމަށެވެ.

"މާތްلله އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ނިކަމެތި ކަމެއް ނުލިބޭނެ،" ޑރ. އިޔާޒުގެ ޓްވީޓުގައި ވެ އެވެ.