Roadha Mihaaru

ޑިވެލޮޕްމެންޓް ބޭންކުން ވަކިވި ސީއީއޯ މުސާރަ ނުލިބިގެން ޓްރައިބިއުނަލަށް

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ޑިވެލޮޕްމެންޓް ބޭންކުން ވަކިވި ސީއީއޯ ޓްރައިބިއުނަލަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

15 މެއި 2025

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓްގައިވާ ގޮތުން ނޮއެލް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

ޓްރައިބިއުނަލްގެ ވެބްސައިޓުން އެނގޭ ގޮތުގައި ނޮއެލް މައްސަލަ ހުށަހަޅާފައިވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބިގެންނެވެ. ނަމަވެސް، އޭގެ ތަފްސީލް އެނގޭކަށް ނެތެވެ.

އެކަމަކު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ނޮއެލް ހުށަހެޅި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ބާތިލްކޮށްފަ އެވެ. މައްސަލަ ބާތިލްކުރި ސަބަބެއް ކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށްވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި އުޅެނިކޮށް ނޮއެލް އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ބޭންކު ލޯންޗުކޮށްފައިވީ ނަމަވެސް، މިހާތަނަށް އަމަލީ މަސައްކަތް ނުފެށެ އެވެ.

ބޭންކުގެ ފުރަތަމަ ސީއީއޯއަކް ހަމަޖެއްސި ނޮއެލް އެންމެ ފަހުން ހުންނެވީ ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންސްފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގަ އެވެ. އަދި 2013 އިން 2016 އަށް އިނގިރޭސި ވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.

އޮކްސްފޯޑު ޔުނިވާސިޓީން މާލީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ނޮއެލް ވަނީ ސްޓާލިން ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަގާމު 2004 އިން 2013 ވަނަ އަހަރަށް އަދާކުރައްވައިފަ އެވެ.