Roadha Mihaaru
ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގު ހެޔޮކޮށްފި

ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް ބަދަލުގެނެސް އަގުހެޔޮކޮށްފި

29 ޖޫން 2021

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑުގެ ޕެކޭޖުތަކަށް ބަދަލު ގެނެސް ޑޭޓާ އަގުހެޔޮކޮށްފި އެވެ.

ސަރުކާރުގެ ނިންމުމާ އެއްގޮތަށް ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑުގެ ޕެކޭޖުތަކަށް ބަދަލު ގެނެސް ޑޭޓާ އަގުހެޔޮކޮށްފި އެވެ.

މި ގެނައި ބަދަލާ އެކު މިހާރު 250ރ. އަށް 30ޖީބީ ލިބޭއިރު 490ރ. އަށް 120ޖީބީ އަދި 690ރ. އަށް 200ޖީބީ ލިބޭނެއެވެ. މިއީ ސަރުކާރުން ކަނޑައަޅަފައިވާ އަގުތަކާ އަޅާ ބަލާއިރު ކުޑަ އަގުތަކެކެވެ. ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަކީ 500ރ. އަށް 100ޖީބީ އަދި 700ރ. އަށް 200ޖީބީ އެވެ.

މީގެ އިތުރުން އެލަވަންސް ހުސްވުމުން ލިބޭ ސްޕީޑް ނުވަތަ ތްރޮޓަލް ސްޕީޑު ވެސް ދިރާގުން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން 300ރ. އަށްވުރެ ދަށް ޕެކޭޖުތަކުގެ ސްޕީޑު 2 އެމްބީޕީއެސް އަށް އަދި އެހެން ހުރިހާ ޕެކޭޖެއްގެ ސްޕީޑު ވަނީ 5 އެމްބީޕީއެސް އަށް އިތުރުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. މިއާ އެކު ޕެކޭޖުތަކުގެ އަގު 50 ޕަސެންޓަށް ކުޑަވާނެ އެވެ.

ދިރާގުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ބަދަލާ އެއްގޮތަށް ޑޭޓާ ލިބޭނެ ކަމަށެވެ. އެގޮތުން ޖުލައި 1 ވަނަ ދުވަހުގެ ހެނދުނު 6:00ގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ވެސް މި ބަދަލުތައް ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ، ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކާ" އިން ބެލޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް މިހާތަނަށް ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ވަނީ ފޯރުކޮށްދީފަ އެވެ.

މިދިޔަ މަހު 27 ގައި ސަރުކާރުން އިއުލާންކުރި، އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތަކުގައި އެންމެ ކުޑަ އަގެއްގައި ލިބޭ ޕެޖޭޖެއްގެ ގޮތުގައި ކަނޑަޅައިފައި ވަނީ 250ރ. އަށް ލިބޭ 30 ޖީބީގެ 5 އެމްބީޕީއެސްގެ ޕެކޭޖެކެވެ. މި ޕެކޭޖު ހަމަ މި އަގުގައި ދޭން ދިރާގުން ވަނީ ނިންމައިފަ އެވެ.