Roadha Mihaaru
ނިޒާމީ ވޯޓެއް ނަގަން އެއްބަސްވި ޕާޓީއެއް ނެތް!

ނިޒާމީ ވޯޓަކީ ނަޝީދުގެ ވިސްނުންފުޅެއް، ޕާޓީތަކުން އެއްބަހެއް ނުވޭ!

10 ނޮވެމްބަރ 2021

ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅެއް ކަމަށާއި ވަކި ތާރީހެއްގައި ވޯޓަކަށް ގޮސްގެން ވެރިކަން ފުރޮޅާލުމުގެ އެއްވެސް މަޝްވަރާއެއް އެ މަނިކުފާނާ އެކު ކޮށްފައި ނުވާނެ ކަމަށް ޕާޓީތަކުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅެއް ކަމަށާއި ވަކި ތާރީހެއްގައި ވޯޓަކަށް ގޮސްގެން ވެރިކަން ފުރޮޅާލުމުގެ އެއްވެސް މަޝްވަރާއެއް އެ މަނިކުފާނާ އެކު ކޮށްފައި ނުވާނެ ކަމަށް ޕާޓީތަކުން މިއަދު ބުނެފި އެވެ.

ބަރުލަމާނީ ނިޒާމު ގެންނެވުމުގެ މަސައްކަތުގެ ތެރެއިން، މި ފަހުން ނަޝީދު ވަނީ ޖުމްހޫރީ ޕާޓީ އާއި އެންމެ ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ތިލަކޮށްދެއްވަން ރޭ ފޮނުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ ވޯޓަކަށް ދާން ޕާޓީތައް އެއްބަސް ކަމަށެވެ.

އެ ވޯޓު އޮންނާނީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށާނީ ޖެހިގެން އަންނަ އަހަރު ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު އެދިވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުންގެ އެއްބާރުލެއްވުމަށެވެ.

"ގިނަ ޕާޓީތަކުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް"

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން "މިހާރު" އާ ވާހަކަ ދެއްކެވި ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވީ، ވަކި ތާރީހެއްގައި ނިޒާމީ ވޯޓެއް ނެގުމުގެ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފައިދާ އޮތް ކަމަށް ނަޝީދު އެދިވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވިދާޅުވިޔަސް އެއީ ތާއީދުކޮށް ނުވަތަ އެއްބަސްވެވި ތާރީހަކާ ހަމައަށް ދިޔަ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދުގެ ބައްދަލުވުމުގައި އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. އެ ޕާޓީއާ އެކު އެގޮތަށް ވާހަކަ ދެއްކެވޭ ކަންކަމުގައި ގޮތް ނިންމާނީ ކައުންސިލުން ކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

"ނަޝީދުގެ ވިސްނުންފުޅެއް އެއީ. ވަކި ތާރީހެއްގައި އެކަން ކުރަން އެއްބަސްވެފައެއް ނޯންނާނެ،" ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ނިންމައިގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި ނަޝީދު އަމިއްލަފުޅަށް ބޭއްވި ބައްދަލުވުމެއް ކަން ފަހުން އެނގިވަޑައިގަތް ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނީ ބަރުލަމާނީ ނިޒާމަކަށް ނަޝީދާ އެކު ގާސިމް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ. އެ ބައްދަލުވުމުގައި ވެސް ސާފުކޮށް ގާސިމް ހާމަކުރެއްވީ ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ކަން ކަމަށް އެ ޕާޓީގެ ތަރުޖަމާން، އަދި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވި އެވެ.

ގާސިމް މީގެ ކުރިން އެކި ފަހަރު މަތިން ވަނީ "ބަރުލަމާނީ ނިޒާމު ރާއްޖެ ގެންނަން ހެޔޮނުވާނެ" ކަމަށް ވިދާޅުވެ އެ ނިޒާމުގެ ގޯސްތައް ދައްކަވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމްއާ ނަޝީދު މިހާތަނަށް ނިޒާމީ ވޯޓާ ގުޅިގެން ބައްދަލެއް ނުކުރައްވަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިއަދު ވިދާޅުވީ އެމްއާރުއެމްގެ ޒައީމް އަދި ޕާޓީގެ ސްޓޭންޑް ކުރިން އޮންނާނީ ހާމަކޮށްފައި ކަމަށެވެ.

އެ ޕާޓީން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރަން އެ ޕާޓީގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށެވެ.

"ނިޒާމުގެ ބަދަލުކުރުމުގެ މަޝްވަރާއެއް އެއްވެސް ޕާޓީއަކާ އެކު ކުރިއަކަށް ނުގެންދޭ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ކަމުގައި ހުންނެވި އަދާލަތު ޕާޓީން މިއަދު ބުނީ އެ ޕާޓީން މިވަގުތު އިސްކަން ދެނީ ނިޒާމު ބަދަލުކުރުމަށް ވުރެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް 2023 ގެ ކުރިން ފުއްދެވުމަށް އެހީތެރިވެދޭން ކަމަށެވެ.

"ނަމަވެސް ރައްޔިތުން އެދޭ ނަމަ ނިޒާމާ ގުޅޭ ބަހުސްގައި އޭޕީ ބައިވެރިވާނަން،" އަދާލަތުން ވާހަކަ ދެއްކެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވިދާޅުވި އެވެ.

"މިހާތަނަށް ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާ އެކު ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ."

އޭނާ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި އޭރު އަމަލުކުރަން އެ ޕާޓީގެ ނިންމުން މިހާތަނަށް އަދި ބަދަލުކޮށްފައެއް ނުވެ އެވެ. އޭރު އެ ޕާޓީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް މެމްބަރުން ގާތު ނަޝީދު ރޭ ވިދާޅުވީ 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަން ބޭނުން ނުވުމެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވައި މަސައްކަތް ފެއްޓެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ބަހުސަށް ހައްްލެއް ހޯދުމަށާއި ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށެވެ. އެކަމަކު، ނަޝީދުގެ އެ ވާހަކަފުޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް އޮގަސްޓް، 18، 2007 ގައި ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.