Roadha Mihaaru
"މިވަގުތަށް ފޯކަސް ހުރީ އޮތް ނިޒާމުން ހިދުމަތް ދޭން"

ބަރުލަމާނީގެ މަޝްވަރާތައް ފެށި ދާނެ، އެކަމަކު މި ވަގުތަށް ފޯކަސް ހުރީ ހިދުމަތް ދޭން: އިމްރާން

08 ނޮވެމްބަރ 2021

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތްޕުޅާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިމްރާން ވިދާޅުވީ، ވެރިކަމުގެ ނިޒާމާ މެދު ދިވެހިން ގޮތެއް ނިންމާފައިވާ ކަމަށާއި އެ ނިންމި ގޮތުގެ ތެރެއިން ވީހާ ވެސް ފުރިހަމައަށް ހިދުމަތް ދިނުމަށް އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ދެން ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރާ ހަމައަށް ދާއިރު، ވެރިކަމުގެ ނިޒާމާ މެދު އިތުރަށް ވިސްނަން ޖެހޭ ކަމެއް އޮތް ނަމަ، ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ބައިވެރިންނާއެކުގައި އަދާލަތު ޕާޓީން ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"2023 އާ ހަމައަށް ދާއިރު [ބަރުލަމާނީ ނިޒާމްގެ] ވާހަކަ ދެއްކުމަކީ ކުރެވިދާނެ ކަމެއް. އެ ވާހަކަ ދައްކައިގެން ޕާޓީ އާއި ކޯލިޝަނުން ނިންމާ ގޮތެއްގެ މަތިން ރައްޔިތުންނާ ހަމަޔަށް ގެންދިޔުމަކީ ވެސް ކުރެވިދާނެ ކަމެއް. ނަމަވެސް މި ވަގުތައް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ކޮށްފައިވާ ވައުދުތައް ފުއްދައި ހިދުމަތް ފޯރުކޮށް ދިނުން،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އިމްރާން ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފި ނަމަ އަދާލަތު ޕާޓީގެ ސްޓޭންޑަކަށް ވާނީ ކޮބައިތޯ ސުވާލު ކުރުމުން އިމްރާން ވިދާޅުވީ، ގޮތެއް ނިންމަވާނީ ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، މި ވަގުތު އަމާޒު ހުރީ އެ ކަންކަމަކަށް ނޫން ކަމަށާއި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް ހުރި ކަމަށެވެ.

ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައިވާއިރު، އެ މަނިކުފާނުގެ އަރިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ އާންމު މެންބަރުންތަކެއް ގުޅިގެން ވަނީ ޕެޓިޝަނެއް އެކުލަވާލައި ސޮއި ހޯދަން ފަށައިފަ އެވެ.

އެ މެންބަރުން ނިންމާފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން 100،000 މީހުންގެ ސޮޔާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށެވެ.

ބޮމުގެ ހަމަލައިން ލިބުނު ޒަހަމްތަަކަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން އެ މަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް އެ ވާހަކަ ދައްކަވައިފަ އެވެ.

އޭގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އާއެކު ވެސް ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ނަޝީދު ރަސްމީކޮށް އެކަމާ ގުޅިގެން ބައްދަލު ނުކުރައްވަނީ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއާ އެކަންޏެވެ.