Roadha Mihaaru

ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް އަލަށް މެމްބަރުން އައްޔަންކޮށްފި

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ ބޯޑަށް ހަތަރު މެމްބަރަކު އިއްޔެ އައްޔަންކޮށްފި އެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

30 ޖޫން 2025

ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) ގެ ބޯޑަށް ހަތަރު މެމްބަރަކު އިއްޔެ އައްޔަންކޮށްފި އެވެ.

މިއީ، އެ ބޭންކުގެ ބޯޑަށް މެމްބަރުން އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީބީއެމްގެ ބޯޑުގެ މެމްބަރުގެ ގޮތުގައި ހަތަރު ބޭފުޅަކު އިއްޔެ އައްޔަން ކޮށްފައިވާ ކަމަށެވެ.

ޑީބީއެމްގެ ބޯޑަށް އައްޔަންކުރެއްވި ބޭފުޅުންނަކީ؛

- ހަސަން މިރާސް، މއ. މާފުނަ، މާލެ

- އަހްމަދު އަޒްޔާން ހަމީދު، މ. ލަންސީމޫގެ، މާލެ

- މައީޝާ އިބްރާހިމް، ތިކުރީތު، ދ. ކުޑަހުވަދޫ

- އަޒްމީން ރަޝީދު، ޗަބޭލީވިލާ، ގދ. ރަތަފަންދޫ

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ބޭންކު ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ.

ޑީބީއެމްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް އެ ބޭންކް އިފްތިތާހުކުރުމާ އެކު އައްޔަންކުރި އެވެ. ނަމަވެސް މިދިޔަ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.