Roadha Mihaaru
އަންޖެލާ މާކެލް ދެ ޑޯޒް ޖެއްސެވީ ދެ ވެކްސިނުން

އަންޖެލާ މާކެލް ދެ ޑޯޒް ޖެއްސެވީ ދެ ވެކްސިނުން

23 ޖޫން 2021

ޖަރުމަން ވިލާތުގެ މުސްތަޝާރު އަންޖެލާ މާކެލް، ކޮވިޑް ދިފާއުގެ ފުރަތަމަ ޑޯޒެއްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖެއްސެވުމަށް ފަހު، ދެ ވަނަ ޑޯޒެއްގެ ގޮތުގައި މޮޑާނާ ވެކްސިން ޖައްސަވައިފި އެވެ.

ޖަރުމަން ވިލާތުގެ މުސްތަޝާރު އަންޖެލާ މާކެލް، ކޮވިޑް ދިފާއުގެ ފުރަތަމަ ޑޯޒެއްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖެއްސެވުމަށް ފަހު، ދެ ވަނަ ޑޯޒެއްގެ ގޮތުގައި މޮޑާނާ ވެކްސިން ޖައްސަވައިފި އެވެ.

ޖަރުމަން ސަރުކާރުގެ ތަރުޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކޮވިޑް ދިފާއުގެ ފުރަތަމަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނަކާ ވެކްސިން ޖެއްސުމަށް ފަހު، އަންޖެލާ މާކެލް ދެ ވަނަ ޑޯޒްގެ ގޮތުގައި މޮޑާނާ ވެކްސިން ޖެއްސެވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެއް ބައްޔެއްގެ ދިފާއުގައި ދެ ބާވަތެއްގެ ވެކްސިނުން ޑޯޒް ފުރިހަމަ ކުރުމަކީ ފަހަރެއްގައި ރަނގަޅު ކަމަކަށް ވެދާނެ އެވެ. ނަމަވެސް، މިއީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ކަމަށް، ޔަގީންކަމާ އެކު ބުނަން އަދި މާއަވަސް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ޖަރުމަން ވިލާތާއި ޔޫރަޕްގެ ގިނަ ގައުމުތަކުގައި ގިނަ މީހުންނަށް ދެމުން އައީ އެސްޓްރާޒެނެކާ ވެކްސިނެވެ.

ނަމަވެސް އެ ވެކްސިން ޖެހި ބައެއް މީހުންނަށް، ލޭ ގަނޑުވުމުގެ މައްސަލައެއް ކުރިމަތިވުމާ ގުޅިގެން، ޖަރުމަނާއި ވިލާތުގެ ގިނަ ގައުމުތަކުގައި އެ ވެކްސިން ޖެހުން، މިދިޔަ މާޗް މަހުގެ ތެރޭގައި މެދުކަނޑައިލި އެވެ.

އެކަމާ ގުޅިގެން، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ދިނުން ޖަރުމަން ވިލާތުގައި ހުއްޓައިލި އެވެ. ނަމަވެސް އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެސް މިހާރު މި ވެކްސިން ޖަހައިދެ އެވެ.

އެސްޓްރާޒެނެކާގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، ވެކްސިން ޕްރޮގްރާމް ޖަރުމަނު ވިލާތުގައި މަޑުޖެހިގެން ދިޔަ އެވެ. ނަމަވެސް މީގެ ތިން ހަފުތާ ކުރިން ފެށިގެން، ވެކްސިން ޕްރޮގްރާމް މިހާރު ވަނީ ހަލުވިކޮށްފަ އެވެ. ޖަރުމަން ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ވެކްސިން ޖަހާ އާބާދީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުންނަށް، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާރު ދެވިއްޖެ އެވެ.

ކޮވިޑުން ދިފާއުވުމަށްޓަކައި، ދެ ބާވަތެއްގެ ވެކްސިނުން ދެ ޑޯޒް ޖެހުމަކީ ސިއްހީ ގޮތުން ކޮން ކަހަލަ ކަމެއްކަން ކަށަވަރު ކުރުމަށް މިހާރު ވެސް އަންނަނީ ދިރާސާތައް ކުރަމުންނެވެ. އެގޮތުން، އެސްޓްރާޒެނެކާ ވެކްސިނާއި ފައިޒާ ވެކްސިން އިން ދެ ޑޯޒް ފުރިހަމަ ކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް، އިނގިރޭސި ވިލާތުގައި ދާދި ފަހުން ވަނީ ދިރާސާއެއް ކޮށްފަ އެވެ.

އެ ދިރާސާ އިން އެނގުނު ގޮތުގައި، ދެ ބާވަތުގެ ވެކްސިނުން ދެ ޑޯޒް ފުރިހަމަ ކުރި ބޮޑެތި މީހުންގެ ހަށިގަނޑުން ވަރަށް އާދައިގެ ސައިޑް އިފެކްޓްތައް ފެނެ އެވެ. އަދި ބައެއް ފަހަރު މެދުމިނުގެ ސައިޑް އިފެކްޓްތައް ވެސް ފެނިފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ގައިގައި ރިއްސުމާއި ހޮޑުލެވުމާއި ބޮލުގައި ރިއްސުން ފަދަ ކަންތައް ހިމެނެ އެވެ.

ކޮވިޑާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ އެއްވެސް ބާވަތެއްގެ ވެކްސިނެއް، އެކަށީގެންވާ މިންވަރަށް އުފެއްދިފައި ނުވާތީ، ވެކްސިން ލިބުމުގެ ދަތިކަން ހުރިހާ ގައުމުތަކަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

އެހެންކަމުން، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުގައި، ބައެއް ގައުމުތަކުން މިހާރު ދެ ޑޯޒް ފުރިހަމަކުރަނީ ދެ ވެކްސިނުންނެވެ.

ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް ވެކްސިންގެ ދެ ބާވަތަކުން ދެ ޑޯޒް ފުރިހަމަ ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެ ގޮތަށް ދެ ޑޯޒް ފުރިހަމަ ކުރުމުން، ކޮވިޑް ވަބާއާ ދެކޮޅަށް ހަށިގަނޑުގައި އުފެދޭ ދިފާއީ ބާރު، އެއް ވެކްސިނަކުން ދެ ޑޯޒް ފުރިހަމަކުރުމަށް ވުރެ، ވަރުގަދަވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ދިގު މުއްދަތަކަށް އޭގެ ދިފާއު ހަށިގަނޑުގައި ހުރުން ވެސް އެކަށީގެންވެ އެވެ. އޭގެ އިތުރުން، ކޮވިޑް ވައިރަހުގެ އަލަށް އުފެދޭ ބާވަތްތަކާ ދެކޮޅަށް ވެސް ހަށިގަނޑުގައި ދިފާއު ވަރުގަދަވުން އެކަށީގެންވެ އެވެ.