Roadha Mihaaru

ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑިވެލޮޕްމަންޓް ބޭންކު

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ވަކިވުމާ ހަމައަށް ސީއީއޯއަށް ވާނީ މުސާރަދީފައި: ބޭންކް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 މެއި 2025

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ޑިވެލޮޕްމަންޓު ބޭންކުން ނެރުނު ބަޔާނެއްގައި އެހެން ބުނީ، މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

ޑިވެލޮޕްމަންޓް ބޭންކުން ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާ އަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ސީއީއޯ މަގާމުން އިސްތިއުފާ ހުށަހެޅުއްވީ ބޭންކުން މުސާރަ އަދާނުކޮށްގެން ކަމަށް ނުދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބޭންކުން ބުނީ، މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅުއްވި އިސްތިއުފާ، އެ ބޯޑުން ވަނީ އެ ތާރީހުން ފެށިގެން ބަލައިގަނެ، އެކަން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށާއި ސީއީއޯއަށް ވެސް އެ މަހުގެ 23 ގައި އަންގާފައި ކަމަށެވެ.

ބޭންކުން ބުނި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން ސީއީއޯ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ. އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އެ ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އޭނާ އަދާ ނުކުރައްވާ ކަމަށް ޑިވެލޮޕްމަންޓު ބޭންކުން ބުންޏެވެ.

އިސްތިއުފާގެ ނޯޓިސްގެ މުއްދަތުގެ މުސާރައާ ބެހޭ ގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލާގައި އެ ބޭންކުން ބުނީ މައްސަލާގައި ކުރިއަށް ދާނީ އެ ބޭންކުގެ ގާނޫނީ ވަކީލުންގެ ޓީމަކުން ކަމަށެވެ. އަދި އާ ސީއީއޯއަކާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓްގައިވާ ގޮތުން ނޮއެލް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 7 ގަ އެވެ. ޓްރައިބިއުނަލްގެ ވެބްސައިޓުން އެނގޭ ގޮތުގައި ނޮއެލް މައްސަލަ ހުށަހެޅުއްވީ މުސާރަ އާއި އިނާޔަތްތައް ނުލިބިގެންނެވެ. ނަމަވެސް، އޭގެ ތަފްސީލް އެނގޭކަށް ނެތެވެ.

އެކަމަކު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ނޮއެލް ހުށަހެޅުއްވި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ބާތިލްކޮށްފަ އެވެ. މައްސަލަ ބާތިލްކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށް ވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.