Roadha Mihaaru
ޔޯގާއާ މެދު އަދާލަތުން ބުނި ބަހަށް ނަޝީދުގެ ނުރުހުން

ޔޯގާ މައްސަލައިގައި އަދާލަތުން ބުނި ބަހަށް ނަޝީދުގެ ނުރުހުން

26 ޖުލައި 2022

ޔޯގާ ހެދުމަކީ ކުފުރުގެ އަމަލެއް ކަމަށް ކަނޑައަޅައި ސަރުކާރު ކޯލިޝަނުގެ ހިމެނޭ އަދާލަތު ޕާޓީން ނެރުނު ރިޕޯޓަށް ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޯގާ ހެދުމަކީ ކުފުރުގެ އަމަލެއް ކަމަށް ކަނޑައަޅައި ސަރުކާރު ކޯލިޝަނުގެ ހިމެނޭ އަދާލަތު ޕާޓީން ނެރުނު ރިޕޯޓަށް ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިވަގުތު ސީޝެލްގައި ހުންނަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި އަދާލާތު ޕާޓީ އަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ "ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި" ކަމަށެވެ.

ދަންނަ ބޭކަލުންގެ އިޖްމާއު އަކީ ގުރުއާނާއި ސުންނަތުގައި ހުކުމެއް ނެތް ކަމަކަށް ދަންނަ ބޭކަލުންގެ އިއްތިފާގުން ހުކުމެއް ކަނޑައެޅުމެވެ.

ޔޯގާއާ މެދު އަދާލަތު ޕާޓީގެ އިލްމުވެރިން ރިޕޯޓެއް ނެރުނީ، މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި، އިންޑިއާ ހައިކޮމިޝަނާއި ސަރުކާރު ގުޅިގެން ޔޯގާ ހަރަކާތެއް ބޭއްވި މައްސަލަ ހޫނު ވެފައިވަނިކޮށެވެ. އެ ދުވަހު ހަރަކާތް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދަނޑު ބޭރުގައި ތިބެ އެ ހަރަކާތާ ދެކޮޅަށް އަޑުއުފުލި ދެ ޝޭހަކު ހިމެނެ އެވެ.

އެ ހަރަކާތް އިންތިޒާމުކުރެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އޭރު ވިދާޅުވީ ޔޯގާއާ މެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުކަމާއި އެއީ ހަރާންކަމެއް ކަން ރަސްމީކޮށް ކަނޑައަޅައިފި ނަމަ އެކަން ނުކުރައްވާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުން އަދި އިސްލާމިކް މިނިސްޓްރީން އޮތީ ހަނު އެވެ.

ޔޯގާގެ މައްސަލަ ދިރާސާކޮށް އަދާލަތުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކަށް ޔޯގާ ފެތުރި، މަޝްހޫރުވެފައި ވަނީ ސިއްހީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަން އަދި ނަފުސަށް ދޭ ފަރުވާއެއްގެ ގޮތުން ކަމަށް ވިޔަސް އެކަން ހުޅަނގަށް ތައާރަފުވުމުގެ އަސްލު ގުޅިފައި ވަނީ ހިންދޫ ދީނުގެ މުއައްލިމުންނާ ކަމަށެވެ.

އެ މީހުންގެ މަގުސަދަކީ ހިންދޫ ދީނުގެ އަޅުކަން ފަތުރައި، ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް ވާތީ ޔޯގާ ގުޅިފައިވަނީ އެ ދީނުގެ އަގީދާއާ ކަމަށް ހުޅަނގުގެ މީހުން ވެސް އިއުތިރާފުވާ ކަމަށް އަދާލަތުން ބުނެ އެވެ.

"މި އެންމެހާ ކަންކަމަށް ބަލާއިރު މިއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެން ދެ އެވެ. އަދި ދީނަކާއި ނުވަތަ އަގީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ،" އަދާލަތު ޕާޓީގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

އެހެންވެ، އެކަން ހުއްޓުވައިދިނުމަށް އެ ޕާޓީން ވަނީ ރައީސް އަށް އިލްތިމާސްކޮށްފަ އެވެ.