Roadha Mihaaru
ޑރ. އިޔާޒަށް އެމްއެންޔޫގެ ވަޒީފާ އަލުން ދީފި

ޑރ. އިޔާޒަށް އެމްއެންޔޫގެ ވަޒީފާ އަލުން ދީފި

08 އޯގަސްޓް 2022

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާގެ ވަޒީފާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް އަލުން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާގެ ވަޒީފާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް އަލުން ދީފި އެވެ.

އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލުފާޅުކުރުމާއި ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާ ކަމުގެ ތުހުމަތުގައި އޭނާ ވަކިކުރީ ޖުލައި 1، 2021 ގަ އެވެ.

ނަމަވެސް އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން މިދިޔަ ޖޫން 10 ގައި ޓްރައިބިއުނަލުން ނިންމީ ގައުމީ ޔުނިވާސިޓީއާ ދެކޮޅަށެވެ.

އިޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ ޓްރައިބިއުނަލްގެ އަމުރު އިސްތިއުނާފު ނުކުރަން ނިންމައި އަލުން ވަޒީފާ އަށް ނުކުތުމަށް އެމްއެންޔޫއިން އެންގީ ކަމަށެވެ.

ވަޒީފާ އިން ވަކިކުރިއިރު ވެސް އިޔާޒު ހުންނެވީ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އެސިސްޓެންޓް ޕްރޮފެސަރަކީ ލަގަބެކެވެ.

އެ މަގާމާއެކު އޭނާ ވަނީ މިއަދު މަސައްކަތަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

ވަޒީފާ އިން ވަކިކުރި މައްސަލައިގެ އިތުރުން، ވަޒީފާގެ ބަޔާން ނެތި މަސައްކަތް ކުރުވުމާއި ސަސްޕެންޑުކުރި މައްސަލަ އާއި އިންޒާރުދިން މައްސަލަ ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެވެ. އެ ހުރިހާ މައްސަލައެއް ވެސް ނިމުނީ އިޔާޒުގެ ކޮޅަށެވެ.

އެ ކަންކަމުގެ ތެރެއިން ވަޒީފާގެ ބަޔާން ނެތި މަސައްކަތް ކުރުވައިގެން ޓްރައިބިއުނަލުން ވަނީ އެމްއެންޔޫ ޖޫރިމަނާކޮށްފަ އެވެ.

އިޔާޒު ސަސްޕެންޑްކުރީ މާޗު 2019 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އެމްއެންޔޫގެ ގަދަރުކުޑަވާ ގޮތަށް އަމަލުކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް 14 ދުވަހަށް ފަހު ސަސްޕެންޝަން އުވައިލި އެވެ.

އިޔާޒް ވަަޒީފާ އިން ވަކިކުރީ، އަންހެންކުދިން ހިތާނުކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަނިކޮށެވެ. ނަމަވެސް، އިޔާޒު އޭރު ވިދާޅުވެފައި ވަނީ، އެ ވާހަކަތައް ދެއްކެވުމުގެ ބޭނުމަކީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ކަމަށެވެ.